އެކި އެކި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުނުވާނޭހެން، އަދި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެ ގޮތަކަށް މީޑިއާއަތަކުން އަމަލުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނި މިފަހަކަށް އައިސް، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
މިފަދަ ކަންތައްތަކަކީ، ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ދިވެހިރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ޤައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމުގައި މި މިނިސްޓްރީއިން ދެކެމެވެ. އަދި އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދޭދޭ ޤައުމުތަކުގެ ދެމެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާއި އެ ޑިޕްލޮމަޓުންނަށް ލިބެންޖެހޭ ހިމަޔާތާއި ރައްކާތެރިކަމާއި ޚާއްސަ އިމްތިޔާޒުތަކާ ގުޅޭގޮތުން ވަކި އުޞޫލުތަކެއް "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961″ ގައި ކަނޑައެޅިފައިވެއެވެ. އެގޮތުން "ރިސީވިންގ ސްޓޭޓް" ގެ ހައިސިއްޔަތުން، ރާއްޖޭއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެކި އެކި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުނުވާނޭހެން، އަދި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ