މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑުއިޤްތިސާދީ ލޮޅުމެއް އަރާނެ ޤައުމުތަކުން، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުން، ކޮޕް-26ގައި އިސްކަންދޭނެ ކަންކަން ކަނޑައެޅުމަށް ބާއްވާ "ފަރސްޓް ކްލައިމެޓް ވަލްނަރަބަލް ފައިނޭންސް ސަމިޓު"ގައި ކޯ-ޗެއަރއެއްގެ ޙައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިއްޖެ އެވެ.
ފަރސްޓް ކްލައިމެޓް ވަލްނަރަބަލް ފައިނޭންސް ސަމިޓު" އަކީ 8 ޖުލައި ވާ ބުރާސްފަތި ދުވަހު އޮންލައިންކޮށް ބޭއްވުމަށް ތާވަލުކޮށްފައިވާ ސަމިޓެކެވެ. މިސަމިޓު އިންތިޒާމުކުރަނީ ބަންގްލަދޭޝް ސަރުކާރުންނެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު އަދި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ޗެއަރ ޝެއިޚް ޙަސީނާ އިފްތިތާޙުކޮށްދެއްވާ މި ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނިޒާމީގޮތެއްގައި އެންމެ ލޮޅުން އެރުން ބޮޑު އިޤްތިސާދުތަކުގެ މެދުގައި ބޭއްވޭ މިފަދަ ފުރަތަމަ ސަމިޓެވެ.
ސަމިޓުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމާގުޅޭގޮތުން އެމަނިކުފާނުގެ ޕާޓީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަކީ ސީވީއެފްގެ ފައުންޑިންގް ޗެއަރ އަދި ތީމެޓިކް އެންބެސެޑަރ ފޮރ އެންބިޝަން ކަމަށެވެ.
މިސަމިޓުގެ އެންމެ މަތީ ފެންވަރުގެ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ވަލްނަރަަބަލް 20 ގްރޫޕް (ވީ20) ގެ 48 މެމްބަރު ޤައުމުގެ އެންމެ އިސްވެރިންގެ އިތުރުން އެޤައުމުތަކުގެ ފައިނޭންސް މިނިސްޓަރުން ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އަދި ޖީ7 އާއި ޖީ20 ޤައުމުތަކުގެ މަންދޫބުންނާއި ބައިނަލްއަޤްވާމީ މާލީ އަދި ތަރައްޤީގެ ޖަމްޢިއްޔާ/ޖަމާޢަތްތައްވެސް މި ސަމިޓުގައި ބައިވެރިވާނެ އެވެ.
މި ސަމިޓްގެ މައިގަނޑު މަޤްސަދަކީ ސްކޮޓްލަންޑުގެ ގްލަސްގޯވްގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުން، ކޮޕް-26 ގެ ކުރިން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިޤްތިސާދީ އެންމެ ބޮޑު ލޮޅުމެއް އަރާނެ ޤައުމުތައް، ކޮޕް-26ގައި އެންމެ ބާރު އަޅާންވީ ހަމަތަކާއި، ސިޔާސަތުތަކާއި، ޚިޔާލުތަކުގެ މައްޗަށް މަޝްވަރާ ބަދަލުކޮށް، އެއްގަލަކަށް އަރައި، އެއްބަސްވެވޭނެ ގޮތްތަކަކާއިމެދު މަޝްވަރާކުރުމެވެ.
ކޮމެންޓު ފޮނުވާ