ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތާޢީދުކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށްކަމަށާއި، އެމަނިކުފާނު ތާޢީދުކުރައްވާ ވެރިކަމުގެ ނިޒާމެއް ރައީސް މުޙައްމަދު ނަޝީދަށް އެނގިވަޑައި ނުގަންނަވާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، ރޭ އޮތް "އާސްކް ސްޕީކަރ" ޕްރޮގްރާމްގައ ރައްޔިތުންގެ މަޖިލީހުގެ ރައީސް އައިދ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ބަރުލަމާނީ ނިޒާމް ގެންނަން އެމްޑީޕީން ކުރާ މަސައްކަތަށް އިދިކޮޅު ޕީޕީއެމްއިން ތާއީދުކުރާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް ވިދާޅުވުމާއ ގުޅިގެންނެވެ.
އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ތާޢީދުކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށްކަމަށާއި، ރައްޔިތުންވަނީ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމްކަމަށް ނިންމަވާފައިކަމަށެވެ. ރައީސް ޔާމީން ތާޢީދު ކުރައްވާ ނިންޒާމެއް ރައީސް ނަޝީދަށް އެނގިވަޑައެއް ނުގަންނަވާނެކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންއަށް ވާދަކުރެވެންޖެހޭނެކަމަށެވެ. އެއީ ޤައުމު ބޭނުންވާ ގޮތްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ތާޢީދުކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށް. ރައްޔިތުންވަނީ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމްކަމަށް ނިންމަވާފަ. ރައީސް ޔާމީން ތާޢީދު ކުރައްވާ ނިންޒާމެއް ރައީސް ނަޝީދަށް އެނގިވަޑައެއް ނުގަންނަވާނެ. ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންއަށް ވާދަކުރެވެންޖެހޭނެ. އެއީ ޤައުމު ބޭނުންވާ ގޮތް.
– ޢަބްދުއްރަޙީމް ޢަބްދުﷲ
RY thaaeed kurahvanee Rayyithunge ninmevumah.rayyithunvanee veri kamuge nizaamakee riyaasee nizaam kamah ninmavaafa.RY thaaeed kurahvaa nizaameh RN akah en’givada’eh nugannavaane.riyaasee Inthikh’aabugai RY ah vaadha kurevenjeheyne.E’ee Gaumu beynunvaa goiy #FreePresidentYameen
— Abdul Raheem Abdulla (@Banafsaa) July 5, 2021
އަދުރޭ މިހެން ވިދާޅުވެފައިވާއިރު، ރޭ ރައީސް ނަޝީދު ވަނީ، ބަރުލަމާނީ ނިޒާމު ގެންނަން އަންނަ އަހަރު ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއްކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމަކީ ރާއްޖެއަށް ކަމުދާ ނިޒާމެއް ނޫންކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަންޖެހޭކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ 2022 ވަނަ އަހަރު ބަރުލަމާނީ ނިޒާމް ގެނެވޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއްކަމަށެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަން ކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް އެމަނިކުފާނު ހުށަހެޅުއްވިއެވެ. ނަމަވެސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ވިސްނުންފުޅެއް ހުރީ ޤައުމު މިހާރު އޮތް އިޤްތިޞާދީ އަނދަވަޅުން އަރައިގަނެ، ޤައުމުގެ ހާލަތު ރަނގަޅުކޮށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްކަމަށެވެ.
ކޮމެންޓު ފޮނުވާ