ބޮލީވުޑްގެ "ޓްރެޖިޑީ ކިންގް" ދިލިޕް ކުމާރު މަރުވެއްޖެ

ބޮލީވުޑްގެ "ޓްރެޖިޑީ ކިންގް" ދިލިޕް ކުމާރު މަރުވެއްޖެ

ބޮލީވުޑްގައި "ޓްރެޖިޑީ ކިންގް"ގެ ގޮތުގައި މަޝްހޫރުވި ލެޖެންޑަރީ އެކްޓަރ ދިލިޕް ކުމާރު މަރުވެއްޖެ އެވެ.

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭ ތިން ފަހަރެއްގެ މަތިން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދީފައިވާ، އުމުރުން 98 އަހަރުގައި ދިލިޕް މަރުވެފައިވަނީ މިއަދު ހެދުނުގެ ވަގުތެއްގައި މުމްބާއީ ހިންދޫޖާ ހޮސްޕިޓަލްގައި ނޭވާލާން ދަތިވާތި ފަރުވާދެމުން ދަނިކޮށެވެ.

ދިލިޕް މަރުވި އިރު އޭނާގެ އަންހެނުން އަދި ކުރީގެ މަޝްހޫރު ބަތަލާ ސާއިރާ ބާނޫ، 76، ކައިރީގައި ހުރި ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. މި ދެމަފިރިންނަށް ދަރިޔަކު ލިބިފައެއް ނުވެ އެވެ.

ދިލިޕް މަރުވިކަން އާއިލާ ގެފަރާތުން ވަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ހާމަކޮށްފަ އެވެ. އެއާއެކު ބޮލީވުޑްގެ މަޝްހޫރު އެތަކެއް ގިނަ ތަރިންނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ހިތާމަފާޅުކޮށް އާއިލާ އަށް ތައުޒިޔާ ކިޔާފައިވެ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އާންމުންނާއި މުޅި ހިންދީ ފިލްމު އިންޑަސްޓްރީ ގެންދަނީ ދިލިޕްގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

މުމްބާއީ ހިމެނޭ މަހާރާޝްޓްރަ ސްޓޭޓްގެ ޗީފް މިނިސްޓަރ ވަނީ ސްޓޭޓް ލެވެގެ އެންމެ މަތީ އިއްޒަތުގައި ދިލިޕް ކުމާރުގެ ޖަނާޒައިގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފަ އެވެ. އެހެން ކަމުން މިއަދު ހަވީރު ވަނީ ދިލިޕަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް ފަހު ޖަނާޒާ ބާއްވާފަ އެވެ.

ބޮލީވުޑްގެ ރަންޒަމާނުގެ ގޮތުގައި ގުނާލެވޭ 1940ގެ އަހަރުތަކުން ފެށިގެން 1960ގެ އަހަރު ތަކާ ހަމައަށް ހިންދީ ސިނަމާތަކުގައި ރަސްކަންކުރި ދޭވް އާނަންދާއި ރާޖް ކަޕޫރާއި ދިލިޕްގެ ތެރެއިން އެންމެ ފަހުން ވަކިވެގެން ގޮސްފައި މިވަނީ ދިލިޕެވެ. އެގޮތުން ރާޖް ކަޕޫރު 1988 ވަނަ އަހަރު އަދި ދޭވް އާނަންދު 2011 ވަނަ އަހަރު ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

ދިލިޕްގެ 50 އަހަރުގެ ކެރިއަރ ގައި 60 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވެއެވެ.

އިންޑިއާ ދެބައިވެ ޕާކިސްތާން އުފެދުމުގެ ކުރިން، 11 ޑިސެމްބަރު 1922 ޕާކިސްތާންގެ ޕޭޝްވަރު ސިޓީ އަށް އުފަންވި ދިލިޕް ކުމާރުގެ އަސްލު ނަމަކީ މުހައްމަދު ޔޫސުފް ޚާން އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *