އޮފީސްތަކަށް ހާޒިރުވެ މަސައްކަތްކުރުމުގައި އަމަލުކުރަންވީ އުސޫލު އާންމުކޮށްފި

އޮފީސްތަކަށް ހާޒިރުވެ މަސައްކަތްކުރުމުގައި އަމަލުކުރަންވީ އުސޫލު އާންމުކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 ޖުލައި 2021 09:13
0

މިއަދުން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތްކުރަން ނިންމައި އެކަމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އާންމުކޮށްފިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެގެން ދިއުމާގުޅިގެން ވަނީ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ނިންމާފައެވެ. އެންމެ ފަހުން އެމުއްދަތު އިތުރުކޮށްފައި މިވަނީ މި މަހުގެ 3 ވަނަ ދުވަހާ ހަމަޔަށެވެ. އަދި މިމަހުގެ ހަތަރެއްވާ އާދިއްތަ ދުވަހަކީ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާން ނިންމާފާއޮތް އޮތުން ނިމުމަކަށް އައިސް އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރަން ފަށަން ނިންމާފައި އޮތް ދުވަހެވެ.

މިއަދުން ފެށިގެން އޮފީސްތައް ޢާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި މިވަނީ މިންގަނޑުތަކަކާއި އުސޫލުތަކަކާއެކުއެވެ.

އޮފީސްތަކުގައި އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް:

  • މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖެއްސުން.
  • އެއްފަހަރާ އޮފީހަށް ނުކުންނަ މުވައްޒަފުންގެ އަދަދު މަދުކޮށް، ދަންފަޅިތަކަށް ބަހައިލައިގެން މަސައްކަތަށް ނުކުތުން.
  • ބަލީގެ އަލާމާތްތައް ހުންނަ މު ވައްޒަފުން އޮފީހަށް ނުނުކުތުމަށާއި، އަލާމާތްތައް ފެނުމުން ލަސްނުކޮށް ފްލޫ ކްލިނިކަށް ދައްކައިގެން ޓެސްޓުކުރުމާއި ފަރުވާ ހޯދުން.
  • މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް ގައިދުރުކަން ބެހެއްޓުމާއި، މާސްކް އެޅުމާއި، ރައްކައު ތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން މަސައްކަތުގައި އުޅުން.
  • މަސައްކަތުގައި އޮފީހުގައި އުޅޭއިރު މުވައްޒަފުން އެކުގައި ސައިބުއިމާއި ކެއުމުގެ ބަދަލުގައި، އެ މީހެއްގެ ވަރކްސްޓޭޝަނުގައި، އެހެން މީހުންނާ ވަކިން ގައިދުރުކަން ބަހައްޓައިގެން ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުން.
  • އެކިއެކި ބައްދަލުވުންތައް (ޚާއްޞަކޮށް ގިނަމީހުން ބައިވެރިވާ ބައްދަލުވުންތައް) އޮންލައިންކޮށް ބާއްވާގޮތަށް ހަމަޖެއްސުން.
  • އޮފީސްތަކުން އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިންކޮށް ދިނުން. އަދި އޮންލައިން ޚިދުމަތްތައް ވީހައިވެސް ގިނަކުރުމަށް މަސައްކަތްކުރުން.
  • އޮފީސްތަކުގައި މަސައްކަތްކުރުމުގައި ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުން.

އެޗްޕީއޭއިން ބުނީ މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.