ރާއްޖޭގައި ކޯވިޑު ބަލީ ފެތުރޭ މިންވަރު އިތުރުވުމާގުޅިގެން ބަލި ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ލުއިކޮށް، މާލެ ސަރަހައްދުގެ ކާފިއު އުވާލަން ނިންމައިފި އެވެ.
މާލެ ސަރަހައްދުގައި އެންމެ ފަހުން ދެވުނު ލުއިތަކަށް ފަހު ކާފިއު ހިންގަމުން ގެންދިޔައީ ހަވީރު ހަޔަކުން ފަތިހު ހަތަރަކަށެވެ.
އެޗްއީއޯސީގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ކޮވިޑުގެ ނަންބަރުތައް މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު އެއްކޮށް އުވާލަން ނިންމާފައި ވާކަމަށެވެ.
މިއާއެކު ވިޔަފާރި ތަކަށް ލިބޭ ލުއިތަކުގެ ތެރޭގައި ރެސްޓޯރެންޓުތަކާއި ކެފޭތައް ރޭގަނޑު 11:30 ވަންދެން ހުޅުވައިގެން ކެއުންބުއިމުގެ ހިދުމަތް ދިނުމުގެ ހުއްދަ މާދަމާއިން ފެށިގެން ލިބޭނެ އެވެ. އަދި ޑެލިވަރީގެ ހިދުމަތް މިހާރެކޭ އެއްގޮތަށް 24 ގަޑިއިރު ދެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ނަމަވެސް ރޭގަނޑު ގަޑީގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ހާއްސަ ހުއްދައެއް ބޭނުންވާނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މިއާއެކު އެޗްޕީއޭއިން ކަނޑައަޅައި ވަކި އުސޫލެއްގެ ދަށުން ސިނަމާތައް ހުޅުވުމާއި އެހެނިހެންވެސް ތަފާތު ގިނަ ލުއިތަކެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި، ހާއްސަކޮށް މާލޭ ސަރަހައްދުގައި ކޯވިޑް ފެތުރެމުންދިޔަ މިންވަރު އިތުރުވުމާގުޅިގެން މެއި މަހު ހަރުކަށިކުރި ފިޔަވަޅުތަކާއި އެކު ބަލި ފެތުރޭ މިންވަރާއި ބަލިޖެހިގެން ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ.
ރާއްޖެ އިން މިހާތަނަށް 74،5985 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބަލީގައި 213 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 25 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާއިރު އައިސީޔޫގައި ފަރުވާދެމުން ގެންދަނީ އެންމެ މީހެއް ކަމަށް އެޗްއީއޯސީން ބުނެއެވެ.
ކޮމެންޓު ފޮނުވާ