މަސްތުގެ ޙާލަތުގައި މިސްކިތުގައި ހުރި މީހަކު ހައްޔަރުކޮށްފި

މަސްތުގެ ޙާލަތުގައި މިސްކިތުގައި ހުރި މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
17 ޖޫން 2021 12:53
0

މަސްތުގެ ޙާލަތުގައި މާލޭ ވިޔަފާރިވެރިންގެ މިސްކިތުގައި ހުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ވިޔަފާރިވެރިންގެ މިސްކިތް ތެރޭގައި މަސްތުގެ ޙާލަތުގައި ހުރިކަމަށް ތުޙުމަތުކުރެވޭ މީހަކު ރޭ ދަންވަރު 1:35 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނެއްކަމަށެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރިކޯޑް އޮންނަ ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން ބޭނުމެއް ނެތި މިސްކިތްތަކަށް ވަދެ އަދި މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތުކުރެވޭ 15 މީހަކު މިމަހުގެ 13 ވަނަ ދުވަހުގެ ރޭވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ބާކީ ތިބި 8 މީހުން ކަސްޓޯޑިއަލް ޖަލެއްގައި 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މަސްތުގެ ހާލަތުގައި މިސްކިތްތަކުގައި ތިބި ބަޔަކު ހައްޔަރުކޮށްފައިވާއިރު ފަހަކަށް އައިސް މާލޭގެ މިސްކިތްތަކުގައި ނިދުމާއި އެއްޗެތި ދޮވުމުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ މިސްކިތުގެ ޙުރުމަތްކެނޑޭ ކަންކަން ބައެއް މީހުން ކުރާކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް، މިސްކިތުގައި ކޮށްގެން ނުވާނެ އެތައް ކަމެއް ކުރަމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ. ކޯވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް ޖަމާއަތުގައި ނޫންގޮތަށް މިސްކިތުގައި ނަމާދުކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ފުލުހުން ބުނީ، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ނިދާ އެއްޗެހި ދޮވެ، މިސްކިތްތައް ބޭނުންކުރުން އެކަށީގެންނުވާ އެހެނިހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުންކުރާކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބެމުންދާކަމަށެވެ. އެގޮތުން ފުލުހުން ކޮންމެ ރެޔަކު މިސްކިތްތައް ބަލައި މިސްކިތްތައް އެގޮތަށް ބޭނުންކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހާލަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަތަ ތަހުގީގްކުރަމުންދާކަމަށެވެ.

މީގެ އިތުރުން މިކަމުގެ މަޢުލޫމާތު ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާވެސް ހިއްސާކޮށްގެން ހައްލެއް ހޯދުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުން ގެންދާކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.