ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާއިއެކު އ.ދ. ގެ މުހިންމުކަން އިތުރަށް އިހްސާސްވޭ: ޝާހިދު

ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާއިއެކު އ.ދ. ގެ މުހިންމުކަން އިތުރަށް އިހްސާސްވޭ: ޝާހިދު

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2020 07:10
0

ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔެއަށް ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ދަނޑުވަޅުގައި އ.ދ. ގެ މުހިންމުކަން އިތުރަށް އިހްސާސްވޭ ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އ.ދ. އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ އަލްފާޟިލް އަބްދުﷲ ޝާހިދު ދެއްވި މެސެޖުގައި ވިދާޅުވީ ދިވެހިރާއްޖެއަކީ އަބަދުވެސް އ.ދ. ގެ ޗާޓަރުގައިވާ އަސާސްތައް ދެމެހެއްޓުމަށް ގޮވާލާ، ބައިނަލްއަޤުވާމީ ސުލްޙަޔާއި، އިޤްތިޞާދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ގޮވާލާ ޤައުމެއްކަމަށެވެ. 1965 ވަނަ އަހަރު އ.ދ. ގެ މެމްބަރުކަން ދިވެހިރާއްޖެއަށް ލިބުމާއެކު، އޭގެ 55 އަހަރުފަހުން، މިއަދުވެސް ދިވެހިރާއްޖެ ދެމިއޮތީ، އ.ދ. ގެ ތެދުވެރި އަދި އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއަކީ ނިސްބަތުން ކިތައްމެ ކުޑަ ޤައުމެއްކަމުގައި ވިޔަސް، އ.ދ. ގައި ދިވެހިރާއްޖެއިން ދައްކުވައިދެނީ، ބައިނަލްއަޤުވާމީ ފެންވަރެއްގައި އެހެނިހެން ޤައުމުތަކާއި އެއްހަމައަކަށް ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދެވިދާނެކަން. މިހާތަނަށް އ.ދ. ގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކަންތައްތަކަކީ، ކުޑަ ޤައުމުތަކަކީ އ.ދ. ގެ މުހިންމު ބައިވެރިންތަކެއްކަން ދައްކުވައިދިނުމުގެ އިތުރުން، 21 ވަނަ ޤަރުނުގައި ތަޢާރަފުވެގެން އަންނަ އައު ގޮންޖެހުންތަކަށް ހައްލުހޯދުމުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރެވިދާނެ ކަމުގެ ހެއްކެއް.

– އަބްދުﷲ ޝާހިދު

މިއަދާ ހަމައަށް، 75 އަހަރު ވަންދެން އ.ދ. ދެމިއޮތީ ބަވަނަވުމާއި މަލްޓިލެޓްރަލިޒަމް އަށް މަގުއަލިކޮށް، އެއްގަލަކަށް އަރުވައިދޭ އަލިގަދަ ދަންމަރެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ކުރިމަތިލަމުންދާއިރު، އ.ދ. ގެ ހަޤީޤީ ރޫހުގައި ތިބެ، ފަހި މުސްތަޤްބަލަކަށް ކުރިއަށް ދިޔުމަށްޓަކައި ޔަގީންކަން މި ޖަމުއިއްޔާގައި އެބައޮތް ކަމަށެވެ. ބައިނަލްއަޤްވާމީ ގިނަ ގޮންޖެހުންތަކެއް ހުއްޓަސް، އެންމެން ގުޅުވައިދީ، އެކަކު އަނެކަކަށް އިޙްތިރާމާއި ޤަދަރާއެކު އެދޭ މުސްތަޤްބަލަށް ވާސިލްވުމަށް އ.ދ. އިން ކަށަވަރުކޮށްދޭ ކަމަށް ފޮރިން މިނިސްޓަ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.