ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅުކަމަށްވާ ގ.ކެނެރީގޭގެ ސެކިއުރިޓީ ދަށްކޮށްފައިވާކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.
މެއި މަހުގެ 6 ގައ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން، އެމްއެންޑީއެފް އިން ވަނީ ރައީސް ނަޝީދުގެ ގެކޮޅުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. އެގޮތުން ހަތިޔާރާއެކު ސިފައިން ފޯރިމަރަމުން ގެންދެއެވެ. ރައީސް ނަޝީދުގެ އާއިލާއިން ބުނީ، ކެނެރީގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެމްއެންޑީއެފްގެ ހަ ސިފައިންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ)ގެ މީހަކު ހުންނަކަމށެވެ. ނަމަވެސް އިއްޔެއާއި މިއަދު ކެނެރީގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ 6 ބޭލަކުން ވަޑައިނުގަންނަވާކަމަށާއި، ސެކިއުރިޓީ ބެލެހެއްޓުމުގައި ހުރީ ހަމައެކަނި އެސްޕީޖީގެ މީހެއްކަމަށް އާއިލާއިން ބުންޏެވެ.
މިއާއެކު ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްޠާރު ވަނީ، ގެނެރީގެ ސެކިއުރިޓީ ދަށްކުރީ، އޭނާ މާޅޮހަށް ފުރުމުންތޯ، ޑިފެންސް މިނިސްޓަރ މާރިޔާއާއި ސުވާލުކުރައްވާފައެވެ.
Dear @MariyaDidi kenereegey security dhakkurevvee alhugandu maalhohah furrema tho?
— Nazim Sattar (@nazimsat) June 29, 2021
މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދީފައިވަނީ، އެމަނިކުފާޏުގެ ގެކޮޅު، ކެނެރީގެއިން ނިކުމެ ވަޑައިގެން ކާރުކޮޅަށް އަރުއްވަނިކޮށް ސައިކަލެއްގައި ހަރުކޮށްފައިއޮތް ބޮމެއް ގޮއްވާލައިގެންނެވެ. މި ހަމަލާއިން ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ރައީސް ނަޝީދު މިހާޜު ގެންދަވަނީ ޖަރުމަންވިލާތުން ފަރުވާ ހޯއްދަމުންނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއެކު ސަލާމަތީ ޚީދުމަތްތަކުގެ އެލާޓް ލެވެލް މަތިކޮށް، ރައީސް ނަޝީދުގެ ގެކޮޅާއި، މާލޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ސިފައިން ދަނީ ހަތިޔާރާއެކު ފޯރިމަރަމުންނެވެ.
ކޮމެންޓު ފޮނުވާ