ހުސްވެފައިވާ އޮޑިޓާ ޖެނެރަލް ގެ މަޤާމަށް ޙުސައިން ނިޔާޒީ ޢައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނިޔާޒީ އަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ. ޙުސައިން ނިޔާޒީ މިހާތަނަށް ހުންނެވީ އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަޤާމުގައެވެ.
އެންމެ ފަހުން ހުންނެވި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ނިޔާޒީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިިދިޔަ ބުރާސްފަތި ދުވަހުއެވެ. ނިޔާޒީ އޮޑިޓަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވުމަށް، ހުސައިން ނިޔާޒީގެ ނަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނިމިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ. އެމަޤާމަށް އައްޔަންކުރަން ނިޔާޒީގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ، އެމަޤާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމުންނެވެ.
ރާއްޖޭގެ އެންމެ ސީނިއަރ އެއް ޗާޓާޑް އެކައުންޓެންޓްކަމަށްވާ ނިޔާޒީއަކީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ 18 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ