ކްރިމިނަލް ކޯޓިގެ އިސް ޤާޒީ އަބްދުﷲ މުހައްމަދު ހިފާ ހައްޔަރުކޮށް، އިންސާނީ ހައްގުތަކާއި ޚިލާފަށް ބަންދުކޮށްގެން ގެންގުޅުނު މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭ ކަމުގައި ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރަން ގޮވާލައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މުޒާހަރާ ކުރަނިކޮށް، ހައްޔަރުކޮށް ދައުވާ ކުރި މައްސަލައިގައި އޭރު ދައުލަތުގެ ބައެއް މަގާމުތަކުގައި ތިބި މީހުން މާފަށް އެދެން އަންގަން އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލައަށް އިޝާރާތް ކުރައްވައި ހައިލަމް ވިދާޅުވީ މިފަދަ މައްސަލަތައް ވެއްދުމަށްވުރެ އޭރުގެ ވެރިކަމުގައި އިންސާނިއްޔަތާއި ޚިލާފަށް ހިންގި ކަންކަމަށް އޭރުގެ ވެރިން މަޢާފަށް އެދުން މާ އައުލާކަން ބޮޑުކަމަށެވެ.
ރައީސް ނަޝީދުގެ ސީދާ އޯޑަރަށް އަބްދުﷲ ޤާޒީ ހައްޔަރުކޮށްގެން ހިންގާފަައިވާ ޖަރީމާތަކަކީ އިންސާނިއްޔަތާއި ޚިލާފަށް ހިންގި ބޮޑު ޖަރީމާއެއްކަމަށް އޭރު އެޗްއާރުސީއެމްއިން ނެރުނު ރިޕޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ.
ދަޢުވާކުރެވުނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާ ކަނޑައެޅިގެން ޚިލާފުވުމުން. އަދި ދަޢުވާކުރެވުނު މައްސަލަ ވަނީ ނިހާއީ ޙުކުމެއްގެ ގޮތުގައި ކަނޑައެޅިފައި. ދައުލަތް ހިންގުމުގެ ބާރުން ޤާނޫނީ އިޖުރާއާތާ ޚިލާފަށް، 2012 ގައި ޢަބްދުالله ޤާޟީ ހައްޔަރުކޮށްގެން، ގެންގޮސް 22 ދުވަހު ގިރިފުށީގައި ގެންގުޅުނީ. މިއީ، ނިޒާމީ ސިފައެއްގައި ރާވައިގެން މީހުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަންނަ ގޮތަކީ. މިކަމަށް ރައީސް މުހައްމަދު ނަޝީދު ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދުން މާ ރަނގަޅުވާނެ.
– ހައިލަމް ވިދާޅުވިއެވެ.
އެޗްއާރުސީއެމްއިން އޭރު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު 2012 ޖެނުއަރީ 16 ވަނަ ދުވަހުގެރޭ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބެލުމުގެދަށަށް ގެންގޮސް ގިރިފުށީގައި ބަހައްޓާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރާއްޖޭގެ ޤާނޫނުތަކާއި، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދޭ މިނިވަންކަމާއި އިންސާނީ ޙައްޤުތަކާ ޚިލާފަށް ކަމަށް ތަޙުޤީޤަށް ސާބިތުވެފައިވާކަމަށެވެ. އަދި ޢަބްދުﷲ މުޙައްމަދު ގިރިފުށީގައި ބަންދުކޮށްފައި ހުރިއިރު، އޭނާއަށް ޖިސްމާނީގޮތުން އަނިޔާއެއްކޮށްފައި ނުވިނަމަވެސް، އެކިގޮތްގޮތުން، ޢަބްދުﷲ މުޙައްމަދުގެ އިންސާނީ ކަރާމާތް ނަގާލައި، މަޖުބޫރުކޮށްގެން އޭނާ ލައްވައި ކަންތައްތަކެއް ކުރުވުމަށް މަސައްކަތް ކޮށްފައިވާކަމާއި، އޭނާ މަޤާމުން ދުރުކުރުމަށް އަދި ރާއްޖެއިންބޭރަށް ފޮނު ތަކުރާރުކޮށް މަސައްކަތްކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާކަމަށެވެ.
ޢަބްދުﷲ މުޙައްމަދު ގިރިފުށްޓަށް ގެންދިއުމާއި، ހައްޔަރުކޮށްގެން ގެންގުޅުމާއި، އޭނާއަށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ލިބިދޭ އެންމެހާ ޙައްޤުތަކުން މަޙުރޫމް ކުރުމުގެ އަމަލުތައް ހިންގާފައިވާ އެންމެ އިސް އެއްފަރާތަކީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުކަމާއި، އޭނާގެ ދަށުން މިކަމުގައި ސިފައިންގެ އެކިފަރާތްތަކަށް އަމުރުކޮށްފައިވަނީ، އޭރުގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ، ޠަލްހަތު އިބްރާޙީމް ކަލޭފާނުކަން މިތަޙުޤީޤަށް ސާބިތުވެފައިވާކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ. އަދި މިއޮޕަރޭޝަން ހިންގާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިންކަމަށް ވާތީ، ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން، މޫސާ ޢަލީ ޖަލީލުވެސް، މިކަމުގައި ޒިންމާ ނަގަންޖެހޭކަމަށް ޤަބޫލުކުރެވެއެވެ. މީގެއިތުރުން، މިމައްސަލާގައި، ޣައިރު ޤާނޫނީ އަމުރުތައްކުރި ފަރާތްތަކާއި، އެއަމުރުތަކަށް ތަބާވި ފަރާތްތައްވެސް އެކިމިންވަރަށް ޒިންމާވާންޖެހޭކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ.
One Response
ޚުދުއަބްދުއްﷲ ޤާޒީވެސް އެބަޖެހޭ ޤާޒީގެ އަމިއްލަފުޅު ހައިސިއްޔަތުން ޤާޒީގެ ހަށްގަށް އަންނި އަރައިގެންފައި ވާތީ އަންނިއާމެދު ދައުވާކުރަން؟އަންނިއާމެދު ދައުވާކުރީ ސަރުކާރުންއެކަނި