ފިލިޕީންސް އަތުން އެއްވަރުވެ ރާއްޖެ ޕްލޭއޮފް ބުރަށް

ފިލިޕީންސް އަތުން އެއްވަރުވެ ރާއްޖެ ޕްލޭއޮފް ބުރަށް

Author
ޔޫސުފް
15 ޖޫން 2021 10:08
0

ފީފާ ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަންގައި މިރޭ ފިލިޕީންސް އަތުން އެއްވަރުވެ އޭޝިއަން ކަޕުގެ ޕްލޭ އޮފްގައި ވާދަކުރަން ޖެހިއްޖެއެވެ.

ސެންޓްރަލައިޒްކޮށް ދުބާއިގާއި ކުރިޔަށް ގެންދިޔަ ގްރޫޕް އޭގައި މިރޭ މި ދެ ޓީމު ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ. މި މެޗު ރާއްޖެއަަށް ކާމިޔާބުކުރެވުން ނަމަ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނެއެވެ.

މިރޭގެ މެޗަށް ރާއްޖެ ނުކުތްއިރު، ކޯޗު މާޓިން ކޫޕްމަން ވަނީ ޢަލީ ފާސިރު (ސެންޓޭ) އާއި ޙުސައިން ޝިފާއު (ކުރޯ) އަށް ވަނީ ފުރަތަމަ 11 އިން ފުރުޞަތު ދީފައެވެ. އެގޮތުން މި ދެ ކުޅުންތެރިން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ދުބާއީގައި ކުރިޔަށްދާ ކޮލިފައިންގައި ރާއްޖެ މީގެ ކުރިން ކުޅުނު 2 މެޗާއި އަޅާބަލާއިރު މި މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނު ކުޅުން ވަރަށް ބޮޑަށް ރަނގަޅުކަން ފާހަގަކޮށްލެވެއެވެ. ކޮލިފައިންގައި ސީރިއާ އަތުން ރާއްޖެ 0-4 އިން ބަލިވިއިރު، ޗައިނާ އަތުން ބަލިވީ، 0-5 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން 3 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލަނޑު ޖަހާނެ ފުރުޞަތެއް ތަނަވަސްކޮށްފައެވެ. އެގޮތުން ހަމްޒާ ތަނަވަސްކޮށްދިން ފުރުޞަތަކުން ޢަލީ ފާސިރު ގޯލު ކުރިމަތީގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 11 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ފިލިޕީންސްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލަފައެވެ. ފިލިޕީންސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް ހަމްޒާ ކުރިޔަށް ފޮނުވާލި ބާރު ހަމަލާ ފިލިޕީންސްގެ ކީޕަރ އަތުން ޖައްސާ ކޯނަރަކަށް ވަނީ ބޭރުކޮށްލާފައެވެ. ރާއްޖެއިން ރަނގަޅަށް ކުޅެމުން ދަނިކޮށް ދިވެހި ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ފިލިޕީންސް އިން ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ފިލިޕީންސްއަށް ކާމިޔާބުކޮށްދިނީ، އެންހެލް ގިރާލްޑޯއެވެ.

ފިލިޕީންސް އިން ލަނޑު ޖަހާ ލީޑު ނެގި ނަމަވެސް، ރާއްޖެއިން ވަނީ ހިތްވަރު އެލުވާނުލާ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަމްޕު އާއި ޗުމްޕު މި ދެ ކުޅުންތެރިން ވެގެން ތަނަވަސްކޮށްދިން ފުރުޞަތަކުން ޢަލީ ފާސިރު ވަނީ ލަނޑު ޖަހާ ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑަށް ފަހުވެސް ރާއްޖެއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖަހަން ފުރުޞަތުތައް ތަނަވަސްކޮށްފައެވެ.

މެޗުގެ ދެވަނަ ހާފް ރާއްޖެއިން ފެށީ ބަދަލަކާއެކުއެވެ. އެގޮތުން އިބްރާހިމް އައިސަމްގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އުމައިރުއެވެ. ދެވަނަ ހާފްގައި ފިލިޕީންސްގެ ފަރާތުން އެޓޭކްތައް ވަރުގަދަ ކުރިއެވެ. ނަމަވެސް ރާއްޖޭގެ ޑިފެންޑަރުން ވަނީ މި ހަމަލާތައް ހުއްޓުވާފައެވެ. ހާއްސަގޮތެއްގައި އަރިމަތިން ފަހަތަށް ކުޅުނު ދެ ޑިފެންޑަރުން ކަމަށްވާ ހުސައިން ޝިފާއު (ކުރޯ) އާއި ހައިޝަން ހަސަން ގެ ކުޅުން ފާހަގަކޮށްލެއެވެ. މެޗުގެ 65 ވަނަ މިނެޓުގައި އަލީ ހައިޝަމްގެ ބަދަލުގައި ކޯޗު ވަނީ ޢަލީ އަޝްފާގް (ދަގަނޑޭ) ކުޅެން އަރުވާފައެވެ.

މި ނަތީޖާއެކު ގްރޫޕް އޭގެ އެއް ވަަނައިގައި ސީރިއާ އޮތީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެން 21 ޕޮއިންޓާ އެކުއެވެ. ގްރޫޕްގެ ދެ ވަނައިގައި 16 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިން ވަނައިގައި ފިލިޕީންސް އޮތީ އަށް މެޗުން 11 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި ރާއްޖެ އޮތީ އަށް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު. އެންމެ ފުލުގައި އޮތް ގުއާމަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.