އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ނެރޭ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގެ ރިޕޯޓުގެ ޓިއަރ 2އަށް ރާއްޖެ ކުރިއަށްޖެހިލައިފިއެވެ.
ޓިއަރ 2އަށް ރާއްޖެ ކުރިއަށްޖެހިލާފައި ވަނީ ވިދިވިދިގެން 3 އަހަރު ވޮޗްލިސްޓުގައި އޮތުމަށްފަހުއެވެ. އެގޮތުން އެމެރިކާ ސަރުކާރުންވަނީ، 2017 ވަނަ އަހަރު، ރާއްޖޭގެ ޓްރެފިކިންގ ރެކޯޑަށް ބެެއްލެވުމަށްފަހު، ޓްރެފިކިންގ ވޮޗްލިސްޓުގައި ހިމަނާފައެވެ.
ޓިއަރ 3އަށް އޮޓޮމެޓިކުން ދަށަށްދިޔަ ނުދީ ރާއްޖެ ސަލާމަތްވެފައި ވަނީ، 2020 ވަނަ އަހަރު ހިއުމަން ޓްރެފިކިންގ އާ ދެކޮޅަށް ރާއްޖެއިން އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކުރުމުން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. ޓިއަރ 3 އަށް ވެއްޓުމަކީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދޭ ނޮން-ހިއުމެނިޓޭރިއަން އެހީ ކަނޑައިލުމަށް މަގުފަހިވާނެ ކަމެކެވެ.
ޓިޕް ރިޕޯޓުގައި ރާއްޖެއިން މަތީ ގިންތިއަކަށް ޖެހިލިކަން ރަމްޒުކޮށްދެނީ، ނުހަނު ދަތި އުނދަގޫ ޙާލަތުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް، މިދިޔަ އަހަރުގެ ތެރޭގައި، ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ބޮޑު ކުރިއެރުމެއް ޙާސިލްވެފައިވާކަން ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފައެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމާއި ހާއްސަ އިސްކަން ފާހަގަކުރައްވައި، އެމަނިކުފާނަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި، ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދިފައި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
އޭގެ ތެރޭގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ޝެލްޓަރެއް ގުޅީފަޅުގައި ޤާއިމްކުރުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް ޤާއިމްކުރުމަށާއި އެކްޝަން ޕްލޭން ތަންފީޛުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ޤާނޫނަށް ބަދަލުގެނައުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ