ޓެރަރިޒަމަށް ވާގަވެރިވާ ބައެއްކަމަށްބުނެ މިދިޔަ މަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީން ހައްޔަރުކުރި 9 މީހުންގެ ތެރެއިން 5 މީހަކު ދޫކޮށްލި އަމުރު ހައިކޯޓުން ބާތިލް ކޮށްފި އެވެ.
ދަށުކޯޓުގެ އަމުރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެމައްސަލަ ބައްލަވައި ހައިކޯޓުން ނިންމެވީ މި 5 މީހުން ބަންދުން ދޫކޮށްލުމަށް ކުރި އަމުރުތައް ބާތިލު ކަމަށެވެ. އަދި މި 5 މީހުން މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މި މީހުން ދޫކޮށްލި ނަމަވެސް މިމީހުންނާއި ގުޅޭގޮތުން ފުލުހުން ހިންގާ ތަހުގީގް ވަނީ ކުރިއަށްގެންގޮސްފަ އެވެ.
މިދިޔަ މަހުގެ 6 ވަނަދުވަހުގެ ރޭ ބާރުގަދަ އެއްޗެއް ގޮއްވާލާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ރާއްޖޭގެ އެކި ސަރަހައްދުގައި އަންނަނީ ހަތިޔާރާއި އެކު ހަރަކާތްތެރިވަމުންނެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ސަލާމަތީ ބާރުތަކުން ވަނީ އައްޑޫ ސިޓީން 9 މީހަކު ހައްޔަރުކޮށްފައެވެ. މި މީހުންނާއި ބެހޭ ތަފްސީލުތައް ފުލުހުން ހާމައެއް ނުކުރެއެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އައްޑޫ ސިޓީން ހައްޔަރުކުރި މީހުންނަކީ ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަމަށެވެ. އަދި މި މީހުންނަކީ ބޮމާއި ހަތިޔާތު އުފެއްދުމުގައި އުޅޭ ބައެއްކަމަށެވެ.
ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ އަމަލުތަކާއި ގުޅިގެން ސަލާމަތީ ބާރުތައް ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް މާލެއާއި އަތޮޅުތެރޭގައިކުރިއަށް ގެންގޮސްފައި ވާއިރު ބައެއް ތަންތަން ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އެހެންނަމަވެސް އަތުލައިގެން ތަކެތީގެ ތެރޭގައި އެއްވެސް ހަތިޔާރެއް ނުހިމެނޭކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ