މަރުގެ ދިޔަ އެއްމިލިޔަނަށް ބޮޑުކޮށްފި

މަރުގެ ދިޔަ އެއްމިލިޔަނަށް ބޮޑުކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 ޖުލައި 2021 09:47
0

ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭ މިންވަރު 100،000ރ. އިން މިލިއަން ރުފިޔާއަށް ސުޕްރީމް ކޯޓުން މިއަދު ބޮޑުކޮށްފިއެވެ.

މިހާތަނަށް އަމަލުކުރަމުން އައި އުސޫލަށް ބަދަކލު ގެނެސް ސުޕްރީމްކޯޓުން އަލަށް އެކުލަވާލި އުސޫލުގައި ވަނީ މަރެއްގެ ދިޔަ ދޭންޖެހޭ ހާލްތަަކުގައި އެންމެ ކުޑަކޮށް މިންވަރަކީވެސް އެއް މިލިއަން ރުފިޔާކަމަށެވެ. އަދި މަރަށް މަރު ނުހިފޭ ހާލަތްތަކުގައި އިސްލާމީ ޝަރިއަތުގައިވާ ގޮތުގެ މަތިން ކައްފާރާއެއްގެ ގޮތުގައި ހަނދު މަހުން ޖެހިޖެހިގެން ދެމަހު ރޯދަ ހިފަންޖެހޭނެކަމަށްވެސް އެ އުސޫލްގައިވެއެވެ.

ޝަރީއަތުން މަރުގެ ދިޔަ ކަނޑައެޅުމަށްފަހު މަރުވި މީހާގެ ވާރިސުންނަށް ލިބިދިނުމަށް އެ ފައިސާ ވަކި މުއްދަތއްގައި ސިވިލްކޯޓަށް ދެއްކުމަށް ގާތިލްގެ މައްޗަށް އަންގަންޖެހޭނެކަމަށްވެސް އެ އުސޫލްގައިވެއެވެ. މަރުގެ ދިޔައަކީ މަރުގެ މައްސަލަތަކުގައި މަރުވި މީހާގެ އާއިލާއަށް ގާތިލުގެ އަތުން ނަގައިދޭ ފައިސާއެވެ. ގަސްދު މަރާއި ގަސްދަކާއި ނުލާ މީހަކު މަރާލެވޭ ހާލަތްތަކާއި އިހުމާލެއްގެ ސަބަބުން މީހަކު މަރުވާ ހާލަތްތަކުގައިވެސް ވާރިސުން އެދޭނަމަ މަރުގެ ދިޔަ ނަގައިދޭންޖެހެއެވެ.

އިސްލާމީ ޝަރީއަތުގައި މަރުގެ ދިޔަ ކަނޑައަޅާފައިވަނީ 100 ޖަމަލުގެ ނިސްބަތުންނެވެ. އެކަމަކު މި ޒަމާނުގައި އިސްލާމީ ގައުމުތަކުގައި މަރުގެ ދިޔަ ނަގައިދެނީ އޭގެ އަގަށްވާ ފައިސާ އިންނެވެ. އަދި މަރުގެ ދިޔައިގެ މިންވަރު އިސްލާމީ ގައުމުތަކުގައި ދޭތެރެ ދޭތެރެއިން މުރާޖާކޮށް ބަދަލު ގެންނަމުންދެއެވެ.

ޝަރީއަތް ކުރުމާއި ބެހޭ ޤައިވަދުގެ ދަށުން ރާއްޖޭގައި މަރުގެ ދިޔައިގެ މިންވަރެއް ކަނޑައެޅި 1995 ވަނަ އަހަރުއެވެ. އެއަށްފަހު މިހާތަނަށްވެސް މަރުގެ ދިޔައިގެ ގޮތުގައި ރާއްޖޭގެ ނަގައިދެމުން އައީ 100،00 (އެއް ލައްކަ ) ރުފިޔާއެވެ. އެހެންނަމަވެސް ބައެއް ހާލަތްތަކުގައި މަރުގެ ދިޔައިގެ ގޮތުގައި ނަގާއިދޭ މިންވަރު މިއަށްވުރެ އިތުރުވެފައި އެބަ ހުއްޓެވެ. އިސްލާމީ ޝަރީއަތަށް ރިޔާއަތްކޮށް މިހާތަނަށް މަރުގެ ދިޔައިގެ ގޮތުގައި އެންމެ ބޮޑުކޮށް ރާޢްޖޭގައި ނަގާދައިފައިވަނީ 133،000 ( އެއްލައްކަ ތެއްތިރީސް ހާސް ) ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.