މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބިންތައް ހުސްކުރަން ހައުސިންގ މިނިސްޓްރީން އަންގައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅިފަޅާއި ގުޅުވާލުމުގެ ގޮތުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބުރިޖު ގުޅާލެވެނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދަށްކަމަށެވެ. އެހެންކަމުން ބުރިޖުގެ އަމަލީ މަސައްކަތް ކުރާއިރު ވާކްސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖްކަމުން އެ ސަރަހައްދުގެ ބޮޑުބައެއް މި މަސައްކަތަށް ބޭނުންކުރަން ހަމަޖެހިފައިވާކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ ބުރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުން ވަގުތީގޮތުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ފަށާފައިވާކަމަށެވެ. އަދި އެސަރަޙައްދުގައި ހިމެނޭ ވަކިފަރާތަކާއި ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތަކެއްކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި އެ ސަރަހައްދުގައި ހިމެނޭ ވަކިފަރާތަކާއި ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތައް ނަމަވެސް އެ ބިންތަކާއި، އެ ސަރަހައްދުގެ މަގުތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް ޕާކުކޮށްފައި ވެއެވެ. އެ މިނިސްޓްރީން ވަނީ ވެހިކަލްތައް ނަގައި އެތަންތަން ހުސްކުރަން ބޭނުންވާ ކަމަށް ބުނެފައެެވެ. މިނިސްޓްރީން ވަނީީ، އެ ސަރަހައްދުގައި ވެހިކަލްތައް ބަހައްޓަވާފައިވާ ފަރާތްތަކުން މި މަސް ނިމުމުގެ ކުރިން ވެހިކަލްތައް ނެގުމަށް އެދިފައެވެ.
އަދި އެ މުއްދަތުގެ ފަހުން މިނިސްޓްރީގެ ފަރާތުން ވެހިކަލްތައް ނަގައި ބިން ހުސްކުރާނެކަމަށްވެސް އެ އިއުލާނުގައިވެއެވެ.
މާލެ-ވިލިމާލެ-ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބުރިޖު ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫޢެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ނިމި، ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖު ބޭނުން ކުރެވެން ފެށުމުން، މާލެއާއި ވިލިމާލެއާއި ގުޅިފަޅު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅާލަދޭ މި ބުރިޖު، ވެގެންދާނީ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހި ކުރުވާނެ އިންޖީނެއްގެ ގޮތުގައިކަމަށް ބެލެވެއެވެ.
މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ ދިވެހި ސަރުކާރުން ޙިޔާރުކޮށްފައިވާ އިނގިރޭސި ވިލާތާއި ހޮންގްކޮންގް ގެ ކުންފުންޏެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން، މި މަޝްރޫއުއަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިފައިވަނީ އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްއަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓެއްގެ ދަށުންނެވެ.