މިނިމަމްވޭޖަކީ އަސާސީ މުސާރަ، އެހެން އިނާޔަތްތަކެއް އޭގެ ތެރެއަށް އެއް ނުކުރެވޭނެ: ލޭބާ ޕާޓީ

މިނިމަމްވޭޖަކީ އަސާސީ މުސާރަ، އެހެން އިނާޔަތްތަކެއް އޭގެ ތެރެއަށް އެއް ނުކުރެވޭނެ: ލޭބާ ޕާޓީ

Author
މުޙައްމަދު ޝަޒައިމް
14 ޖުލައި 2021 01:00
0

މިނިމަމްވޭޖް ކަނޑައެޅުމުގައި އަސާސީ މުސާރައިގެ ތެެރެއަށް ސީދާ އަދިނުސީދާ އިނާޔަތްތަށް ހިމެނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީން ގޮވާލައިފިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް ލޭބާ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާންމު އެންމެހައި މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެންމެ ކުޑަވެގެން ދެވޭނެ އުޖޫރައެއް ކަނޑައެޅުމަކީ ނުހަނު މުހިންމު ކަމެއްކަމުގައިރައްޔިތުން ޤަބޫލުކުރާކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިޙާބްތަކުގައި މަސައްކަތްތެރިންނަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅިގެންދާނެ އަދަދުތަކާއިއެކު އެކުލަވާލެވިފައިވާ މެނިފެސްޓޯއަކަށް މަސަކަތްތެރިންގެ ތެރެއިން ގިނަބަޔަކު ތާއީދުކޮށް، މަސައްކަތްތެރިންނަށް އެންމެކުޑަމިނުން ދެވޭނެ އުޖޫރައެއް (މިނިމަމް ވޭޖް) ލިބުމަށް އުންމީދުކޮށް ވޯޓް ދެއްވައިފައިވާ ކަމީ ޤަބޫލުކުރަންޖެހޭ ހަޤީގަތެއް ކަމަށް އެޕާޓީން ބުނެއެވެ.

ނަމަވެސް މިހާތަނަށްވެސް ވަޢުދުވެ ހިސާބުކުރެވިފައިވާ މިނިމަމް ވޭޖް ކަނޑައެޅި މަސަކަތްތެރިންނަށް އޭގެ މަންފާ ލިބެމުންނުދާކަމާއި، މިނިމަމްވޭޖް ކަނޑައެޅުމުގައި އާންމުކޮށް ދުނިޔޭގައި އަމަލުކުރެވެމުންދާ ގޮތްތަކާއިޙިލާފަށް މަސައްކަތްތެރިންނަށް ސީދާކޮށް އަދި ނުސީދާކޮށްދެވޭ އިނާޔަތްތަށް ހިމަނައިގެން މިނިމަމްވޭޖް ކަނޑައެޅުމާއި، ބިދޭސީމަސައްކަތްތެރިން މިނިމަމްޓޭޖުން މަހުރޫމު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވައިފައިވުން އަނބުރާގެންދެވުމަށް ލޭބާ ޕާޓީން ވަނީ ގޮވާލާފައެވެ. އަދި މިނިމަމްކޭޖަކީ ހަމައެކަނި އަސާސީމުސާރަ ކަމުގައި ކަނޑައެޅުއްވުމަށްވެސް ވަނީ ގޮވާލާފައެވެ.

އެހެންކަމުން ވީހާވެސް އަވަސް މުސްތަޤުބަލެއްގައި މިނިމަމް ވޭޖެއް ކަނޑައަޅާއި ދިނުމަށް މިޕާޓީން ގޮވާލަން. މިނިމަމް ވޭޖް ވީހާވެސް އަވަސްކޮށް މަސައްކަތްތެރިންނަށް ވެފައިވާ ވައުދު ތަކަށް އިހްތިރާމް ކުރުމަކީ މަސައްކަތްތެރިންގެ އިޙްތިރާމް ލިބިގެންދާނޭ ކަމެއްކަމުގައިވެސް ދެކެން. މި ޕާރޓީން އަބަދުވެސް މަސައްކަތްކުރަނީ އެންމެހައި ރައްޔިތުންގެ ހަމަހަމަކަމާއި ހައްޤުތައް ރައްކާތެރިކޮށް، ހާއްސަކޮށް މަސައްކަތްތެރިންގެ އިޤްތިޞާދީ، އިޖްތިމާއީ ހަމަހަމަކަމާއި ސިޔާސީގޮތުން ބާރުވެރި ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި ރައްޔިތުންނާއެކު ދެމިތިބުމަށް.

– ލޭބާ ޕާޓީން ބުނެފައިވެއެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ ޢަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައަޅަންވާނެކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އަދި މީގެ އިތުރުން ވަކި މަސައްކަތެއްގައި ނުވަތަ ވަކި ދާއިރާއެއްގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ވަކިން ބަޔާންކުރުމާއެކު، މިގޮތުން ކަނޑައަޅާ އުޖޫރައެއް ދިނުމުގައި ވަޒީފާދޭ ފަރާތްތަކުން އެ އަމުރަކަށް ފުރިހަމައަށް ޢަމަލުކުރުމަށް ވަކި މުއްދަތެއް ނުވަތަ މުއްދަތުތަކެއް ކަނޑައަޅާފައިވާނަމަ، އެކަން ބަޔާންކުރަންވާނެކަމަށްވެސް ޤާނޫނުގައި ވަނީ ބުނެފައެވެ.

މިނިމަމްވޭޖް ކަނޑައެޅުމުގައި 9 ދާއިރާއެއް ވަނީ ޚާއްސަކޮށްފައެވެ. އެދާއިރާތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާއެވެ. މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ، އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއާއި މެރިޓައިމް ދާއިރާއެވެ.

ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރ ވަނީ މިއަހަރުގެ ތެރޭގައި މުވައްޒަފުންގެ ސިއްހަތާއި ސަލާމަތާ ގުޅޭ ބިލަކާއި ޓްރޭޑް ޔޫނިއަންގެ ބިލެއް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.