ޕާޓީގެ އެތެރޭގެ އުދާސްތައް ވަރަށް ރަގަޅަށް ބުނެދިން އަހަރީ ދުވަހެއް!

ޕާޓީގެ އެތެރޭގެ އުދާސްތައް ވަރަށް ރަގަޅަށް ބުނެދިން އަހަރީ ދުވަހެއް!

އެމްޑީޕީއަކީ، މިވަގުތު ރާއްޖޭގަ އޮތް އެންމެ ދުވަސްވީ އެއްސިޔާސީ ޕާޓީއެވެ. އަދި މިއީ، އެޕާޓީގެ ސިޔާސީ ފިކުރަށް ތާއީދުކުރާ ފަރާތްތަކުންވެސް އަދި ނުކުރާ ފަރާތްތަކުންވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.

އަދި ހަމަ އެއާއެކު، އެޕާޓީވެގެން ގޮސްފައިވަނީ، އަބަދުވެސް އަހަރީ ދުވަސްތަކާއި، އެޕާޓީގެ ކެމްޕޭންތައް ކުލަގަދަކޮށް ފާހަގަކުރާ ޕާޓީއެއްގެ ގޮތުގައިވެސްމެއެވެ. ހަމައެއާއެކު އެމްޑީޕީއަކީ، ދެވަނަ ފަހަރަށް ކޯލިޝަން ވެރިކަމެއް ރާއްޖޭގައި ކުރަމުންދާ ޕާޓީވެސްމެއެވެ.

އެހެންކަމުން، ވެރިކަމުގެ ދެވަނަ ދައުރުގައި، ދައުރުގެ މެދަކަމާ ހަމައިން، މިއަހަރު އެމްޑީޕީގެ އަހަރީދުވަސް އެޕާޓީއާއި ބައްދަލު ކުރިއިރު، އެހެން އަހަރީ ދުވަސްތައް ޕާޓީއާއި ބައްދަލު ކޮށްފައިވާ ހާލަތުތަކާ މިއަހަރުގެ އަހަރީ ދުވަހާއި ތަފާތުތަކެއް ހުރިކަން ފާހަގަ ކޮށްލެވެއެވެ.

މިގޮތުން ފާހަގަވާން އޮތް އެންމެ ބޮޑު އެއް ތަފާތަކީ، ޕާޓީގެ މިއަހަރުގެ އަހަރީ ދުވަހާއި ބައްދަލުކުރިއިރު، ޕާޓީގެ ރައީސަށް އަމާޒުކޮށް ދެވެނު ޓަރަރިސްޓު ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާއަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނު ވިލާތަށް ވަޑައިގެން ހުންނެވި ހުންނެވުމެވެ.

ހަމަ އެފަދައިން، 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ހެދި ރިޔާސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން، ވެރިކަމުގެ ފުރަތަމަ ހާފް ނިމި، ދައުރު ދެބައިވެގެން ދިޔައިރު، ޕާޓީގެ ތެރޭގައި އުފެދިފައިވާ ކޯޅުމުގެ އަސަރު އެމްޑީޕީގެ ތެރެއަށް ފޭދިގެން ގޮސްފައިވާލެއް ބޮޑުކަންވެސް، އިއްޔެ ފާހަގަކުރި ޕާޓީގެ އަހަރީ ދުވަހުން ވަރަށް ބޮޑަށް ފާހަގަ ވެގެން ދިޔައެވެ.

ދިިދަ ނެގުމުގެ ރައިސްމިއްޔާތުގައި، ރައީސް ސޯލިހުވެސް އަދި ވަޒީރަކުވެސް ބައިވެރިވެ ވަޑައެއް ނުބަންނަވައެވެ.،

ދެރައީސުންގެ ތަހުނިޔާގެ މެސެޖްވެސް، ހަމައެކަނި އާންމު މެމްބަރުންނަށް

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންކަމުން މިވަގުތު، އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުންނަމަ، އެޕާޓީގެ އެންމެ އިސްފަރާތަކީ، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުއެވެ.

އަދި ހަމަ އެއާއެކު ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ، އެތައް ބައެއްގެ ތާޢީދާއެކު ނަމަވެސް، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެޕްމޭންކޮށްގެން، ރަށްރަށަށް ދަތުރުކޮށް، ވައުދުތައްވެ، ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓޭއްގެ ހައްސިއްޔަތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގެންނެވީ އިބުރާހިމް މުހައްމަދު ސޯލިހު ކަމެވެ.

އެހެންކަމުން، ޕާޓީ ނަގަހައްޓާ ދެމެހެއްޓުމުގައި އެމަނިކްފާނު އުފުއްލަވަން ޖެހިވަޑަގަންނަވާ ޒިމްމާތައްވެސް އެހާމެ ބޮޑުކަމުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

ކަން މިހެން އޮތްއިރު، އެމްޑީޕީގެ 16ވަނަ އަހަރީދުވަސް، 2021 ވަނަ އަހަރު އެޕާޓީއާއި ބައްދަލު ކުރީ، ޕާޓީގެ ރައީސް ނަޝީދުއާއި، ޕާޓީގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުއާއި ދެމެދު ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެން ގޮސްފައިވަނިކޮށެވެ. އަދި މި ނުތަވަސްކަމުގެ އަސަރު ދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކާ ހަމައަށް ދަތުރުކޮށް، ޕާޓީއަށް ތާއީދުކުރާ ފަރާތްތައްވެސް ދެބަޔަކަށް ބެހިގެން ގޮސްފައިވަނިކޮށެވެ.

މިގޮތުން، ޕާޓީގެ ތެރޭގައި އުފެދުނު މިބައިބައިވުންތައް އެންމެ ބޮޑަށް ފާޅުވެގެން ދިޔައީ، ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމަލާގައި އެމަނިކްފާނު އޭޑީކޭގއި އެޑްމިކޮށްފައި ވަނިކޮށް، ހަމަލާ ދެވުނުރޭ، ރައީސް އިބުރާހިމް މުހައްމަދު ސޯލިހް އޭޑީކޭއަށް ވަޑައިގެންނެވުމުން، އޭޑީކޭއަށް އެއްވެތިބި ނަޝީދަށް ތާޢީދުކުރާ ބައެއް ފަރާތްތަކުން އެމަނިކްފާނުގެ އިސްތިއުފާއަށް ގޮވުމުންނެވެ.

ކޮންމެއަކަސް، ރާއްޖޭގައި މިވަތު އޮތް އެންމެބޮޑު އެއް ސިޔާސީ ޕާޓީގެ ތެރޭގައި ބޮޑު ކޯޅުމެއް އުފެދިގެން ގޮސްފައިވަނިކޮށް، އިއްޔެ މިވަނީ އެޕާޓީގެ 16ވަނަ އަހަރީދުވަސް އެޕާޓީއާއި ބައްދަލު ކޮށްފައެވެ.

އެންމެ ފުރަތަމަ އޮތީ ދިދަ ނެގުމުގެ ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އެއްވެސް ވަޒީރަކުވެސް ބައިވެރި ވެވަޑައެއް ނުގަންނަވައެވެ.

އެއަށްފަހު، ފެންނަން ފެށީ، ޕާޓީގެ އިސްވެރިން ސޯޝަލް މީޑިއާގައި ތަހުނިޔާ ބަދަލު ކުރަމުންދިޔަ ތަނެވެ. ދެފެން ދޭތެރޭގައި ތިއްބެވި މަޖިލިސް ބައެއް މެމްބަރުންނާއި ބައެއް ވަޒީރުންގެ މެސެޖުތަކުގައި، ދެރައީސުންނަށް ތަހުނިޔާ އަރިސްކުރިކަމުގައިވި ނަމަވެސް، މަޖިލިސް ނާއިބު ރައީސާ އިވާ އަބުދުﷲގެ ތަހުނިޔާގެ މެސެޖުގައި ޕާޓީގެ ރައީސް ނަޝީދުގެ ފޮޓޯފުޅެއް ހިމަނުއްވި ނަމަވެސް، ހަމަ އެބީދައިން ޕާޓީއަށްޓަކާ އެތައް ގުރުބާނީއެއް ވެވަޑައިގެންނެވި، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުގެ ފޮޓޯފުޅެއް ހިމަނުއްވާފައެއް ނުވެއެވެ.

މަޖިލިސް ނާއިބުރައީސާގެ ތަހުނިޔާގެ މެސެޖުން، މިއައިބުކަން ފާގަވެގެން ގޮސްފައި ވަނިކޮށް، ދެން ފެނުނީ އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ އާންމު މެމްބަރުންނަށް ދެ ރައީސުން ތަހުނިޔާ އަރިސްކުރެއްވި މަންޒަރެވެ.

ނަޝީދުގެ ތަހުނިޔާގެ މެސެޖުގައި ޕާޓީގެ އެންމެ އިސްފަރާތް ކަމުގައިވާ، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެއް ނުވެއެވެ. ތަހުނިޔާ އަރިސްކުރެއްވީ ހަމަ އެކަނި ޕާޓީގެ އާންމު މެމްބަރުންނަށް އެކަންޏެވެ.

ހަމަ މިބީދައިން، ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ތަހުނިޔާގެ މެސެޖުގައިވެސް، ޕާޓީގެ ރައީސް ނަޝީދުގެ އަރިހަށް ތަހުނިޔާ ފޮނުއްވާފައެއް ނުވެއެވެ. ދެބޭފުޅުންވެސް ތަހުޔާ އަރިސް ކުރެއްވީ ޕާޓީގެ އާންމު މެމްބަރުންނަށެވެ.

އެމްޑީޕީގެ 16ވަނަ އަހަރީ ދުވަހު، ކޯވިޑް ނުރައްކަލާހެދި، އެއްތަނަކަށް އެއްވެ ބޮޑު ޖަލްސާއެއް ބާއްވާފައި ނުވިނަމަވެސް، އެޕާޓީގެ އިސް ބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް އަރިސްކުރި ތަހުނިޔާގެ މެސެޖުތަކުގައި ދެރައީސުންގެ އަރިހަށްވެސް ތަހުޔާގެ އަރިސްކޮށްފައި ވެއެވެ.

އެހެންނަމަވެސް، ފާހަގަވެގެންދިޔަ މުހިންމު ކަމަކީ، ޕާޓީގެ އަހަރީ ދުވަހު، އޮންލައިންކޮށް ބޭއްވުނު ގައުމީ މަޖިލިސް ޖަލްސާގައި ދެ ރައީސުން ބައިވެރިވެ ވަޑައިގެންފައި ނުވިނަމަވެސް، ޕާޓީގެ އަހަރީ ދުވަހާ ދިމާކޮށް، އެމްޑީޕީ ހަރުގެ ކުލަބް ހައުސް އިފްތިތާހު ކޮށްދެއްވީ ޕާޓީގެ ރައީސް ނަޝީދު ކަމެވެ. މި ރަސްމިއްޔާތުގައި ރައީސުލްމުޖްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

ކޮންމެއަކަސް، ކޯވިޑްގެ ހާލަތުގައި އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެއްތަނަކަށް އެއްވެ ހަރަކާތްތަކެއް ނުބޭއްވުނު ނަމަވެސް، ދުރުގައި ތިއްބެވި ނަމަވެސް، ޕާޓިގެ އަހަރީ ދުވަހުގެ ހެޔޮއެދުންތައް ޕާޓީގެ އެންމެ އިސް ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކު ހިއްސާ ކުރައްވާފައި ނުވާކަން މިއީ، އަހަރީ ދުވަހެއް ފާއިތުވެގެން ދިޔައިރު، ޕާޓީގެ އެތެރޭގެ އުދާސްތައް ވަރަށް ރަގަޅަށް ރަމްޒު ކޮށްދިން ކަމެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރި ކަމެކެވެ.

 

އެތެރޭގެ ކޯޅުން

ފާއިތުވެދިޔަ ދެ މަހެއްހާ ދުވަހަކީ، އެމްޑީޕީގެ އެތެރޭގެ ކޯލުންތަކުގެ ވަރަށް ގިނަ މަންޒަރުތައް އާންމުންނާ ހަމައަށް ތިލަވެގެން ދިޔަ 2 މަހެއްހާ ދުވަހެވެ. މީގެތެރޭގައި، ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ފެށިގެންގޮސް، މި ހަމަ ނުޖެހުންތައް ދެބޭފުޅުންގެ އާއިލީ ބޭފުޅުންނާ ހަމައަށް ފޯރި މަންޒަރުވެސް ފެނިގެން ދިޔައެވެ.

އެންމެ ބޮޑަށް ފާހަގަ ވެގެންދިޔަ އެއްކަމަކީ، ރައްޔިތުންގެ މަޖިލިހުގެ އަލިފުށީ ދާއިރާގެ މެމްބަރު، ބިގޭގެ މައްޗަށް ނަޝީދަށް ތާޢީދުކުރާ ފަރާތްތަކުން ކުރަމުން އަންނަ ތުހުމަތު ތަކެވެ. ނަޝީދަށް އިންސާފު ލިބުމަށް ހުރަސް އަޅާކަމުގެ ތުހުމަތެވެ. ރައީސް ސޯލިހުގެ ވިދާޅުވެގެން މަޖިލިސް މެމްބަރުންނަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތެވެ.

ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ބިގޭގެ މައްޗަށް ކުރާ ތުހުމަތަކީ، ރައީސް ސޯލިހު ވިދާޅުވެގެން މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

މިހުރިހާ ތުހުމަތެއް އަލިފުށީ ދާއިރާގެ މަޖިލިސް މެމްބަރު ބިގޭއަށް އަމާޒު ވެގެންދިޔަ ނަމަވެސް، ގިނަބަޔަކު ސިފަ ކުރާ ގޮތުގައި ހުރިހާވެސް ފާޑުކިއުމެއް އަމާޒުވަމުންދަނީ ސީދާ ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށެވެ. ސަބަބަކީ މަޖިލިސް މެމްބަރު ބިގޭއަކީ ރައީސް ސޯލިހުގެ ޅިޔަނަކަށް ވުމުގެ އިތުތުން، ގިނަ މެމްބަރުން ވިދާޅުވާ ގޮތުންނަމަ، ގިނަ ކަންކަމުގައި ރައީސްގެ ފަރާތްޕުޅުން އެންމެ އިސްކޮށް އުޅުއްވަމުން ގެންދަވަނީވެސް ބިގޭކަމަށް ވާތީއެވެ.

ކޮންމެއަކަސް، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީގެ އެތެރޭގައި އޮތް އެންމެ ބޮޑު ކޯޅުމެ އަސްލަކީ، ގައުމީ މަޖިލުހެގެ މެޖޯރިޓީ، ކުރިޔަށް އޮތް، އެމަޖިލިހަށް މެމްބަރުން އިންތިޚާބުކުރުމަށް ބޭއްވޭ އިންތިޚާބުގައި ކާމިޔާބު ކުރުން ކަމުގައިވެސް ދިރަސާކުރާ ފަރާތްތަކުން ބުނެއެވެ.

މަޖިލިސް ރައީސް ދެކެވަޑައިގަންނަވާ ހުވަފެނަކީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، އެމަނިކްފާނު ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމުގެ ހުވަފެނެވެ. މިކަމަށް އެދިވަޑައިގެން ނަޝީދު ރައީސް ސޯލިހުއަށް އެންމެ ފުރަތަމަ ފޮނުއްވި މެސެޖުގައި އެދިވަޑައިގަތީ، އާންމު ފެންނަ ނުފެންނަ ވޯޓަކަށްވެސް ނުގޮސް، މަޖިލިހުގެ ތެރެއިން ނަގާ ވޯޓަކުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، އެމްނިކްފާނު ރާއްޖޭގެ ބޮޑުވަޒީރަކަށް ވެވަޑައިގަތުމެވެ.

އެހެންނަ،މަވެސް، ރައީސް ސޯލިހު ވިދާޅުވެފައިވަނީ، އެކަން ކުރުމުގެ ފުސަތު ދެއްވާނީ، ގާނޫނު އަސާސީގައި ބަޔާން ކުރެވިފައިވާ އުސޫލުގެ ތެރެއިން، އާންމު ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމުގައެވެ. ގަބޫލު ކުރެވޭގޮތުގައި، މިއީ ނަޝީދުގެ ބަރުލަމާނީ ހުވަފެނަށް ކުރިމަތި ވެވަޑައިގެންފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ފާއިތުވެދިޔަ، ޕާޓީގެ 16 ވަނަ އަހަރީ ދުވަހަކީ، މި ޚިޔާލު ތަފާތުވުންތައް، ކިތަންމެހާވެސް ވަރަކަށް ރަމްޒު ކޮށްދިން އަހަރީ ދުވަހެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *