ރާމޯސް ރެއާލް ދޫކޮށްލަން ނިންމައިފި

ރާމޯސް ރެއާލް ދޫކޮށްލަން ނިންމައިފި

Author
އިބްރާހީމް ސާޢިދު
17 ޖޫން 2021 02:10
0

ރެއާލް މެޑްރިޑަށް 16 އަހަރު ކުޅެދިނުމަށް ފަހު ތަޖުރިބާކާރު ކުޅުންތެރިޔާ ސާޖިއޯ ރާމޯސް އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.

ރެއާލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާމޯސް އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އޭނާ އަށް ކްލަބުން ދޭ ފެއާވެލްގެ ކަންތައްތައް މިއަދު ކުރިއަށްދާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރެއާލްގެ ބަޔާނުގައިވެއެވެ. ރާމޯސް ރެއާލް ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

މި މަސް ނިމުމުން ރާމޯސް ރެއާލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެއެވެ. ރާމޯސް ގުޅޭނެ ކަމަށް އެންމެ ބޮޑަށް ވާހަކަ ދެކެވެނީ ފްރާންސްގެ ޕީއެސްޖީއާއެވެ. ރިޕޯޓްތައް ބުނާ ގޮތުން ރެއާލުން ރާމޯސް އަށް އެއްބަސްވުން އާ ކުރަން ދެ ގޮތެއް ހުށަހެޅިއެވެ. ފުރަތަމަ ގޮތަކީ މިހާރު ލިބޭ މުސާރަ އަށް އިތުރު އެއް އަހަރަށް އާ ކުރުމަށެވެ. ދެ ވަނަ ގޮތަކީ މިހާރު ލިބޭ މުސާރަ އަށް ވުރެ 10 ޕަސެންޓް މަދުކޮށް އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމެވެ. އެކަމަކު ރާމޯސް އޭގެއިން ގޮތަކަށް އެއްބަސްނުވެ، މަޝްވަރާތައް ދިގުލައި ގޮސް އެންމެ ފަހުން އޭނާ ޓީމު ދޫކޮށްލަން ނިންމީއެވެ.

ރާމޯސް ރެއާލަށް ބަދަލުވީ ސެވިއްޔާ ދޫކޮށް 2005 ވަނަ އަހަރު އެވެ. ރެއާލުން އޭނާގެ ސޮއި ހޯދީ 27 މިލިއަން ޔޫރޯ އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.