ޝަރުތު ހަމަނުވުމުން ޕާޓީ އުފައްދަން ކަމާލުއްދީންގެ ހުށަހެޅި ފޯމް ބާތިލުކޮށްފި

ޝަރުތު ހަމަނުވުމުން ޕާޓީ އުފައްދަން ކަމާލުއްދީންގެ ހުށަހެޅި ފޯމް ބާތިލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 ޖުލައި 2021 04:58
0

ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އަބްދުﷲ ކަމާލުއްދީން ހުށަހެޅި ފޯމަކީ ބާޠިލް ފޯމެއް ކަމުގައި އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އޮލެކްޝަނުން ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އަލްފާޟިލް އަބްދުﷲ ކަމާލުއްދީން ހުށަހެޅި ފޯމަކީ ބާޠިލް ފޯމެއް ކަމުގައި މިއަދު ކޮމިޝަނުން ނިންމައިފައިވާކަމަށެވެ.

އިލެކްޝަނުން ބުނީ ކަމާލުއްދީންގެ ފޯމް ބާތިލް ކޮށްފައިވަނީ ފޯމް ހުށަހެޅުއްވި އިރުވެސް އެމްއާރުއެމްގެ މެމްބަރެއްގެ ގޮތުގައި ކަމާލުއްދީންގެ ނަން އޮތުމުން ކަމަށެވެ.

ސިޔާސީ ޕާޓީއެއް ހެދުމަށް ހުށަހެޅުމަށްފަހު ކަމާލުއްދީން އާންމުކުރި ސިޓީއެއްގައި ބުނެފައިވަނީ އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރިކަމަށެވެ. މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ، ޤައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.

ކަމާލުއްދީން ވިދާޅުވީ ޕާޓީއާ ގުޅޭ އިތުރު މަޢުލޫމާތު، އިލެކްޝަން ކޮމިޝަނުން ޕާޓީ އުފެއްދުމަށް ހުއްދަ ދެއްވުމުން ޙިއްސާ ކުރައްވާނެކަމަށެވެ.

ކަމާލުއްދީން ޕާޓީއެއް ހަދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި މިވަނީ، ޖުމްހޫރީ ޕާޓީ ތެރެއިން އިތުރު ޕާޓީއެއް އުފައްދަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރިފައި ވަނިކޮށެވެ. މީގެއިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްވެސް ވަނީ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.