މިއީ ރައީސްކަން ކުރެއްވި ބޭފުޅުން ސިޔާސީ މައިދާނުން އެކަހެރިވާންވީ ވަގުތު: އަލްހާން

މިއީ ރައީސްކަން ކުރެއްވި ބޭފުޅުން ސިޔާސީ މައިދާނުން އެކަހެރިވާންވީ ވަގުތު: އަލްހާން

ގުޅުންހުރި

މިއީ ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން ސިޔާސީ މަސައްކަތުން އެކަހެރިވެ ވަޑައިގެން އެހެން ބޭފުޅުންނަށް ފުރުސަތު ދޭންވީ ވަގުތު ކަމުގައި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، ސިޔާސީ ވާދަވެރިކަމުގައި ކުރީގެ ރައީސުން އަލުން ވެރިކަމަށް އައުމަށް ކުރައްވަމުންދާ މަސައްކަތަކައި ގުޅިގެން އަލްހާން ވިދާޅުވީ، ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުން ކޮށްދެއްވި ޚިދުމަތް ދިވެހި ރައްޔިތުން ޝުކުރުވެރި ކަމާއިއެކު ބަލައިގަންނަ ކަމަށެވެ. ނަމަވެސް އެބޭފުޅުން އަލުން ވެރިކަމަށް ވަޑައިގަތުމަށް ކުރައްވަމުންދާ މަސައްކަތަކީ ދިވެހި ރައްޔިތުން ތާއީދު ކުރާ މަސައްކަތެއް ނޫންކަމަށް އަލްހާން ވިދާޅުވިއެވެ.

ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް މައުމޫނާ، ރައީސް ނަޝީދާ ރައީސް ވަޙީދާ، ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަކީ ދިވެހިންގެ މެޖޯރިޓީން ބޭނުންވާ ކަމެއް ނޫންކަމަށްވެސް އަލްހާން ވިދާޅުވިއެވެ. ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ވެރިކަމަށް އައުމަށް މިހާރުވެސް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް ނަޝީދާއި، ރައީސް ޔާމީންއާއި، ރައީސް ވަހީދުވެސް ހިމެނި ވަޑައިގަންނަވައެވެ.

ރައީސް މައުމޫނާ، ރައީސް ނަޝީދާ ރައީސް ވަޙީދާ، ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަކީ ދިވެހިންގެ މެޖޯރިޓީން ބޭނުންވާ ކަމެއް ނޫން! ދެއްވި ޚިދުމަތަށް ޝުކުރު ދަންނަވަމުން، ސިޔާސީ މައިދާނުން އެކަހެރި ވެވަޑައިގަތުމަށް އިލްތިމާސް ކުރަން! ޤަބީލާތަކާ ރޫޙާނީ ލީޑަރުންގެ ޒަމާނެއް ނޫން!

– އަލްހާން ވިދާޅުވިއެވެ.

ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އެއްވެސް ބޭފުޅަކު ވިދާޅުވެފައި ނުވެއެވެ. ނަމަވެސް ފުރުސަތު ލިބިއްޖެނަމަ ވެރިކަމަށް ކުރިމަތި ލައްވާނެކަމަށް ކުރީގެ ރައީސް ވަހީދުވެސް ވަނީ ވިދާޅުވެފައެވެ. ވެރިކަމަށް އައުމަށް ކުރީގެ ރައީސުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމުގެ ތެރެއިން ބޮޑުވަޒީރަކަށް އައުމަށެވެ. ކުރީގެ ރައީސުންގެ ތެރެއިން ރައީސް ޔާމީން ހުންނެވީ މިހާރުވެސް 5 އަހަރުގެ ޖަލު ހުކުމެއްގައެވެ.

ރައީސްކަން ކުރައްވާފައިބޭފުޅުންނަކީ މިހާރުވެސް ދައުލަތުން ބޮޑު ހޭދައެއް ކުރައްވައިގެން ބަލަހައްޓަވަމުންދާ ބޭފުޅުންނެވެ. ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެއެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ. މީގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތެއް ކުރައްވަން އެ ބޭފުޅަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި އޮފީހާއި މުވައްޒަފުންގެ ހަރަދާއި އެހެނިހެން ކަންކަމަށް 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ