ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކު މިއަދު ކުރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ބަޔަކު ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ ތިން މީހެކެވެ.
ތިން މީހުން ދޫކޮށްލަން އަމުރު ކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ 40 ދުވަސް ވަންދެން ބަންދުކޮށްފައި ވާއިރު، އިތުރު ހެއްކެތް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާތީ އެވެ. އެ މީހުންގެ ބަންދު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމެވީ އެކަށީގެންވާ ހެކި ނެތުމުން އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ.
އެމީހުން ދޫކޮށްލި މައްސަލައިގަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމާފައިވާ ކަމަށެވެ.
ނަޝީދަށް ހަމަލާ ދިން މައްސަލާގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. ވަނަވަރު ހާމަކުރި މީހުނަކީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަދުހަމް އަހުމަދު ރަޝީދު، އަހުމަދު ފާތިހު އަދި އަލީ ހައިޝަމެވެ. މި މައްސަލާގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މި ހަމަލާއިން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ އަށް ޖަރުމަނު ވިލާތަށް ވަޑައިގެން މިހާރު ފަރުވާހޯއްދަވަމުން ގެންދަވަނީ އިނގިރޭސި ވިލާތުގަ އެވެ.
ކޮމެންޓު ފޮނުވާ