ކުރީގެ ސަރުކާރުތަކުން މިފްކޯއަށް މަސް ގަތުމަށް ދެމުން ދިޔަ ސަބްސިޑީ މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށާއި، މަސް ގަތުމަށް މިހާރު އެ ކުންފުންޏަށް އެންމެ ރުފިޔާއެއް ވެސް ސަރުކާރުން ނުދޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުން ލިބޭ ޑޮލަރު މި ސަރުކާރުގައި އިތުރުވެފައިވަނީ، ރާއްޖެއިން މަސް ބޭރު ކުރުމުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ. ކުރީގެ ސަރުކާރުތަކުގައި މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ހައްލު ނުކުރެވި، އެ ސިނާއަތަށް ބޮޑެތި އިހުމާލުތަކެއް ވެފައި އޮތް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ބައްލަވާ 40 އަހަރު މިވީ [ޅ.] ފެލިވަރުގައި އެންމެ ފެކްޓްރީއަކާ އެކު. އެކަމަކު މަސްވެރިކަމުގެ ވާހަކަ ހުރިހާ ސަރުކާރުތަކުން ދައްކާ،" ޝިޔާމް ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ބުރު ދޭތެރޭ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސް ކިލޯއެއް 25 ރުފިޔާއަށް ގަންނަ ގޮތަށް ހެދި ނިންމުމަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވީ، އެ ނިންމުމުގެ ސަބަބުން ކިލޯއަކަށް 13 ރުފިޔާ ސަރުކާރުން މިފްކޯއަށް ސަބްސިޑީގެ ގޮތުގައި ދައްކަން ޖެހުނު ކަމަށެވެ. އަދި މިފްކޯއަށް އަހަރަކު ގާތްގަނޑަކަށް 123،000 ނުވަތަ 125،000 ޓަނުގެ މަސް ކިރައިފިނަމަ، ބިލިއަނުން ސަބްސިޑީ ދޭން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު ހިތަށްއަރާ ކީއްވެގެންބާއޭ ބިލިއަނުން ހަރަދު ނުކުރީ އިންފްރަސްޓްރަކްޗާ ގާއިމް ކުރަން [ނުވަތަ] ފެކްޓްރީތައް އަޅަން. ހަމަ ސިޔާސީ ގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މި ތިބެނީ. އަޅުގަނޑަށް މިއަދު ދަންނަވަން ކެރޭ މިހާރު މިފްކޯއަށް މަސް ގަންނާކަށް ސަރުކާރުން، މަސް ގަންނާށޭ ކިޔާފައި އެންމެ ރުފިޔާއެއް ވެސް މިފްކޯއަކަށް މިހާރު ނުދޭ،" ޝިޔާމް ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި މަސް ޕްރޮސެސް ކުރެވޭ ޖުމްލަ ކެޕޭސިޓީއަކީ، ފެލިވަރު ކާރުހާނާގެ 50 ޓަނާއި އަމިއްލަ ކުންފުނިތަކުގެ ކެޕޭސިޓީ އެއްކޮށްލުމުން ދުވާލަކު 105 ޓަނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތައް ނިމުމުން މަސް ޕްރޮސެސް ކުރެވޭ އަދަދު ތިން ގުނަ އިތުރު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފ. ނިލަންދޫ، ގދ. ފިޔޯރީ އަދި ފެލިވަރުގައި ހުރި 50 ޓަނުގެ ފެކްޓްރީތައް 100 ޓަނަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މަހުން ލިބޭ އާމްދަނީ އިތުރު ކުރެވޭނީ ރޯމަސް ފިނިކޮށްގެން ބޭރު ކުރުމުގެ ބަދަލުގައި، މަހަށް އަގު އިތުރު ކޮށްގެން ބޭރު ކުރެވިގެން ކަމަށް ކޮންމެ ވެރިއަކު ވެސް ގަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް ކުރީ ސަރުކާރުތަކުން އެގޮތަށް އަމަލު ނުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ވެސް މިއަދު އޮތީ ފަހި މާހައުލެއް ކަމަށާއި، ސަރުކާރުގެ ހެޔޮ ސިޔާސަތުތަކުގެ ސަބަބުން މަސް އެކްސްޕޯޓް ކުރާ އަދަދާއި މަހުން ލިބޭ އާމްދަނީ ވެސް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ