ބްރެޒިލް މޮޅުވެ ހަމަޖެހިލައިފި

ބްރެޒިލް މޮޅުވެ ހަމަޖެހިލައިފި

Author
އިބްރާހީމް ސާޢިދު
18 ޖޫން 2021 09:35
0

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގް ގްރޫޕް ބީ ގައި ޕެރޫ އާ ދެކޮޅަށް ބްރެޒިލުން ކުޅުނު މެޗް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

ރޭ ފަތިހު ބްރެޒިލްގައި ކުޅުނު މި މެޗްގައި ޕެރޫގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-4 އިންނެވެ. މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗްގެ 12 ވަނަ މިނެޓްގައި ޔުވެންޓަސް އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު އެލެކްސް ސަންޑްރޯއެވެ. އޭގެ ފަހުން ބްރެޒިލަށް ދެވަނަ ލަނޑެއް ކާމިޔާބުކުރެވޭ ވަރުވީ މެޗްގެ ފަހު ހާފުގެ ވެސް 20 މިނެޓް ކުޅުނު ފަހުންނެވެ. މެޗްގައި ބްރެޒިލުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖެހީ ފުރަތަމަ މެޗްގައިވެސް ބްރެޒިލަށް ގޯލެއް ކާމިޔާބުކޮށްދިން އެ ޓީމްގެ ތަރި ނޭމާ އެވެ.

މެޗްގައި ބްރެޒިލުން ޖެހި ފަހު ދެ ލަނޑު ކާމިޔާބުކުރީ މެޗް ނިމެން ވަރަށް ގާތްވެފައިވަނިކޮށެވެ. އެޓީމްގެ ތިންވަނަ ލަނޑު މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ފްލެމެންގޯއަށް ކުޅެމުން އަންނަ 32 އަހަރުގެ މިޑްފީލްޑަރު އެވަޓޮން ރިބޭރޯ ކާމިޔާބުކުރި އިރު މެޗްގެ އިތުރު ވަގުތުގެ ތެރޭގައި ބްރެޒިލްގެ ފަހު ލަނޑު ޖަހައިދީފައިވަނީ އެވަޓަންއަށް ކުޅެމުން އަންނަ ފޯވާޑް ރިޗާލިސަން އެވެ.

ޕެރޫގެ މައްޗަށް ބްރެޒިލުން ހޯދި މޮޅާއެކު އެ ޓީމް މިހާރު އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. އެ ޓީމުން ވަނީ މުބާރާތް ހުޅުވި މެޗްގައި ވެނެޒުއޭލާ އާ ވާދަކޮށް ތިން ގޯލް ޖަހައިގެން މޮޅުވެފަ އެވެ. ރޭ މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗްގައި ވެނެޒުއޭލާ އާއި ކޮލަމްބިއާ ބައްދަލުކޮށްފައިވާ އިރު އެ މެޗް ނިމިފައިވަނީ 0-0 އިން އެއްވަރުވެގެންނެވެ.

ފަސް ޓީމް ހިމެނޭ މި ގްރޫޕްގެ ދެވަނައިގައި އޮތީ  ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފައިވާ ކޮލަމްބިއާ އެވެ. ދެ މެޗް ކުޅެގެން ލިބުނު އެއް ޕޮއިންޓާ އެކު ވެނެޒުއޭލާ ތިންވަނައިގައި އޮތް އިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފަހަތުގައި އޮތް ޕެރޫ އާއި އެކުއެޑޯ އިން އަދި މި މުބާރާތުގައި ކުޅެފައިވަނީ އެންމެ މެޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.