ފުރަތަމަ ފަހަރަށް ޔޫރޯ މެޗްތަކުގެ ލައިވް ކޮމެންޓްރީ ދިވެހިބަހުން ގެނެސްދެނީ!

ފުރަތަމަ ފަހަރަށް ޔޫރޯ މެޗްތަކުގެ ލައިވް ކޮމެންޓްރީ ދިވެހިބަހުން ގެނެސްދެނީ!

Author
ޢަލީ އާދަމް
03 ޖުލައި 2021 07:54
0

ލޯފަން ކުދިންނަށް ޚާއްސަކޮށް ފުރަތަމަ ފަހަރަށް ޔޫރޯ މެޗްތަކުގެ ލައިވް ކޮމެންޓްރީ ދިވެހިބަހުން ގެނެސްދޭން ފަށައިފި އެވެ.

ތިނަދޫގެ ޒުވާނުންތަކެއް އިސްނަގައިގެން މިކަން ފަށާފައިވަނީ މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅުނު ދެމެޗުން ނެވެ. އެގޮތުން މެޗްތަކުގެ ލައިވް ކޮމެންޓްރީ ގެނެސްދެނީ މިދުވަސްވަރު ދިވެހިންގެ ތެރޭގައި މަގްބޫލުވެފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ކްލަބް ހައުސް މެދުވެރިކޮށެވެ.

ރޭކުޅުނު ކުއާޓަރ ފައިނަލްގެ ދެމެޗުގެ ކޮމެންޓްރީ ގެނެސްދީފައިވަނީ ރާއްޖޭގައި މިވަގުތުހުރި އެންމެ ކުޅަދާނަ ފުޓްބޯޅަ ކޮމެންޓޭޓަރ ސާއިދް އަޙްމަދު އެވެ. ސާއިދަކީވެސް ތިނަދޫއަށް ނިސްބަތްވާ ޒުވާނެކެވެ. ސާއިދުގެ އިތުރުން ރޭގެ ކޮމެންޓްރީގައި އެނަލިސްޓުންގެ ގޮތުގައި ރާއްޖޭގެ ފުންނާބު އުސް ކުޅިވަރު ނޫސްވެރިން ކަމަށްވާ އަބްދުﷲ އަޒްމީނާއި އިމާދް ލަތީފް ވަނީ ބައިވެރިވެފަ އެވެ.

މި ކަމަކީ ލޯފަން ކުދިންނަށް ޚާއްސަކޮށް ތިނަދޫ ޔޫރޯ ފޯރި ނަމުގައި ކުރިޔަށްގެންދިޔަ ކްލަބްހައުސް ރޫމެއްގައި ފެށި ހަރަކާތެކެވެ. މި ކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނީ ޔޫރޯގެ ކުރިއަށްހުރި މެޗްތަކުގެ ލައިވް ކޮމެންޓްރީވެސް ގެނެސްދިނުމަށް މަސައްކަތްކުރާއިރު އެމެޗްތަކުގައި ރާއްޖޭގެ ފުޅުބޯޅައިގެ ތަޖުރިބާ ކާރުންނާއި ތިނަދޫގެ ފުޓުބޯޅައިގެ ތަރިން އެނަލިސްޓުން ގޮތުގައި ބައިވެރިވާނެ ކަމަށެވެ. އަދި ސްކޯދިމާކޮށްގެން އިނާމް ހޯދުން ފަދަ ހަރަކާތްތައްވެސް މީގެތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށް އެފަރާތްތަކުން ބުނެއެވެ.

މިކަމާގުޅޭގޮތުން ޚަބަރު އޮންލައިނާ ވާހަކަ ދައްކަމުން ސާއިދު ބުނީ މި ހަރަކާތަކީ ތިނަދޫގެ ޒުވާނުންތަކެއްގެ އެދުމަށް ފެށި ކަމެއް ކަމަށާއި މިކަމަށް ލިބުނު ތަރުހީބާއި އެކު ޔޫރޯގެ ބާކީ ހުރި މެޗުތަކުގެ ލައިވް ކޮމެންޓްރީވެސް ގެނެސްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިފަދަ ކަމެއް ލޯފަން ކުދިންނަށް ކޮށްދެވޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް ސާއިދް ބުންޏެވެ.

މިއަހަރުގެ ދިވެހި ލީގުގެ މެޗެއްގެ ކޮމެންޓްރީއަށް ސާއިދު ތައްޔާރުވެގެން – ފޮޓޯ: ސޯޝަލް މީޑިއާ

ސާއިދަކީ ރާއްޖޭގެ ދަތުލަތުގެ މީޑިއާ ޕީއެސްއެމްގައި މަސައްކަތްކުރާ ހީވާގި ކުޅިވަރު ނޫސްވެރިއެކެވެ. ހާއްސަކޮށް ފުޓްބޯޅައިގެ ރައިންގ ކޮމެންޓްރީ ގެނެސްދެވޭ ފެންވަރުގެ މިހާރު ރާއްޖޭގައި ތިބި މަދު މީހުންގެ ތެރެއިން، އެ ހިދުމަތުގައި މިހާރު ރަސްމީކޮށް ދެމިހުރި ހަަމައެކަނިވެސް މީހާއެވެ.

ތިނަދޫ ޔޫރޯ ފޯރި ހަރަކާތަކީ ތިނަދޫގެ ސްޓޫޑިއޯ 33 އާއި ހަވަރު ސްޕޯޓްސްއާއި ޗައްޕަލާ ސްޓޫޑިއޯ އަދި އިވެންޓްކާސްޓްއިން އިސްނަގައިގެން ފެށި ހަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.