ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން އަބަދުވެސް ފެންނަމުންދަނީ ބައިބައި ވުމާއި، އެކަކު އަނެކަކު ކުރިއަރައިގެން ދިޔަ ނުދިނުމުގެ ރޫހުގައި މަސައްކަތް ކުރުމުގެ ޝައުގުވެރި ކަމެވެ. ނަތީޖާއެއްގެ ގޮތުން، މިހުރިހާ ކަމެއްގެ ނިމުން ގުޅިފައި އޮންނަނީ ސިޔާސީ ގޮތުން އުފެދޭ ނަފްރަތާއި، ކޯޅުމާއި ސިޔާސީ ހަމަނުޖެހުމާއެވެ.
2008ވަނަ އަހަރުގެ އާ ގާނޫނު އަސާސީއާއެކު ރާއްޖެ ބަލައިގަތް މަލްޓި ޕާޓީ ޑިމޮކްރަސީއަށްފަހު، މިބައިބައިވުންތައް ހަމަ އެކަނި ފެނިގެން ދިޔައީ ވާދަވެރި ސިޔާސީ ފަރާތްތަތަކުގެ ކިބައިންނެއް ނޫނެވެ. މިދެންނެވުނު ސިޔާސީ ބައިބައިވުންތައް ވަނީ، އޭރަކު ވެރިކަން ކުރަމުން އައި ޕާޓީތަކުގެ ތެރެއިންވެސް ފެނި، ހަމަނުޖެހުމާއި ނަފްރަތުގެ ކުރިތައް ފަޅާ، އަދި އޭގެ ސަބަބުން ޕާޓީތައް ބައިބައިވެސް ކުރުވާފައެވެ. ސިޔާސީ ލީޑަރުންގެ މެދުގައި އެތަކެއް ޒަމާންތަކެއް ވަންދެން އޮތް އެކުވެރި ރަހުމަތްތެރިކަމުގެ ގުޅުން ބަރުބާދުވެ، އަދި ހަމަ އެއާއެކު، އޮތް އެއްބަޑު އެއްބަފާކަމުގެ ގުޅުންވެސް ގިނަފަހަރަށް ހުރީ ބަރުބާދު ވެގެން ގޮސްފައެވެ.
ހަމައެއާއެކު، މިގޮތުން އުފެދޭ ސިޔާސީ ދެކޮޅުވެރިކަމުގައި، ރާއްޖޭގެ ބޮޑެތި ބައެއް ސިޔާސީ ޕާޓީތައް ބައިބައިވެގެން ގޮސްފައިވާއިރު، ފާއިތުވެދިޔަ ތަނުގައި ފެނިގެން ގޮސްފައިވަނީ، މި ބައިބައިވުންތަކުގެ އެންމެ ބޮޑު ފައިދާއެއް އޭރަކު އޮންނަ އިދިކޮޅު ޕާޓީއަކުން ނަގާ، އޭގެ ބޭނުންކޮށް، ވެރިކަމާ ހަމައަށްވެސް ދަތުރު ކޮށްފައިވާ މަންޒަރެވެ.
މީގެ އެންމެ ފުރިހަމަ މިސާލަކީ، ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއެމްގެ ތެރޭގައި އުފެދިގެންދިޔަ ބައިބައިވުމުގެ ފައިދާ ނަގާ، އޭރުގެ އިދިކޮޅުގަ އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ ވެރިކަމަށް އައި އައުމެވެ.
އެމްޑީޕީއަށް ލިބިގެން ދިޔަ ހަގީގީ ދިރުމަކީ ޕީޕީއެމްގެ ތެރޭގައި އުފެދުނު ބައިބައިވުން
ސިޔާސީ ލީޑަރުންގެ ހިކުމަތު އަމަލީ ގިނަފަހަރަށް އެގި ފާޅުވެގެން ދަނީ، ކުރިމަތިވާ ބޮޑެތި ސިޔާސީ ގޮންޖެހުންތަކުގެ ތެރެއިންނެވެ. ނުވަތަ އުފެދޭ ސިޔާސީ ކޯޅުންތަކާއި، އަދި ކުރިމަތިވާ ހަލަބޮލިކަމާ ކުރިމަތިލާ، ކުރި ހޯއްދަވާ ގޮތުގެ މައްޗަށެވެ.
2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނިމި، އެމްޑީޕީއަށް ކުރިމަތި ވެގެންދިޔަ ބޮޑު ނާކާމިޔާބީއަށްފަހު، އެޕާޓީ ނުހަނު ބަލިކަށި ވެގެން ދިޔައެވެ. އަދި ޕާޓީއަށް ވެރިކަން ލިބިގެން ނުދިއުމުގެ އިތުރަށް، އެޕާޓީގެ ލީޑަރުގެ މައްޗަށް ދިގު މުއްދަތުގެ ޖަލުހުކުމެއްވެސް އައީއެވެ. ނަތީޖާއަކަށް ވެގެންދިޔައީ، އެޕާޓީ އިތުރަށް ބައިބައިވެ، އާންމު އުސޫލުން، ޕާޓީއާއި ދުރަށްވެސް އެތައް ބަޔަކު ދިޔައީއެވެ. އަދި ކުރު ގޮތަކަށް ދަންނަވަނީ ނަމަ، އެމްޑީޕީ އޮތީ ގޮތް ހުސްވެފައެވެ.
އެހެންނަމަވެސް، މިހާލަތުގައި އެމްޑީޕީ ވަނިކޮށް، ކޯލިޝަން ވެރިކަމެއްގައި އޭރު އޮތް ސަރުކާރުގެ ތެރޭގައި، ހިންހަމަ ނުޖެހުމާއި ނުތަނަވަސްކަން އުފެދި، އެންމެ ފަހުން ކޯލިޝަންގައި ރެނދު ލާން ފެށީއެވެ. އަދި މާގިނަ ދުވަހެއް ނުވެ، އޭރުގެ ކޯލިޝަންގައި އޮތް އަދާލަތު ޕާޓީ ކޯލިޝަނާއި ދުރަށް ގޮސް، އެންމެ ފަހުން ޖުމްހޫރީ ޕާޓީވެސް ސަރުކާރާ ޚިޔާލު ތަފާތުވެ، ކޯލިޝަނުން ވަކިވާ ހިސާބަށް ހާލަތު ގޯސްވީއެވެ.
ދެން އުފެދިގެން އައީ، ރައީސް ޔާމިންގެ ސަރުކާރަށް ހަގީގީ ލޮޅުމެއްއައި، އޭރު ވެރިަމުގައި އޮތް ޕީޕީއެމްގެ އެތެރޭގެ ކޯޅުންތަކެވެ. މި ކޯޅުންތަކުގައި، ރައީސް ޔާމިންއާއި ރައީސް މައުމޫނާ ދެބޭފުޅުންގެ މެދުގައި ގުޅުން ގޯސްވެ، އެންމެ ފަހުން ރައީސް މައުމޫން އޭރުގެ ސަރުކާރަށް އޮތް އެމަނިކްފާނުގެ ތާއީދު އަބުރާ ގެންދެވީއެވެ.
އަދި އެއަށްފަހު، ރައީސް މައުމޫނުވެސް ހިމެނޭ ގޮތުން، ރައީސް ޔާމީންގެ ސަރުކާރާ ޚިޔާލު ތަފާތުވެ އެތަކެއް ސިޔާސީ ލީޑަރުނެއް ޖަލަށް ލެއްވީއެވެ.
2013ގެ ރިޔާސީ އިންތިޚާބަށްފަހު އެމްޑީޕީ އެންމެ ބަލިކަށި ވެފައި އޮތް ދަނޑިވަޅުގައި، އެޕާޓީން ހަގީގީ ސިޔާސީ ފައިދާ ނެގި ދަނޑިވަޅަކީ މިއީއެވެ. ރައީސް ނަޝީދު ހިއްޕެވީ، އެމަނިކުފާނުގެ ޒަމާންވީ ސިޔާސީ ހަތުރުންގެ އަތްޕުޅުގައެވެ. ކޯލިޝަން ހެއްދެވީ ރައީސް މައުމޫނާއެކީއެވެ.
ރައިސް ޔާމިން ޖަލަށް ލެއްވި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް އެންމެ ހަރުއަޑުން ވަކާލާތު ކުރަން ފެށީވެސް އެމްޑީޕީންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ، ދެން ކައިރި ނުވެވޭ މިންވަރަށް ރައީސް މައުމޫނާއި ރައީސް ޔާމިންއާއި ދުރުވެ، އަބަދަށް ދާއިމަށް ދެބޭފުޅުން ސިޔާސީ ހަތުރުންނަށް ވެެގެން ދިއުމެވެ. އަދި މި ހަތުރުވެރި ކަމުގެ އެއް ސަބަބަކަށް ވެގެން ދިޔައީވެސް، ރައީސް މައުމޫން އިދިކޮޅު ފަރާތްތަކާ އެއްގަލަކަށް އަރުއްވާ، ސަރުކަރާ ދެކޮޅަށް ކުރައްވަން ފެއްޓެވި މަސައްކަތްތެކެވެ.
މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ރައީސް ނަޝީދު އުފަލާއެކީ ރައީސް މައުމޫންގެ އަތުގައި ހިއްޕެވީވެސް މި ހިސާބު ރަގަޅަށް ޖައްސަވައިގެންކަމެވެ. ހަމަ އެފަދައިން، ޖުމުހޫރީ ޕާޓީ ސަރުކާރާ ފެއަށް ޖެހިގެން ދިޔަ ދަނޑިވަޅު ބަލާ، އެމްޑީޕީން ޖުމުހޫރީޕާޓީއާއެކީވެސް ކޯލިޝަންހަދާ، އެޕާޓީއަށްވެސް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެވޭނެ ރަގަޅު ޕްލެޓްފޯމެއް ދެއްކިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، 2013ގެ ރިޔާސީ އިންތިޚާބަށްފަހު ސިޔާސީ ގޮތުން ނުހަނު ބަލިކަށި ވެފައިއޮތް އެމްޑިޕީއިން، ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ ހަކަތަ ހޯދާ، ސަރުކާރާ ޚިޔާލު ތަފާތު ހުރިހާ ޕާޓީތަކާއި އެކީ އެއްބަސް ވުމަކަށް އައީ ހަގީގަތުގައިވެސް އެއް އެއްބަސްވުންތަކުން އެޕާޓީއަށް ފައިދާތަކެއް ފެންނާން އޮތީމައެވެ.
އަދި 2018ގައި އެމްޑީޕީއަށް ވެރިކަމަށް އާދެވުމުގެ ހަގީގީ އަސްލަކީވެސް، މިއީ ކަމުގައި މިއަދ ދަންނަވަން ޖެހެއެވެ.
އެމްޑީޕީ އެތެރޭގެ ބޮޑު ހައިޖާންގަޑެއް! ޕީޕީއެމް އިން ބުނަނީ، އެއްވެސް ބަޔަކާ ގުޅުމެއް ނުބާއްވާނެ ކަމަށް
ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއެމް ބައިބައިވެގެން ދިޔަ ބީދައިން، މިއަދު ވެރިކަމުގައި އޮތް އެމްޑީޕީ މިއޮތީ ބައިބައިވެ، އަލުން އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ޚިޔާލު ފަތާތުވުންތަކެއް އެޕާޓީގެ ލީޑަރޝިޕްގެ ތެރެއަށް ވެރިވެފައެވެ. ޕީޕީއެމްވެސް ބައިބައިވެ، ރައީސް މައުމޫނާ ރައީސް ޔާމިނާ ދެބޭފުޅުންނަށް ތާއީދު ކުރާ މީހުންގެ މެދުގައި ޕާޓީ ދެބަޔަކަށް ބެހި، ޕާޓީ ތެރޭގައި ފެކްޝަން އުފެދި، ޕާޓީ ބަލިކަށިވެގެން ދިޔަ ބީދައިން، އެމްޑީޕީ މިއަދު އޮތީ ރައީސް ސޯލިހުއާއި، ރައީސް ނަޝީދާއި ދެބޭފުޅުންގެ މެދުގައި ދެބަޔަކަށް ބެހިފައެވެ.
ޕާޓީގެ ތެރޭގައި ރަސްމީ ސިފައެއްގައި މަސައްކަތް ކުރާ ދެ ފެކްޝަނެއް އެބައޮތެވެ.
އަދި ހަމަ އެފަދައިން، ރައީސް ޔާމީންގެ ވެރިކަމުގައި، ރައީސް މައުމޫން ސަރުކާރަށް އޮތް ތާޢީދު އަބުރާ ގެންދަވާ، އޭރުގެ އިދިކޮޅު ފަރާތްތަކާ އެކީ މަސައްކަތް ކުރައްވަން ފެއްޓެވި ފަދައިން، ރައީސް ނަޝީދުވެސް މިވަނީ، މި ސަރުކާރަށް އެމަނިކްފާނު ކުރަމުން އައި ތާއީދު އަބުރާ ގެންދަވާފައެވެ. އަދި އެންމެ ފަހުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ދެން މަސައްކަތް ކުރައްވަން ބޭނުންފުޅުވަނީ ރައީސް ޔާމިނާ އެކީގައި ކަމަށެވެ.
އެހެންނަމަވެސް، ރައީސް ޔާމިންގެ ވެރިކަމުގައި އެމްޑީޕީ ބައިބައިވެ، އޭގެ ފައިދާ އޭރުގެ އިދިކޮޅު ފަރާތްތަކުން ނުހަނު ފުރިހަމަޔަށް ނެގި ކަމުގައިވި ނަމަވެސް، މިއަދުގެ އިދިކޮޅު ފަރާތްތަކުގެ ކިބައިން އަދި ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ސިޔާސީ ގޮތުން ޚިޔާލު އެއްގޮތްކޮށް، އެކީގައި މަސައްކަތް ކުރުމަށް ދެއްވި ދައުވަތަށް ޕީޕީއެމްއިން ރައީސް ނަޝީދަށް ދިން ޖަވާބަކީ، އެކީގައި މަސައްކަތް ކުރާނޭ އެހެން ޕާޓީއެއް ހޯއްދެވުމަށް އެމިންފާނަށް ދެންނެވުމެވެ.
އަދި ހިގަމުންދާ އެމްޑީޕީގެ އެތެރޭގެ ކޯޅުމުގެ އަލިފާން އިންތިހާއަށް ރޯވެފައި ވަނިކޮށް، އެންމެ ބޮޑު އިދިކޮޅު ޕާޓީން، ސިޔާސީ ގޮތުން ކުރި ހޯއްދެވުމަށް މި ނެރުއްވި ސިޔާސަތުގެ އަސްލު ހަގީގަތް ގިނަބަޔަކަށް އަދިވެސް ސާފެއް ނުވެއެވެ.
އެހެންނަމަވެސް، ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، ކޮންމެ ޕާޓީއެއްވެސް އިދިކޮޅުގައި އޮންނައިރު، ހަރަކާތްތެރި ވާންޖެހޭނީ ވެރިކަމުގައި އޮންނައިރަށް ވުރެ ހިތް ތިރިކޮށްފައި، އަދި އޭރަކު އޮންނަ ސަރުކާރެއް ބަލިކަށި ކުރެވެން އޮތްގޮތަކުން ސަރުކާރެއް ބަލިކޮށްލުމުގެ ވިސްނުމުގެ ތެރެއިން ކަމެވެ. ސަބަބަކީ، އަލުން ވެރިކަމަށް އައުމުގެ ވިސްނުން ހުރި އިދިކޮޅު ޕާޓީއެއް ކަމުގައިވާ ނަމަ، މި ނޫން ފޯމިއުލާއެއްގެ ތެރެއިން އޭރަކު އޮންނަ ސަރުކާރެއް ބަލި ކޮށްލުމަށްފަހު ވެރިކަމަށް އައުމަކީ މުސްތަހީލު ކަމަކަށް ގިނަފަހަރު ވެގެން ދާނެތީއެވެ.
މިގޮތުން ރައީސް ނަޝީދުގެ ދައުވަތަށް ޕީޕީއެމްގެ ލީޑަރޝިޕުން ދިން ހަރުކަށި ޖަވާބުން އެތައް ބަޔަކަށް ވަނީ ހައިރާން ކަމެއް ގެނުވާފައެވެ.
އެހެންނަމަވެސް ޕީޕީއެމްއިން ގަބޫލު ކުރަންޖެހޭނެ ހަގީގަތަކީ، އެޕާޓީ އޮތީ އިދިކޮޅުގައި ކަމެވެ. އަދި ޕާޓީގެ ލީޑަރުވެސް ހުންނެވީ ޖަލުގައި ކަމެވެ. މިގޮތުން، އަމުދުން މިހާލަތުގައި އިދިކޮޅުގައި އޮވެ، ގިނިކަންޏާ ހަގުރާމަ ކޮށްގެން ސަރުކާރާ ދެކޮޅަށް ކާމިޔާބެ ނުހޯދޭނެ ކަމެވެ. ޕާޓީ ވެރިކަމުގައި އޮވެ، ކިތަންމެ ހަރުކަށި ސިޔާސަތެއް އިސްކުރި ކަމުގައިވި ނަމަވެސް، ކޮންމެ ޕާޓީއަކުންވެސް އިދިކޮޅުގައި ކުޅެން ޖެހުމުން ހިތްތިރިކޮށްގެން، ސިޔާސީ ގޮތުން ދޫދީގެން، ނެގެން އޮތް ފައިދާއެއް ނަގައިގެން މެނުވީ ކުރިއެރުމެއް ނުލިބޭނެ ކަމެވެ.
އެހެނަމަވެސް، މިއާ ޚިލާފަށް، ޕީޕީއެމްގެ ލީޑަރޝިޕުން މިއަދު ފެންނަމުންދަނީ ވަރަށް ތަފާތު ސިޔާސަތެކެވެ. ސިޔާސީ ހަރުކަށި ސިޔާސަތެވެ. ސަރުކާރާ ޚިޔާލުފަތާތު އެއްވެސް ބަޔަކާ މަޝްވަރާ ކުރުމުގެ ވިސްނުމެއްވެސް ނެތެވެ. އަލަށް އުފައްދާ ޕާޓީތަކާވެސް އޮތީ ދެކޮޅުވެރިކަމުގެ ސިޔާސަތެކެވެ.
ސިޔާސީ ގޮތުން ކުޅިފަސް ހޯދުމަށް، ޕާޓީ ޕްލެޓް ފޯމުގެ ބިންގާ ފުޅާކޮށް ވަރުގަދަ ކުރުމުގެ އެއްވެސް ވިސްނުމެއް ޕީޕީއެމްގެ ލީޑަރޝީޕުން އަދި ފެންނާކަށް ނެތެވެ. ޕާޓީގެ ލީޑަރޝިޕްގައި ތިބި ބަޔަކު، ތިބި ގޮތަކަށް ދެމި ތިއްބަވާ، އެހެން ހުރިހާ ސިޔާސީ ޕާޓީތަކާއި ދިމާލަށް ގާއުއްކަވާ، ސިޔާސީ ހަމަލާ އަމާޒުކުރުން ނޫން އެހެން ސިޔާސަތެއް އަދި ފެންނާކަށް ނެތެވެ.
ސިޔާސީ ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، އިދިކޮޅުގައި ކުޅެން ޖެހުމުން، ހިތްތިރިކޮށްފަ، ބައި ބޮޑުކޮށްގެން، ސިޔާސީ ގޮތުން ކުރިއެރުން ހޯދަން މަސަައްކަތް ކުރުން ނޫން ހައްލެއް ނޯނާނޭކަން ޕީޕީއެމް ލީޑަރޝިޕަށް ގަބޫލު ނުކުރެވުން ވެގެން ދާނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ޕީޕީއެމްއަށް ކުރިމަތި ވެގެންދާނެ ވަރަށްބޮޑު ގޮންޖެހުމަކަށެވެ.
އަދި އަމުދުން އަބުރާ ވެރިކަމަށް އައުމަށް ކުރިމަތިވެގެންދާނެ އެއަށްވުރެ ބޮޑު ގޮންޖެހުމަކަށް ކަމުގައެވެ.