"މަވެސް ޕީޕީއެމް" ކެމްޕޭން މިއަދު މާލޭގައި ކުރިއަށްގެންގޮސްފި

"މަވެސް ޕީޕީއެމް" ކެމްޕޭން މިއަދު މާލޭގައި ކުރިއަށްގެންގޮސްފި

Author
ޢަލީ އާދަމް
11 ޖުލައި 2021 08:58
0

އިދިކޮޅު ޕާޓީ، ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމުގެ "މަވެސް ޕީޕީއެމް" ކެމްޕޭން މިއަދު މާލޭގައި ކުރިއަށްގެންގޮސްފި އެވެ.

ކޮވިޑް-19އަށް މެދުކަނޑާލުމަށް ފަހު، ކެމްޕޭން އަލުން މި ފެށީ ޕީޕީއެމްގެ އަންހެނުންގެ ހަރަކާތުން އިސްނަގައިގެންނެވެ.

ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ކެމްޕޭނުގެ ތެރެއިން އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ޕާޓީއަށް އިތުރު 10،000 މެމްބަރުން ހަމަކުރުމަކީ އަމާޒެއް ކަމަށެވެ. ހީނާ ވިދާޅުވީ މެމްބަރުން އިތުރުކުރުމުގެ ކެމްޕޭން މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް ކުރިއަށް ދާނެ އެވެ.

މީގެ އިތުރުން މި ހަރަކާތަކީ، ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ އިންތިހާބުގައި އެމަނިކުފާނު ރިޔާސަތަށް ގެނައުމަށްޓަކައި ކުރާ މައްސައްކަތްތަކަށް އިތުރު ފޯރިޔަކާ ޖޯޝެއް ގެނައުމަށް އަންހެނުންގެ ހަރަކާތުގެ ފަރާތުން އިސްނަގައިގެން ފެށި ހަރަކާތެއް ކަމަށް ހީނާ ވިދާޅުވި އެވެ.

މީގެ ކުރިންވެސް ޕީޕީއެމުން ވަނީ "މަވެސް ޕީޕީއެމް" ނަމުގައި ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންގޮސްފަ އެވެ.

2011 ވަނަ އަހަރުގެ އޯގަސްޓް މަހު 17 ވަނަ ދުވަހު އުފެއްދި ޕީޕީއެމްގެ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު ތިބި މެމްބަރުންގެ ޖުމްލަ އަދަދަކީ 38،020 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.