ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފިިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ޑިޕްލޮމެޓުންނާ ބެހޭގޮތުން ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތަކުގެ ސަބަބުން ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށާއި އަދި އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދީފައިވާތީ އެ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އިންޑިއާ އާއި ޗައިނާ އިން އެދިފައިވާ ކަމަށެވެ. އެހެންވެ، އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ދޭދޭ ޤައުމުތަކާ އެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި، އެ ޤައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވާކަމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއްކަމަށެވެ. މީގެ އިތުރުން ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަޞައްވުރު ކިލަނބުވެ، ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ފުރުޞަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓުންނާއި ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމެޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގެ ދަށުން ދިވެހި ދައުލަތުގެ ޒިންމާއެކެވެ.
އެހެންކަމުން ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޤައުމުތަކާމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށާއި، ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ ގޮތްތަކަށް ހަގީގަތާ ޚިލާފު ޚަބަރުތައް ނުފެތުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.
ކޮމެންޓު ފޮނުވާ