ނަޝީދުގެ އެންމެ އަސާސީ ހައްޤު ހިމާޔަތްކޮށް ދިނުމުގައި ސަރުކާރު ފެއިލްވެއްޖެ: ދިޔާނާ

ނަޝީދުގެ އެންމެ އަސާސީ ހައްޤު ހިމާޔަތްކޮށް ދިނުމުގައި ސަރުކާރު ފެއިލްވެއްޖެ: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2021 12:43
0

އެމްޑީޕީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ފެއިލް ވެފައިވަކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުންނާއި، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދައުލަތުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދޭންޖެހޭ މީހެއްގެ ގޮތުގައި ރައީސް ނަޝީދު ވެފައިވާއިރު، ނަޝީދަށް އަމާޒުކޮށް މޭމަހުގެ 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއިން އެމަނިކުފާނުގެ ސަލާމަތްތެރިކަން ކަށަވަރު ނުކުރެވުނުކަން ހާމަވެފައިވާކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

އަދި މިކަމުގައި ދައުލަތް ފެއިލްވެ، ދައުލަތަށް ބޮޑު އިމްތިހާނެއް ކުރިމަތިވެފައިވާ މިހާލަތުގައި، ރައީސް ނަޝީދަށް ފުރިހަމަ އިންސާފު ހޯދުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށް ދިޔާނާ ވިދާޅުވިއެވެ. ރައީސް ނަޝީދަށް ހިމާޔަތް ދިނުމުގައި ސަރުކާރު ފެއިލްވި ނަމަވެސް އިންސާފު ހޯދުމުގައި ސަރުކާރު ފެއިލްވާންޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށާއި، ފަސްޖެހުމެއްނެތި ނަޝީދަށް އިންސާފު ހޯދުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމުގައި ދިޔާނާ ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދަށް ފުރިހަމަ އިންސާފު ލިބެންޖެހޭ. މިއީ ހައްޤާއި، އިންސާފާއި، އަޚުލާގިއްޔަތުގެ ބޮޑު އިމްތިހާނެއް. އެމަނިކުފާނުގެ އެންމެ އަސާސީ ހައްޤު ހިމާޔަތްކޮށް ދިނުމުގައި ސަރުކާރު ފެއިލްވެއްޖެ. އެކަމަށް އިންސާފު ހޯދައި ދިނުމުގައި ފެއިލް ވެގެން ނުވާނެ، ފަސް ޖެހިގެން ނުވާނެ.

– ދިޔާނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދޭ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ވަނީ އެކުލަވާލައި ފާސްކޮށްފައެވެ. އަދި ރިޕޯޓުގައި ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ވަނީ ހުށަހަޅާފައެވެ. މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ ޖުމްލަ 45 ހުށަހެޅުމަކާއެކުއެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް މުހިއްމު ހުށަހެޅުންތަކަކީ ރައީސް ނަޝީދު އުޅުއްވާ ވަގުތުތަކާއި ނޫޅުއްވާ ވަގުތުގައިވެސް އެ މަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ކޮންޓްރޯލްކޮށް، ހަތިޔާރާއެކު 24 ގަޑި އިރު ފޯރިމެރުމާއި، ހަމާލާއާއި ގުޅޭ ކަންކަމުގައި އިހުމާލުވި މީހުންނާއި ޒިންމާ އަދާނުކުރި ފަރާތްތައް ވަކިކޮށް ފިޔަވަޅުއެޅުމާއި، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިސަރުން އަަހަރަކު އެއް ފަހަރު އެމީހުންގެ މައްސަޢޫލިއްޔަތު އަދާކުރެވޭ ފެންވަރުހުރިތޯ ދެނެގަތުމާއި، އިންޓެލިޖެންސާ ބެހޭ އެކްޓެއް ނުވަތަ ޚާއްސަ ގާނޫނެއް އެކުލަވާލުން ހިމެނެއެވެ.

ހަމައެހެންމެ ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންނާއި ފުލުހުންނާ މަޝްވަރާކޮށް، ރައީސަށް ލަފާދޭ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް ހަމަޖެއްސުމަށާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭސްއެއް ގާއިމްކުރުމަށްވެސް މި ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.