ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އާ ސެކްރެޓަރީ ޖެނެރަލަކަށް، ކުރީގެ ޓީޓީ ކުޅުންތެރިޔާ ތަމޫހް ސައީދު އަދި ފައިނޭންޝިއަލް ޑައިރެކްޓާ ކަމަށް ކުރިން ވެސް ހަޒާންދާރަކަށް ހުންނެވި ހުސައިން ރަޝީދު އައްޔަން ކޮށްފިއެވެ.
ތަމޫ އެމްއޯސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ހޮވާފައި ވަނީ އިއްޔެ ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމުގައެވެ. މި ބައްދަލު ވުމުގައި ތަމޫގެ އިތުރުން ހުސެއިން ރަޝީދު (ހުސެން) ވަނީ ފިނޭންސް ޑިރެކްޓަރަކަށް އައްޔަން ކޮށްފަ އެވެ. މި ދެ ބޭފުޅުން ވެސް މަގާމަށް ހޮވީ އެމްއޯސީގެ ހިންގާ ކޮމިޓީގެ ވޯޓުގެ ފުރިހަމަ ތާއީދާއެކުއެވެ.
އެމްއޯސީގެ ގަވާއިދުގައި މިހާރު ވާ ގޮތުން ސެކްރެޓަރީ ޖެނަރަލްކަމާއި ފައިނޭންޝިއަލް ޑައިރެކްޓާގެ މަގާމަށް މީހަކު އައްޔަން ކުރާނީ، އެމްއޯސީގެ އެގްޒެކެޓިވް ކޮމިޓީން ފާސް ކުރުމަށް ފަހު އެވެ. އެމްއޯސީގެ އާ ރައީސް މުހައްމަދު އަބްދުސައްތާރު (ޗަމްޕީ) ގެ ދައުރު އިއްޔެ ރަަސްމީކޮށް ވަނީ ފަށައިފައެވެ.
ސެކެޓްރީ ޖެނެރަލްގެ މަގާމާއި ހަވާލު ވިއިރު، މިހާރު ތަމޫ ހުރީ އެމްއޯސީގެ ފަރާތުން ނެޝަނަލް ސްޕޯޓްސް ކައުންސިލްގައި އިންނަ މެމްބަރަކަށެވެ. ތަމޫ އަކީ ކުޅިވަރު ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ގައުމީ ބޭންކް، ބީއެމްއެލްގައި މަސައްކަތް ކުރައްވަމުން ގެންދަވާ، ހުސައިން އަކީ ވެސް ކުރިން ޓީޓީ ކުޅުއްވި ބޭފުޅެކެވެ. އެމްއޯސީގެ ހަޒާންދާރުކަން މިދިޔަ ދެ ދައުރުގައި ވެސް ކުރެއްވީ އޭނާ އެވެ. މަގާމުގެ ޓައިޓަލް ބަދަލުވިޔަސް، އެމްއޯސީގައި އޭނާ ކުރައްވާނީ ކުރިން ވެސް ކުރައްވަމުން ގެންދެވި މަސައްކަތެވެ.
ކޮމެންޓު ފޮނުވާ