ރާއްޖޭގައި ހުރި އެންމެބޮޑު ޔުނިވަރސިޓީން އިލްމީގޮތުން ބަހުސްކޮށް ހައްލު ހޯދުމުގެ ބަދަލުގައި ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ގައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވަކިކުރުމާގުޅިގެން ކުރެއްވި ޓްވީޓެއްގައި އެވެ. އިމްރާން ވިދާޅުވީ މިއީ އެންމެ އިންސާފުވެރި ނިންމުމެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އިމްރާން ވިދާޅުވީ ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ވަރުގަދަކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތު ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށެވެ.
"ޑރ. އިޔާޒްގެ ބައެއް ފިޤުހް ރަޢުޔާ އަޅުގަނޑަށް އެއްބަސް ނުވެވުނަސް އެމަނިކުފާނާއިމެދު އެމްއެންޔޫ އިން އެޅި ފިޔަވަޅަކީ އިންސާފްވެރި ފިޔަވަޅެއް ކަމަށް ނުދެން"
– އިމްރާން
އިމްރާން ވިދާޅުވީ ދީނީ ޚިލާފްތަކާމެދު އިލްމީ މުވައްސަސާތަކުގައި މިނިވަންކަމާއެކު އިލްމީގޮތުން ރީތި އަޚްލާގާއެކީ ބަހުސްކޮށް ހައްލު ހޯދެން ވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ޔުނިވަރސިޓީ އެމްއެންޔޫން އެފަދަ ބަހުސްގެ ދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަ އިމްރާން ވަނީ ވިދާޅުވެފަ އެވެ.
Dheenee khilaafthakaamedhu ilmee muassasaathakugai minivankamaaeku ilmeegothun reethi akhlaaqaaekee bahuskoh halluhodhenvaane. Raajjeyge emme bodu University in edhoru bandhukoh harukashikan iskurumakee balaiganevey kameh noon. Nimmun muraajaa kurumah govaalan.
— Imran Abdulla (@ShimranAb) July 1, 2021
އިމްރާން ވަނީ އެމްއެންޔޫގެ މި ނިންމުން މުރާޖާ ކުރުމަށްވެސް ގޮވާލައްވާފައެވެ. އިމްރާން އަބްދުﷲ އަކީ ޑރ. އިޔާޒުވެސް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ އަދާލަތުގެ ރައީސް ވެސް މެއެވެ. އަދި އަދާލަތު ޕާޓީއާއި ޑރ. އިޔާޒް ވެސް މިހާރުގެ ކޯލިޝަން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްތަކަށް ތަޢުރީފް ކުރައްވާ އާންމުކޮށް ވާހަކަ ދައްކަވައެވެ.
ޑރ. އިޔާޒް މަގާމުން ވަކިކޮށްފައި ވާއިރ،ު މިއަހަރުގެ މާޗް މަހު 14 ދުވަހަށް ޔުނިވަރސިޓީގެ މަގާމުން އިޔާޒް ސަސްޕެންޑްވެސް ކޮށްފައިވެއެވެ.
ފަހުން ޑރ. އިޔާޒާގުޅޭ މައްސަލެއް އެމްއެންޔޫއިން ބަލަން ފަށާފައިވަނީ އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. މިކަމާ ގުޅިގެން އޭނާގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބަލަންފަށާފަ އެވެ.
ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރ/ސީނިއާ ލެކްޗަރާއެކެވެ.
ކޮމެންޓު ފޮނުވާ