ކޮބާ ސާއިދާއެކު ޔޫރޯ ފައިނަލަށް ތައްޔާރު ތަ؟

ކޮބާ ސާއިދާއެކު ޔޫރޯ ފައިނަލަށް ތައްޔާރު ތަ؟

Author
ޢަލީ އާދަމް
11 ޖުލައި 2021 07:17
0

މިދުވަސްވަރު ކުރިއަށްދާ ޔޫރަޕުގެ އެންމެބޮޑު ފުޓުބޯޅަމުބާރާތް ޔޫރޯގެ ފޯރި ދިވެހިންގެ މެދުގައި ވެސް ވަކި ކުޑައެއް ނޫނެވެ. މުބާރާތް ނިމުމަކާއި ގާތްވެފައި ވާއިރު އެކިއެކި ފަރާތްތަކުން ގެންދަނީ މިފަހަރުގެ ޔޫރޯގެ ޗެމްޕިއަން ޓީމް ދިމާކުރުމާއި ފައިނަލްމެޗްގެ ސްކޯ ދިމާކޮށްގެން އަގުހުރި އެކިއެކި އިނާމްތައް ހޯދުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދެމުންނެވެ.

ޔޫރޯ 2020ގެ ފޯރީގެ ތެރެއިން އެންމެ ފާހަކޮށްލެވޭ އަދި ތަފާތު މަސައްކަތެއް ކުރާތަން ފެނިގެންދިޔައީ ތިނަދޫގެ ޒުވާނުން އިސްނަގައިގެންނެވެ. އެޒުވާނުން ޔޫރޯގެ ފޯރިގެނައުމަށް މިދުވަސްވަރު ދިވެހިންގެ ތެރޭގައި މަގްބޫލުވެފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ކްލަބް ހައުސް ތެރޭގައި ފެށުނު ހަރަކާތްތަކެއްގެ ތެރެއިން ވަނީ، ފުރަތަމަފަހަރަށް ޔޫރޯގެ މެޗްތަކެއްގެ ދިވެހި ކޮމެންޓްރީ ގެނެސްދޭން ފަށާފައެވެ.

"ޔޫރޯ ފޯރި ތެނަދޫ"ގެ ނަމުގައި ތިނަދޫގެ ޒުވާނުން އިސްނަގައިގެން ފެށި މި ހަރަކާތް ވެގެންގޮސްފައި މިވަނީ ވަރުގަދަ އިޖުތިމާޢީ ޙަރަކާތަކަށެވެ. އެހެނީ މި ހަރަކާތަކީ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ލައިވް ކޮމެންޓްރީ ދިވެހި ބަހުން ގެނެސްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތަކަށް ވުމެވެ. މި ހަރަކާތުގައި މެޗްގެ ރައިންގ ކޮމެންޓްރީ ގެނެސްދެނީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ގާބިލް ރޭޑިއޯ ކޮމެންޓޭޓަރ ސާއިދު އަޙްމަދެވެ.

މިއަހަރުގެ ދިވެހި ލީގުގެ މެޗެއްގެ ލައިވް ކޮމެންޓްރީ ސާއިދު ގެނެސްދެނީ – ފޮޓޯ: ޚަބަރު އޮންލައިން

"ރޫޙު ވަނީ ތިނަދޫގައޭ" މި މައިގަނޑު ނަމުގެ ދަށުން ކުރިއަށްގެންދާ މިޙަރަކާތުގެ ތެރެއިން ދިވެހިބަހުން ލައިވް ކޮމެންޓްރީ ގެނެސްދިނުމުގެ އިތުރުން ދަނޑުމަތީގައި ހިނގާ ކަންކަމާއި މުބާރާތާއި ގުޅޭ އެހެނިހެންވެސް މަޢުލޫމާތު ފުޓުބޯޅައިގެ ތަޖުރިބާ ކާރުން ބައިވެރިކޮށްގެން އަންނަނީ ގެނެސްދެމުންނެވެ. މީގެ އިތުރުން ހެޔޮއެދޭ އެކިއެކި ފަރާތްތަކުން އިނާމުތައް ހުށަހަޅައިގެން ފައިންލަ މެޗްގެ ސްކޯ ދިމާކުރުމާއި މޮޮޅުވާނެ ޓީމު ދިމާކުރުން ފަދަ ކަންކަންވެސް ކުރިއަށްގެންދެއެވެ. އެގޮތުން ޚަބަރު އޮންލައިންގެ ފަރާތުންވެސް މިހަރަކާތުގެ ތެރެއިން ފައިނަލްމެޗްގެ ސްކޯ ދިމާކުރާ ފަރާތްތަކުން ގުރުއަތުން ނެގޭ ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ބަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން އިޓަލީ އާއި އިނގިރޭސީން ބައްދަލުކުރާ ފައިނަލްމެޗް ބެލުމަށް ހުޅުމާލޭ ކެފޭ ޑި ވަކަރުގެ ނުވަތަ މަޝްހޫރު ނަމުންނަމަ ނޫރޭ ކެފޭގައި ހިލޭ ކޮފީއާއެކު ބޮޑު ސްކްރީންގައި ދިވެހި ކޮމެންޓްރީއާއެކު މެޗް ބެލޭނެ އިންތިޒާމް ހަމަޖައްސާފައި ވާކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދިނެވެ. މީގެ އިތުރުން ހުޅުމާލޭ ޔޫތު ސިޓީ ކްލަބްހައުސް އިންވެސް "ޔޫރޯ ފޯރި ތެނަދޫ"ގެ ލައިވް އިވެންޓް ގެނެސްދިނުމަށް ވަނީ ނިންމާފަ އެވެ.

ފައިނަލް މެޗް ހާއްސަ ކޮށްލުމުގެ ގޮތުން ރޭގަނޑު 9:30 އިން ފެށިގެން ކްލަބްހައުސްގެ ޝޯވ ފެށުމަށް ތިނަދޫގެ ޒުވާނުން މިހާރު ނިންމާފައި ވާއިރު، 9:30 އިން 10:30 އަށް ރާއްޖޭގެ މަޝްހޫރު ބައެއް ފަންނާނުންގެ ހުށަހެޅުންތައް ގެނެސްދީ 10:30 ފެށިގެން މެޗްގެ ޕްރީޝޯވް ގެނެސްދިނުމަށް ތިނަދޫގެ ޒުވާނުންނާއި، މިކަމުގައި އެންމެ މުހިންމު އެއް މޭސްތިރި ކޮމެންޓޭޓަރ ސާއިދު އަޙްމަދު މިހާރު ވަނީ ތައްޔާރުވެފަ އެވެ.

މިއީ ބައިނަލް އަޤުވާމީ މިފަދަ ބޮޑު ފުޓްބޯޅަ މުބާރާތެއްގެ ދިވެހި ކޮމެންޓްރީ އިވިގެންދާ ފުރަތަމަ ފަހަރެވެ. އަދި ލޮލުގެ ފެނުމުން މަޙުރޫމްވެފައިވާ މީހުންނަށް އަމާޒުކޮށްގެން މިފަދަ ޚާއްސަ ޙަރަކާތެއް ހިންގާ ފުރަތަމަ ފަހަރެވެ. ފުޓްބޯޅައަށް ލޯބިކުރާ އަދި ދުނިޔޭގެ ބޮޑެތި މުބާރާތްތަކުގައި ކުޅޭ ފުޓްބޯޅަ މެޗްތަކުގެ ވާނުވާ އެނގެން ބޭނުންވާ ލޯފަން އެތައްބަޔަކު  ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން ވަރަށް ގިނަ މީހުންނަކީ މާ ރަނގަޅު ފެންވަރަކަށް ތަޢުލީމު ޙާސިލްކުރުމުގެ ފުރުސަތު ލިބިފައިވާ ބައެއް ނޫނެވެ. އެހެންކަމުން ބޭރުގެ މެޗުތަކުގެ އިނގިރޭސި ކޮމެންޓްރީ އަޑުއަހައިގެން މާބޮޑުއެއްޗެއް އޮޅުމެއް ނުފިލައެވެ.

ހާއްސަ ހާލަތެއްގައި ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަނަމަވެސް އަދި ހަށިގަނޑުގެ ހަކަތައާއި ބާރު ދެރަވެފައި ވީނަމަވެސް، މިއަދު ލޯފަން މީހުންނަށް އެހީތެރިވެދީ ޔޫރޯ މުބާރާތް ބެލުމުގައި އެމީހުންގެ ލޮލަކަށް ވެދީފައި ވަނީ ސާޢިދެވެ. ސާއިދަކީ ރާއްޖޭގެ ދަތުލަތުގެ މީޑިއާ ޕީއެސްއެމްގައި މަސައްކަތްކުރާ ހީވާގި ކުޅިވަރު ނޫސްވެރިއެކެވެ. ހާއްސަކޮށް ފުޓްބޯޅައިގެ ރައިންގ ކޮމެންޓްރީ ގެނެސްދެވޭ ފެންވަރުގެ މިހާރު ރާއްޖޭގައި ތިބި މަދު މީހުންގެ ތެރެއިން، އެ ހިދުމަތުގައި މިހާރު ރަސްމީކޮށް ދެމިހުރި ހަަމައެކަނިވެސް މީހާއެވެ.

މި ހަރަކާތުގެ ތެރެއިން ޔޫރޯ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގެ ކަވަރޭޖުގައި ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފުވެސް ބައިވެރިވެވަޑައިގަތެވެ. މަޙްލޫފުވަނީ ސާޢިދާއި އޭނާގެ ޓީމަށް ވަރަށްބޮޑަށް ތަޢުރީފުކުރައްވާފައެވެ. އަދި ތިނަދޫ ޒުވާނުން އިސްނަގައިގެން މިފެށި މަސައްކަތަކީ ނަމޫނާއެއްްކަމަށް ސިފަކުރެއްވިއެވެ.

މިޙަރަކާތުގެ ތެރެއިން ސާޢިދާއެކު  ބައިވެރިވެ މެޗެއް އެނަލައިޒް ކުރުމަށްފަހު މަޝްހޫރު ކޯޗު މުޙައްމަދު ނިޒާމް ބުނެފައިވަނީ މިއީ އޭނާގެ ކުޅިވަރުގެ ދިގު ޙަޔާތުގައި އެންމެ އުފާވެރި އިޙްސާސެއް ކުރެވުނު ވަގުތުކޮޅުކަމަށެވެ. ފުޓްބޯޅަ މެޗުތައް ބެލުމުގެ ނަސީބު ލިބިފައި ނެތް ފުޓްބޯޅައަށް ލޯބިކުރާ ބަޔަކަށް މެޗުތަކުގެ ވާނުވާގޮތް ވަގުތުން ކިޔައިދިނުމަށް ސާޢިދާއި އޭނާގެ ޓީމުން ކުރާ މަސައްކަތަށް ނިޒާމްވަނީ އައްސަރިބަހާއި ސާބަސް ރައްދުކޮށްފައެވެ.

ތިނަދޫ ޔޫރޯ ފޯރި ހަރަކާތަކީ ތިނަދޫގެ ސްޓޫޑިއޯ 33 އާއި ހަވަރު ސްޕޯޓްސްއާއި ޗައްޕަލާ ސްޓޫޑިއޯ އަދި އިވެންޓްކާސްޓްއިން އިސްނަގައިގެން ފެށި ހަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.