ކޯވިޑް-19އާއި ގުޅިގެން އެޅި ރައްކާތެރި ފިޔަވަޅުތަކުގެ ތެރެއިން، އައިޖީއެމްއެޗުން މެދުކަނޑާލާފައިވާ ޚިދުމަތްތައް މާދަމާއިން ފެށިގެން އަލުން ދޭން ނިންމައިފިއެވެ.
އައިޖީއެމްއެޗުން ބުނީ، ހުރިހާ ޑިޕާޓްމަންޓަކުންވެސް ބަލިމީހުން ހޮސްޕިޓަލަށް ގެންގޮސްގެން ހިންގާ އޯޕީޑީތައް އަލުން މާދަމާ ފަށާނެކަމަށެވެ. އަދި ފިޒިއޯ ތެރަޕީއާއ އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތަކާއި ކުރިން އޮންލައިންކޮށް ދެމުންދިޔަ ސެންޓަރ ފޮރ މެންޓަލް ހެލްތުގެ ޚިދުމަތްވެސް މާދަމާއިން ފެށިގެން ލިބޭނެއެވެ.
މީގެ އިތުރުން ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ޚިދުމަތާއި ލެބޯޓަރީގެ ޚިދުމަތްތައްވެސް ދޭގޮތަށް ވަނީ ނިންމާފައެވެ. އައިޖީއެމްއެޗުން ވިދާޅުވީ ޓީއެމް.ޓީ، އެންޑްސްކޯޕީ، ކޮލޮނޮސްކޯޕީ އަދި ބްރޮންކޮސްކޯޕީ ޚިދުމަތާއި ދުރާލާ ރާވައިގެން ކުރާ އޮޕަރޭޝަންތައްވެސް މަދާމާ ފަށާ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭކަމަށެވެ. ހޮސްޕިޓަލަށް އައިސް ޚިދުމަތް ހޯދުމަށް ހުޅުވާލިނަމަވެސް ކުރިންވެސް އޮންލައިންކޮށް ދެމުންގެންދިޔަ ބައެއް ޚިދުމަތްތައް ދެމުން ގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މި ޚިދުމަތްތަކުގެ ތެރެއިން ސްޕީޗް ތެރަޕީ ސެޝަންތައް ނޫން ހުރިހާ ޚިދުމަތްތަކެއް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށް ލިބޭނެއެވެ. ސްޕީޗް ތެރަޕީގެ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
އައިޖީއެމްއެޗްއިން މީގެ ކުރިން ވަނީ ކޯވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ބައެއް ޚިދުމަތްތައް ބަލިމީހުން ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ