އިންޑިއާއާއި ގުޅޭގޮތުން ދައްކަވާ ފިތުނަވެރި، ބޭއަަދަބީ ވާހަކަތައް ހުއްޓާލަންޖެހޭ: ނަޝީދު

އިންޑިއާއާއި ގުޅޭގޮތުން ދައްކަވާ ފިތުނަވެރި، ބޭއަަދަބީ ވާހަކަތައް ހުއްޓާލަންޖެހޭ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
02 ޖުލައި 2021 02:04
0

އަވަށްޓެރި އިންޑިއާ، އާއި ގުޅޭގޮތުން ދައްކަވާ ފިތުނަވެރި، އަދި ބޭއަަދަބީ ވާހަކަތައް ހުއްޓާލަންޖެހޭ ކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސަފީރާއި، ފަސްޓް ސެކެޓްރީއާއި ގުޅޭގޮތުން ބޭއަދަބީ ބާހަކަ ދައްކައި، ސަލާމަތަށް ނުރައްކާވާކަމަށްބުނެ ބައެއް މީޑިއާތަކުން ދައްކަމުންދާ ވާހަކަތަކާއިމެދު ފިޔަވަޅު އަޅައި ދިނުމަށް އިންޑިއާ އެމްބަސީން ފޮރިން މިނިސްޓްރީގައި ވަނީ އެދިފައެވެ. މިކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުންވެސް އަދި ވާދަވެރިންވެސް އިންޑިއާއާއި ގުޅޭގޮތުން ދައްކަމުންދާ ފިތުނަވެރި ވާހަކަތައް ހުއްޓާލަން ޖެހޭކަމަށެވެ.

ބޭރުގެ އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި، އެކި ޑިޕްލޮމެޓުންނަކީ އިހުތިރާމް ލިބިގެންވާ ބަޔަކަށް ވާންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ. އެމީހުންނާއި ގުޅޭގޮތުން ވާހަކަތައް ދައްކާއިރު، ވަހަކަތައް ހުންނަންޖެހޭނީ ވަކި ހުދޫދެްގެ ތެރޭގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ގުޅޭގޮތުން އަޅުގަނޑުމެން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމައެއްގައި. ސަރުކާރާއި، އެމްޑީޕީގެ ވާދަވެރިން އިންޑިއާއާއި، ގުޅޭގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަަދަބީ ވާހަކަތައް ހުއްޓާލަންޖެހޭ.

– ނަޝީދު ވިދާޅުވިއެވެ.

ދޭދޭ ޤައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ދިވެހި ރާއްޖޭގެ ޚާރިޖީ ވުޒާރާއިންވެސް މިއަދު ވަނީ އިލްތިމާސް ކޮށްފައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިފަހަކަށް އައިސް، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މިފަދަ ކަންތައްތަކަކީ، ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ދިވެހިރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ޤައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމުގައި މިނިސްޓްރީން ދެކޭކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެފަދަ ކަންކަމަކީ، އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެކަމެއް ކަމުގައިދެކޭކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.