މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި

މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި

Author
ޢަލީ އާދަމް
30 ޖޫން 2021 05:55
0

ސިޓީ ކައުންސިލްގެ ފަރާތުން މާލެސިޓީގައި ކެމެރާހަރުކުރަން ނިންމާފައިވާ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ހުރިހާ މިސްކިތެއްގައި ކެމެރާ ހަރުކުރަން ނިންމާފައި ވާކަމަށް އެކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިމަސައްކަތުގެ ދަށުން އެންމެ ފުރަތަމަ މިސްކިތްތަކުގައި ކެމެރާ ހަރުކުރަން ނިންމީ ފަހަކަށް އައިސް މިސްކިތްތަކުގައި ވިޔާނުދާ އަމަލުތައް ހިންގާކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ.

"މިސްކިތްތައް ރަނގަޅަށް ބެލެހެއްޓޭނެ ގޮތެއް ހެދުމުގެ ގޮތުން އަޅުގަނޑުމެންގެ ސީސީޓީވީ ޕްރޮޖެކްޓުގެ އެންމެ ފުރަތަމަ އަމާޒަކީ މިސްކިތްތައް ކަވަރކުރުން،"

– ޑރ. މުޢިއްޒު

މި މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާވޭތައް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް މުޢިއްޒު ވިދާޅުވި އެވެ.

މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ސިޓީ ކައުންސިލުން ނިންމާފައިވާއިރު މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ ގިނަކަންތައްތަކެއް މިސްކިތްތަކުގެ ތެރޭގައި ހިނގާކަމަށް ކަމާބެހޭ ފަރާތްތަކުންވެސް ދާދިފަހުން ހާމަކޮށްފައި ވެއެވެ.

އެގޮތުން މަސްތުގެ ހާލަތުގައި މިސްކިތްތަކަށް ވަދެ ތިބި 15 މީހަކުން މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާއިރު، މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުގެ ހާލަތުގައިތިބެ ނިދައި ކައިބޮއި، މިސްކިތްތަކުގެ ޙުރުމަތް ކަނޑަމުންދާމީހުން އާންމު ރައްޔިތުންވެސް ނުކުމެ ހުއްޓުވައި ފުލުހުންނާއި ހަވާލުކޮށްފައި ވެއެވެ.

މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓައި، އެތަންތަނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މިސްކިތްތައް ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާ ކުރުމަށާއި، މިސްކިތްތަކުގައި ހިންގާ ހަޑި މުޑުދާރު ޢަމަލުތައް ވަގުތުން ހުއްޓުވައި، މިސްކިތުގެ ޤަދަރު ކުޑަވާގޮތަށް އަމަލު ހިންގާ ފަރާތްތަކަށް ނަސޭހަތްދީ ސަރުކާރަށް ގޮވާލުމަށް، މަޖިލީހަށް މައްސަލައެއްވެސް ވައްދާފައި ވެއެވެ.

މިމައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ މިފަދަ އަމަލުތައް ހުއްޓުވޭނީ ހަމައެކަނި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުގެ މަސައްކަތުން ނޫން ކަމަށާއި، އެންމެން ގުޅިގެން ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން މިކަން ހުއްޓުވަން ޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.