"ނަފްރަތުގެ ޢަމަލު"ބަޔާންކުރާ ބިލު ހުށަހެޅުމުގައި އެއްވެސް ސިފައެއްގައި މަޝްވަރާކުރެވިފައެއްނުވޭ: އަދާލަތު

"ނަފްރަތުގެ ޢަމަލު"ބަޔާންކުރާ ބިލު ހުށަހެޅުމުގައި އެއްވެސް ސިފައެއްގައި މަޝްވަރާކުރެވިފައެއްނުވޭ: އަދާލަތު

Author
މުޙައްމަދު ޖިމީ
15 ޖޫން 2021 07:58
0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައެޅި އިޞްލާހުގެ ބިލަކީ އެއްވެސް ވަރަކަށް އަދާލަތު ޕާޓީއާއި މަޝްވަރާކުރެވިގެން ހުށައެޅި ބިލެއް ނޫންކަމަށް އެޕާޓީން މިއަދުބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ އިސްލާހާއިމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ބިލުގެ ބަހުސްމިއަދު މަޖިލީހުގައި ވަނީ ފަށާފައެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅި މިބިލަކީ އަދާލަތު ޕާޓީއާއި މަޝްވަރާކޮށްގެން ހުށައެޅި ބިލެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރުމާއި ގުޅިގެން އަދާލަތުން ބުނީ، ޤާނޫނުލް ޢުޤޫބާތަށް މާއްދާއެއް އިތުރުކުރަން ހުށަހަޅާފައިވާ ބިލަކީ ޢަދާލަތު ޕާޓީއާ މަޝްވަރާކުރެވިގެން ހުށަހަޅާފައިވާ ބިލެއްކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް، އެ ބިލު މަޖިލީހަށް ހުށަހެޅުމުގައި ޢަދާލަތު ޕާޓީއާ އެއްވެސް ސިފައެއްގައި މަޝްވަރާކުރެވިފައި ނުވާކަމަށެވެ.

މިބިލު މަޖިލީހަށް ހުށައެޅުމާއެކު އަދާލަތުން ވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިމަހު ކުރީކޮޅު އްވާފަ އެވެ. މި ބައްދަލުވުމަށްފަހު އެ ޕާޓިން ނެރުނު ގަރާރުގައި ބުނެފައިވަނީ ދީނީ އިލްމުވެރިންނާއި ޖަމިއްޔާތަކާއި ދީނާ ގުޅުން ހުރި ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ގެއްލޭނެ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އަދި ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާލުކުރުމުގެ މިނިވަންކަމުގެ ހައްގު ދިފާއުކޮށް ދަމަހައްޓަންޖެހޭ އެންމެ މުހިންމު ސަބަބަކީ، މުޖުތަމަޢުގެ ކަންކަމާމެދު ބަހުސްކޮށް ބަސްބުނެ ލަފަޔާއި އިރުޝާދު ދިނުމަކީ މުޖުތަމައުގެ ބަދަހިކަމާއި ގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް ކޮންމެހެން ލާޒިމުކަމެއް ކަމުގައިވެފައިވާތީ ކަމަށްވެސް އަދާތަކު ޕާޓީން ބުނެއެވެ.

މީގެ އިތުރުން ނަފްރަތުގެ ޢަމަލު ހުއްޓުވަން ޖެހެނީ އޭގެ ސަބަބުން މުޖުތަމަޢުގައި ފިތުނަފަސާދަ އާއި ބައިބައިވުން އުފެދި އިޖުތިމާޢީ ހަމަތައް ގެއްލިގެން ދާތީ، މުޖުތަމަޢުގެ ވިލުންވެރިކަމާއި މަސަލަސްކަން އިތުރުކޮށް އިސްލާމީ މުޖުތަމަޢުތަކުގައި ހިފަހައްޓަން ޖެހޭ ރިވެތި އަޚުލާޤީ ހަމަތައް ހިފަހައްޓަން ކަމަށްވެސް އަދާލަތުން ނެރުނު ގަރާރުގައި ބުނެފައި ވެއެވެ.

އެހެންކަމުން “ނަފްރަތުގެ ޢަމަލު” ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު އެ ޕާޓީގެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށް، ހައްލު ހޯދުމަށާއި އިސްލާމްދީނުގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތް ކުރުމާ އެކު، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކަށް އެކަން ކުރަން އަދާލަތު ޕާޓިން ވަނީ އިޤްރާރު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.