ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓު ނެގުމަށް ބޭނުންވި މުހިންމު ވޯޓުތައް ނެގުމަށް ބޭނުންވާ އަދަދަށް މެމްބަރުން ހާޒިރުނުވުމުން ވޯޓު ނެގޭ ގޮތެއްނުވިއެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމުމަށްޓަކައި ކޮމެޓީން ފޮނުވި ބިލްތަކަށް ވޯޓަށް އެހުމަށް މިއަދު 11 ޖެހިއިރު ވޯޓު ނެގިއިރު، ޖަލްސާއަށް އެޖެންޑާކުރި 3 ބިލަކަށް ވޯޓަށް އެހޭ ގޮތެއް ނުވިއެވެ. މިބިލްތަކަށް ވޯޓަށް އެހުމަށް މަޖިލީހުގައި 44 މެމްބަރުން ތިބެންޖެހޭއިރު، ހާޒިރުވެފައިވަނީ 39 މެމްބަރެކެވެ.
ވޯޓަށް ނޭހުނު ތިންބިލު:
– ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
– އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
– ދިވެހި ރާއްޖޭގެ ތަފާސްހިސާބުގެ ބިލު
މީގެ ތެރެއިން އެންމެ މުހިންމު ބިލަކަށް އޮތީ ވަކިވަކި ވިޔަފާރި މަޝްރޫޢުތަކުން ނުވަތަ ދާއިރާތަކުން ލިބޭ ޢާމްދަނީން ޓެކްސް ނެގުން އިސްތިސްނާކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް، ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި ބިލެވެ.
ވަކި ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިހުތިޔާރު މި ބިލު ޤާނޫނަކަށްވުމުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާއިރު އެ ދާއިރާތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންކަމަށް ބިލުގައިވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކަނޑައެޅޭ މަޝްރޫޢުތަކާއި ދާއިރާތައް، ޓެކްސް ނެގުމުން އިސްތިސްނާކުރާ މުއްދަތު ބަޔާންކޮށް ގެޒެޓު ކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
މިފަދަ އިސްތިސްނާއެއް ކުރުމުގެ ކުރިން ދަޢުލަތުގެ އާމްދަނީއަށް ކުރާނެ އަސަރާއި، އިގުތިޞާދީ އަދި އިޖުތިމާއީ ގޮތުން ލިބޭނެ ގެއްލުމާއި ފައިދާއަށް ރިއާއަތްކުރަންޖެހޭނެކަން ބިލުގައި ހިމަނާފައިވެއެވެ. މިބިލަށް ބަހުސްކުރެއްވި ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުންވަނީ މި ބިލުގެ މުހިއްމުކަން ފާހަގަކުރައްވައި މީގެ ސަބަބުން ދަޢުލަތަށް މާބޮޑު ގެއްލުމެއް ނުލިބޭނެކަމަށާއި، އޭގެ ބަދަލުގައި ބޭރުގެ ކުންފުނިތަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ