ކުރީގެ ޑިފެންސް މިނިސްޓަރ، އަދި މިހާރުގެ ދަގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ޖުމްހޫރީ ޕާޓީން ވަކިވެ، ސިޔާސީ ޕާޓީއެއް ހައްދަވަން އުޅުއްވާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ނާޒިމްއަށް މަލާމާތް ކުރައްވައިފިއެވެ.
މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ދަގެތީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަވަނީ، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ބައެއް މެމްބަރުންގެވެސް ތާއީދާއެކީއެވެ. މިއާއިއެކު ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ތަމްސީލް ކުރައްވާ މެމްބަރުންގެ އަދަދުވެސް މަދުވެގެން ދާނެއެވެ. ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުވެސް ވަނީ އިއްޔެ ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެންފައެވެ.
ޖުމްހޫރީ ޕާޓީގެ ޓެލެގްރާމް ގްރޫޕުގައި މިކަމާއި ގުޅޭގޮތުން ދެެކެވުނު ވާހަތަކުގައި ޤާސިމްވަނީ ހިނިގަނޑުގެ އިމޯޖީއެއް ފޮނުވަފައެވެ. އަދި ވިދާޅުވެފައިވަނީ ނާޒިމްވެސް އެއީ ވަކި ކަކުތޯ ކަމުގައެވެ.

ނާޒިމް އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާއިރު، އޭނާ މީގެކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް 2019ވަނަ އަހަރުގެ ނޮވެމްބަރުމަހު އޭނާވަނީ ގާސިމް އިބްރާހިމްގެ އެޑަވައިޒަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އޭރު ނާޒިމް ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ، މި ސަރުކާރު ވެރިކަމަށް އައުމުގައި އެންމެ ބޮޑު ހިއްސާއެއްވެސްވި، ޖުމުހޫރީ ޕާޓީގެ މިސްރާބު ހުރިގޮތުން، ޕާޓީއާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމުގައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވި މައިގަނޑު ސަބަބަކީ އެއީކަމަށާއި، އެސަބަބާހުރެ ޕާޓީގެ މަސައްކަތުގައި އުޅުއްވަން ދަތި ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުންވެސް ޖުމުހޫރީ ޕާޓީގެ އިސް ސަފުގައި އުޅުއްވި ގިނަ މެމްބަރުތަކެއް ފަހަކަށް އައިސް ވަނީ ޕާޓީގެ މަސައްކަތްތަކުން ގެއްލިގަފައެވެ. މީގެތެރޭގައި ޖުމުހޫރީ ޕާޓީގެ ލީޑަރޝިޕްގައި މަސައްކަތް ކުރައްވަމުން ވަޑައިގެން، ތިމަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުވެސް ހިމެނިވަޑައިގަންނަވައެވެ.
ކާނަލް ނާޒިން އިސްވެ ހުންނަވާ އުފައްދަވާ ސިޔާސީ ޕާޓީ ވުޖޫދަށް އައުމުން އެ ޕާޓީ ވެގެންދާނީ ރާއްޖޭގައި މިހާރު ހިންގަމުންދާ 11 ވަނަ ސިޔާސީ ޕާޓީއަށެވެ.
މިގޮތުން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިހާރުވެސް 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވިފައި އެބައެވެ. މީގެތެރޭގައި، އެންމެ ފަހުން ރަޖިސްޓްރީ ކުރެވުނު، ރައީސް މައުމޫންގެ އެމްއާރުއެމް އާއި، އޭގެ ކުރިން ރަޖިސްޓްރީ ކުރެވުނު، ކުރީގެ ނާއިބުރައީސް އަހުމަދު އަދީބުގެ ތާރޑްވޭ ޑިމޮކްރަޓިކް ޕާޓީވެސް ހިމެއެވެ. މީގެ ކުރިން ރާއްޖޭގައި އުފެދުނު ބައެއް ޕާޓީތަށް މިހާތަނަށް އައި އިރު އުވިފައި ވެސް ވެއެވެ.
ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ކާނަލް ނާޒިމްވަނީ ކުރިން ޕީޕީއެމްގައިވެސް އުޅުއްވާފައެވެ. އަދި އެއަށްފަހު ރައީސް ޔާމިންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް، ގެއިން ފިސްތޯލައެއް ފެނި، އޭނާގެ މައްޗަށް ދައުވާކުރެވި ޖަލަށްވެސް ލެވުނެވެ. ނާޒިމް ޖަލުން މިނިވަން ކުރެވުނީ، ރައީސް އިބުރާހިމް މުހައްމަދު ސާލިހު، 2018ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވުމާއި ގުޅިގެން، އޭރު ބޮޑެތި ހުކުމްތައް ކުރެވި ޖަލަށް ލެވިފައިވާ ސިޔާސީ ކުއްވެރިންގެ ހުކުމްތައް ސުޕްރީމް ކޯޓުން އަލުން މުރާޖައާކޮށް އެހުކުމްތައް ބާތިލް ކުރުމާއި ގުޅިގެންނެވެ.
ނާޒިމްވަނީ ރައީސް ޔާމިންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރ ކަމާއި، ހެލްތު މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ