އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުން އޮތް ނަފްރަތު ބިލު އަވަސް އަރުވާލައިގެން ފާސްކުރުމަކުން ހާސިލްކުރަން އުޅޭ ނަތީޖާ ހާސިލް ނުވާނެކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައަޅައްވާފައިވާ ބިލަކީ، އެބިލަކާމެދު މުޖުތަމަޢުގެ ތެރޭގައި އެތައް ގޮތަކުން ދެކޮޅުވެރިކަން އުފެދިފައިވާ ބިލެއްކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނާއި، ކައުންސިލްތަކުން ދަނީ ބުނެ އެކަމާއި ދެކޮޅަށް ބަޔާން ނެރެމުންނެވެ.
މިބިލް މަޖިލިސްގެ މިދައުރުގައި ފާސްކުރުމަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުން މަސައްކަތް ކުރަމުންދާއިރު، މިބިލަކީ އެހާ އަވަސް އަރުވާލައިގެން ފާސްކުރަންޖެހޭ ބިލެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޤާނޫނު އަސާސީއާއި، ގާނޫނުތަކާއި ތަޢާރަޒުވާ ގޮތަށް އޮތް މިބިލާއިމެދު ކުރީގެ ޕީޖީ ވިދާޅުވީ އަވަސް އަރުވާލައިގެން ނަފްރަތު ބިލު ފާސްކުރުމަކުން މުޖުތަމައުގައި އޮތް ނުރަނގަޅު އާދަތަކާއި، އިޖުރިމާއީ ފޭރާން ރަނގަޅު ނުވާނެކަމަށެވެ. މިހާރު ފެނިގެން މިދަނީ ފުރަތަމަ ކުރަންވީ ކަންތައް ނުކޮށް ފަހުން ކުރަންޖެހޭ ކަންތައް ކުރިން ކުރާ މަންޒަރުކަމަށް މުހުތާޒު ވިދާޅުވިއެވެ.
ދީނަށް ފުރައްސާރަކުރާނަމަ ދިވެހިން އެވާހަކަ ދައްކާނެ. އަވަސް އަރުވާލައިގެން ނަފްރަތުގެ ބިލާއިގެން އުޅެގަނެގެން ރަނގަޅު ނަތީޖާއެއް ހާސިލެއް ނުވާނެ. ހަގީގަތް ގަބޫލުކޮށް ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް ފުރަތަމަ މަސައްކަތް ކުރަންވީ. ސިޔާސީ ނަފްރަތަކީވެސް ނުރައްކަލެއް.
– މުހުތާޒު ވިދާޅުވިއެވެ.
ބިލާ ގުޅޭ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މަޖިލީހުގެ މެމްބަރުން ފާހަގަކުރެއްވީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން އޮތް އޮތުމެވެ. އެހެންކަމުން ކޮމިޓީ މަރުހަލާގައި އެބައި އުނިކުރަން މެމްބަރުން ވަނީ ގޮވާލައްވާފައެވެ.
މަޖިލީހަށް ހިސާން ހުށައެޅުވި ބިލާއި ގުޅިގެން ދީނީ ބައެއް އިލްމުވެރިންނާއި އާއްމުންވެސް ދަނީ މި ބިލާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބިލާއި މެދު ކަންބޮޑުވުން ފަޅުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މި ބިލް ފާސްވެއްޖެނަމަ އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބޮޑު މިނިވަންކަމެއް ލިބި އެކަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އަދި މިކަމުގައި ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސް އެޅުމާއި، އިޖުތިމާޢީ ޙާލަތު އިތުރަށް ގޯސްވެ ޞުލްޙަ މަސަލަސްކަން ގެއްލިދާނެ ބައެއް ކަންކަން ހުރިކަން ވަނީ ފާހަގަކޮށްފައެވެ.
މި ބިލު ޙުށަހަޅުއްވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ވިދާޅުވީ މި ބިލް ހުށައެޅުއްވީ ރާއްޖޭގައި އިސްލާމްދީން ނައްތާލައި ޣައިރު ދީންތަކަށް މަގުފަހިކުރަންކަމަށް ބުނެ ދައްކަމުންދަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.
ކޮމެންޓު ފޮނުވާ