ކޯވިޑްގެ ޙާލަތުގައި އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވެ، ކެތްތެރިކަން އިސްކުރުން: ޚުޠުބާ

ކޯވިޑްގެ ޙާލަތުގައި އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވެ، ކެތްތެރިކަން އިސްކުރުން: ޚުޠުބާ

Author
މުޙައްމަދު ޖިމީ
02 ޖުލައި 2021 01:03
0

މިއަދު މުޅި އިންސާނިއްޔަތަށް މެދުވެރިވެފައިމިވާ ނުރައްކާތެރި ކޮވިޑް-19 ގެ ޙާލަތުގައި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް
ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވުމާއި، ކެތްތެރިކަން އިސްކުރުންކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި މިއަދު ދެއްވި ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "މިންވަރަށް އީމާންވުން"އެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، ޤަޝާޤަދަރަށް އީމާންވާ މީހަކު އޭނާގެ ޙަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައިކަމަށާއި، ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެކަމަށެވެ. އަދި ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެކަން ބަޔާންކުރައްވާ ޚުޠުބާގައިވަނީ މިންވަރަށް އީމާންވުމުގެ ސަބަބުން އަޅާ އަށް، ސުވަރުގެ ވަނުމަށް މަގު ފަހިވެގެންދާނެކަމަށް ވިދާޅުވެފައެވެ. މާތް ﷲ އާއި، އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތަށް، އީމާންވެ، ޢަޤީދާ ވަރުގަދަކޮށްފި މީހާގެ، ހަށިގަނޑާއި ގުނަވަންތަކުން އެކަން ފައުޅުވެގެންދާނެކަމަށްވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

މުސްލިމް އަޚުންނޭވެ! ފެންނަ ތަކެއްޗާއި، ނުފެންނަ ތަކެތީގައި ވެސް މާތް ﷲގެ ކުޅަދުންވަންތަކަމާއި، ދެނެވޮޑިގަތުން ޝާމިލުވެއެވެ. ވަންހަނާ ވެފައިވާ ކަންތައްތަކާއި، އަޅާގެ ހިތުގައި ހިނގާ ވަސްވާސްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ވެގޮސްފައިވާ ކަންތައްތަކާއި، ވަމުންދާ ކަންތައްތަކާއި، ވާނޭކަންތައްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. މާތް ﷲ ގެ ޢިލްމުފުޅާ ލައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގައެވެ.

– ހުކުރު ޚުޠުބާ

މި ކައުނުގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ، މާތް ﷲގެ އިރާދަފުޅުގެ މަތިންކަމާއި، އަޅުތަކުން ކިތަންމެ މޮޅަށް، ކިތަންމެ ވަރަކަށް ކަންތައް ރޭވިކަމުގައި ވިޔަސް އެކަމެއް މާތް ﷲގެ އިރާދަފުޅުގެ މަތިން މެނުވީ ނުހިނގާނެކަންވެސް ޚުޠުބާގައި ހަންދާންކޮށްދެއްވިއެވެ. ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތް ﷲގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އިރާދަފުޅުން ކަމަށް އަޅުގަނޑުމެން އީމާންވާ އިރު، އެކަލާނގެ ޝަރުޢު ކުރައްވާފައިވާ ކަންތައްތަކަށް އަޅުގަނޑުމެން ކިޔަމަންގަންނަން ޖެހޭނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މާތް ﷲ އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެކަމާއި، ހެޔޮކަންތަކަށް ގޮވާލުމާއި ނުބައިނޭދެވޭ ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަންވާނެކަމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އިސްލާމީ ޝަރީޢަތުގައި ވާގޮތަށް ޙަރާމްކަންތައް ޙަރާމްކަމުގައި ބަލައިގަންނަން ޖެހޭނެކަމަށާއި، ޙަލާލުކަންތައް ޙަލާލު ކަންތައް ކަމުގައި ބަލައިގަންނަން ޖެހޭނެކަންވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.

މުސްލިމް އަޚުންނޭވެ! މާތް ﷲ މިކައުނުގައި ލައްވާފައިވާ ހުރިހާކަމެއް ލައްވާފައި ވަނީ އަޅުތަކުންގެ މަޞްލަޙަތަށްޓަކައެވެ. އެކަން މޮޅަށް ދެނެވޮޑިގެން ވަނީ އެކަލާނގެއެވެ. އެކަލާނގެ ހައްދަވާފައިވާ ތަކެއްޗާއި އެތަކެއްޗަށް މިންވަރު ކުރައްވާފައިވާ ގޮތް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ. އެކަލާނގެއީ ހުރިހާ އުނިސިފަތަކަކުން ހުސްދުރުވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.

– ހުކުރު ޚުޠުބާ

ޚުޠުބާގައިވަނީ، މިއަދު މުޅި އިންސާނިއްޔަތަށް މެދުވެރިވެފައިމިވާ ނުރައްކާތެރި ކޮވިޑް19 ގެ ޙާލަތުގައި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް
ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވުމާއި، ކެތްތެރިކަން އިސްކުރުންކަމަށް ވިދާޅުވެފައެވެ. އީމާންކަމާއި، ކެތްތެރިކަމުން ޙިމާޔަތް ލިބިގެންފި ނަމަ، ދުނިޔެމަތީގައި ލިބެން އޮތް ހެވެއް އެއްވެސް މީހަކަށް އިޙްސާސް ނުކުރެވޭނެކަމަށާއި، އާޚިރަތުގައި ކެތްތެރިންނަށް މާތް ﷲ މިންވަރުކުއްވާފައިވާ ދަރުމަ އާއި، ޖަވާބު އެއްވެސް މީހަކަށް ވަޒަނެއް ނުކުރެވޭނެކަމަށްވެސް މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ދިން ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.