ރައީސް ނަޝީދު ދަނީ އެމްޑީޕީ ތެރޭގައި މައުމޫނިޒަމް އުފައްދަމުން: ޝުއައިބު

ރައީސް ނަޝީދު ދަނީ އެމްޑީޕީ ތެރޭގައި މައުމޫނިޒަމް އުފައްދަމުން: ޝުއައިބު

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2020 08:30
0

ބާރާއި ނުފޫޒު ބޭނުންކޮށްގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަނީ ޕާޓީ ތެރޭގައި މައުމޫނިޒަމް އުފެއްދުމުގެ މަސައްކަތް ކުރަމުން ކަމުގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރު ކަމުން ސަސްޕެންޑް ކޮށްފައިވާ ޝުއައިބު އަލީ (ފުރަހަނި ޝުއައިބް) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އުފެއްދުމުގައިވެސް އިސްދައުރެއް އަދާކުރެއްވި ޝުއައިބް ވިދާޅުވީ އެމްޑީޕީ އުފައްދަން ޖެހުނު މައިގަނޑު ސަބަބަކީވެސް އޭރު ރައީސް މައުމޫނާއި، މައުމޫނުގެ ވެރިކަމުގައި ކަންކަން ހިނގައިދިޔަ ގޮތް ބަދަލުކުރުމަށްކަމަށެވެ. ނަމަވެސް އެކަން ބަދަލުކުރުމަށް އުފެއްދި މިއަދުގެ އެންމެބޮޑު ޕާޓީ ތެރެއިން ފެންނަނީ މައުމޫން ގެންގުޅުއްވިފަދަ އާއިލީ ވަންތަކަމާއި، އަމިއްލަ ބާރު ގަދަކުރުމަށް މަސައްކަތް ކުރާ މަންޒަތުކަމަށެވެ.

އެމްޑީޕީ ތެރޭގައި އިސްލާހުކުރަންޖެހޭ ކަންކަމަކަށް އަޑުއުފުލާ ޚިޔާލްފާޅުކުރާ ކޮންމެ މީހަކު ރައީސް ނަޝީދުގެ ނުފޫޒައި ބާރުން ޕާޓީން ދުރުކޮށް އާއިލީ ބާރުވެރިކަން އެމްޑީޕީ ތެރޭގައި އުފެއްދުމަށް މަސައްކަތް ކުރާ މިއަދު ފެންނަމުންދާކަމަށް ޝުއައިބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ދިވެހި ރައްޔިތުންނާއި އިސްލާހަށް ލޯބިކޮށް މަސައްކަތް ފެއްޓި ފަރާތްތައް އެދުނު ގޮތެއް ނޫންކަމަށެވެ. މިއަދު ފެނިގެންދަނީ ރައްޔިތުން އަޅުވެތިކޮށް ބާރާއި ނުފޫޒުން ކަންކަން ކުރަމުންދާ މަންޒަރުކަމަށެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ސަސްޕެންޑް ކޮށްފައިވަނީވެސް އެމްޑީޕީގެ ރައީސް ނަޝީދު ޕާޓީގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކޮށް ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް އެދިވަޑައިގަތުމުންނެވެ.

ނަޝީދުގެ މައްސަލަ ބެލުމަށް ޝުއައިބް ހުށަހެޅުއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް މަޤާމުން ދުރުކުރުމަށް ރައީސް ނަޝީދު މަސައްކަތް ފެއްޓުވުމުން އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅަން އެދުމުންނެވެ. އެކަމާ ގުޅިގެން ޝުއައިބު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ ސަސްޕެންޑްކުރީ ނަޝީދާއި ރައީސް އިބްރާހިމް މުހަައްމަދު ސޯލިހްގެ ކާޓޫނެއް ކުރެހި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ނަޝީދު އެދިވަޑައިގަތީ މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރިވެ ވަޑައިގަތުމަށެވެ. އެކަމާ ގުޅިގެން ނަޝީދަށް ފިޔަވަޅު އަޅައިދޭން ޝުއައިބު ސިޓީ ފޮނުއްވުމުން އެމްޑީޕީން ޝުއައިބަށް ޖަވާބު ދިނީ ނަޝީދުގެ ސިޓީ އަކީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ފޮނުއްވި ސިޓީއެއް ކަމަށާއި އެ ޕާޓީގެ އެންމެ އިސް ފަރާތަކީ ނަޝީދު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.