ފަސް ރަށެއްގެ ގޮޑުދޮށް ހިމާޔަތްކުރުމަށް، ގްރީން ކްލައިމެޓް ފަންޑުން 25 މިލިއަން ޑޮލަރުގެ ހިލޭއެހީ

ފަސް ރަށެއްގެ ގޮޑުދޮށް ހިމާޔަތްކުރުމަށް، ގްރީން ކްލައިމެޓް ފަންޑުން 25 މިލިއަން ޑޮލަރުގެ ހިލޭއެހީ

Author
މުޙައްމަދު ޝަޒައިމް
02 ޖުލައި 2021 10:07
0

ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށް ޙިމާޔާތްކުރުމަށް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާ ގުޅިގެން ހިންގޭ މަޝްރޫޢަކަށް 25.1 މިލިއަން ޔޫ.އެސް. ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދިނުމަށް މޫސުމަށް އަންނަ ބަދަލުތަކާބެހޭ މަޝްރޫޢުތަކަށް އެހީދޭ ބައިނަލްއަޤުވާމީ ފަންޑެއް ކަމަށްވާ 'ގްރީން ކްލައިމެޓް ފަންޑު' ގެ މިހާރު ކުރިއަށްދާ 29 ވަނަ ބޯޑު ޖަލްސާއިން މިއަދު ފާސްކޮށްފިއެވެ.

އެންވާރުމަންޓް މިނިސްޓްރީން ބުނެފައިވަނީ ޖީ.ސީ.އެފް. ގެ އިތުރުން ޖައިކާގެ ފަރާތުން މި މަޝްރޫޢަށް ވަނީ 35.4 މިލިއަން ޔޫ.އެސް ޑޮލަރުގެ ހިލޭއެހީ ހަމަޖެހިފައިވާކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޔޫ.އެސް. ޑޮލަރަށް ވާ ފައިސާއާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

މިމަޝްރޫޢުގެ ދަށުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫ އަދި އައްޑޫ ސިޓީ މީދޫގެ ކަނޑައެޅޭ ސަރަހައްދުތަކެއްގައެވެ. މިމަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާގޮތުން މަތިން، މޫސުމީ ކާރިސާތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް، އަދި ޙާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢެކެވެ.

މިގޮތުން ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަރގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައި.ސީ.ޒެޑް.އެމް.) ހަރުދަނާކުރުމަށް، ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ޙާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި، ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައި.ސީ.ޒެޑް.އެމް. ޕްލޭންތައް ތައްޔާރުކުރުމަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން ޤުދުރަތީ ކާރިސާތަކުގެ އިންޒާރާއި މައުލޫމާތު ފޯރުކޮށްދޭ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މިފަދަ ނިޒާމެއް ޤާއިމުކުރުމާއި، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އޮބްޒާވްކުރުމަށް ބޭނުންވާ އާލާތްތަކާއި މިފަދަ މަޢުލޫމާތު ދިރާސާކުރުން ހަރުދަނާކުރުމަށް މި މަޝްރޫޢުގެ ދަށުން ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގެ ގޮނޑުދޮށްތަކާއި، ފަރުތަކާއި، ލޭންޑްޔޫޒް މޮނިޓާރ ކުރާނެ ނިޒާމެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.