ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައެއްގައި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ހައްޔަރުކޮށްފިއެވެ.
އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައެއްގައި ގިނަ ބަޔަކު ހައްޔަރު ކޮށްފައިވެއެވެ. ކުޑަ އަންހެން ކުއްޖަކު ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލަ ލަންކާ ފުލުހުން ތަހްގީގު ކުރަމުން ދަނީ ބޮޑު ސަމާލުކަމެއް ދީގެންނެވެ. ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި މިހާތަނަށް ތަހްގީގަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ކުއްޖާ މިގޮތަށް ވިއްކަމުން ގެންދާތާ މިހާރު ތިން މަހެއްހާ ދުވަސް ވެއްޖެ އެވެ.
ވެބްސައިޓްތަކަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ލަންކާ ފުލުހުން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ލަންކާ ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކުރީ ކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަަމަރެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އަދި އޭނާ އަކީ ނެޓްވޯކަށް އެހީތެރިވި މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެމީހާ ކުއްޖާއާ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭތޯ ސުވާލު ކުރުމުން އޮފިޝަލު ވިދާޅުވީ، މައްސަލައިގެ ތަހުގީގު އަދި ކުރިއަށްދާތީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ކުއްޖާ ލައްވާ ހަށިވިއްކުވުމުގައި ކުއްޖާގެ މަންމަގެ ބޮޑު ބައިވެރިވުމެއް އޮތްކަމަށް މިހާތަނަށް ތަހްގީގަށް ވަނީ ފާހަގަ ކުރެވިފައެވެ.
ކޮމެންޓު ފޮނުވާ