ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ނިމިފައި އޮތް ތަހުގީގެއް އަލުން ކުރިއަށް ގެންދަން އުޅުނުނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން ތަހުގީގު މަޖިލީހުން ތަނާޒުލުވެއްޖެ އެވެ.
ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީކުރުމަށް އެ ރަށް ދިގުމުއްދަތަކަށް ކުއްޔަށް ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގަށެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވީ އެ މައްސަލައަކީ ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައެއް ކަމަށްވާތީ ދެ ވަނަ ފަހަރަށް އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ގާނޫނު ތަންނުދޭ ކަމަށެވެ.
ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ، ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މީގެ ކުރިން ގާނޫނީ އިންޒާރުދީ ސުވާލުކޮށް، ބަޔާންނަގައި ނިމިފައިވާ މައްސަލައެއްގައި އަލުން ގާނޫނީ އިންޒާރުދީ ބަޔާން ނެގުމަށް އުޅުމުން، އެކަމުގެ ގާނޫނީ ހުއްޖަތު ދެއްކުމަށާއި އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރުސަތު ދިނުމަށް އެދުމުން ފުލުހުން އެ ފުރުސަތު ނުދިން ކަމަށެވެ.
"އެ ފުރުސަތު ނުދީ ގަދަކަމުން ތަހުގީގު ކުރިއަށް ގެންދަން ފުލުހުން އުޅުމުން، މުވައްކިލު ހައްގު ހިމާޔަތް ނުކުރެވޭތީ، އަޅުގަނޑުމެން ވަކީލުން ވަނީ ތަހުގީގުގެ އެ މަޖިލީހުން ތަނާޒުލުވެފައި،" ޑރ ޖަމީލް
ދިނުމަށް އެދުމުން ވެސް އެފުރުޞަތު ނުދީ ގަދަކަމުން ތަހުޤީޤު ކުރިއަށް ގެންދަން ފުލުހުން އުޅުމުން، މުވައްކިލު ޙައްޤު ޙިމާޔާތް ނުކުރެވޭތީ، އަޅުގަނޑުމެން ވަކީލުން ވަނީ ތަހުޤީޤުގެ އެ މަޖިލީހުން ތަނާޒުލުވެފައެވެ. 2/2 pic.twitter.com/C81mGjpEIA
— Mohamed Jameel Ahmed (@MJameelAhmed) July 12, 2021
ނަމަވެސް ފުލުހުން ބުނީ ރައީސް ޔާމީން މިއަދު 14:00 ގައި ހާޒިރު ކުރީ ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން ނޫން ކަމަށެވެ. އަދި ވަކީލުންނަށް ވެސް އުސޫލުގެ ތެރެއިން ފުރުސަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް ރައީސް ޔާމިން ހާޒިރުކުރީ ސީދާ ކޮން މައްސަލައަކާއި ގުޅިގެން ކޮން ސަބަބަކާހުރެ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ.އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމިން މިހާރުވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް މިވަގުތު ހުންނެވީ ވަގުތީގޮތުން ގޭ ބަންދުގައެވެ.
ކޮމެންޓު ފޮނުވާ