ސިޔާސީ ޕާޓީތަކާއި ވެރިކަމުގައި ތިބުމަށް އެކުލަވާލާފައިވާ ކޯލިޝަންގެ ކުރިއަށް އަންނާނީ ދީނާއި ޤައުމު ކަމުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ ދިފާއުގައި ބަސްބުނުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވަކަމަށެވެ. އެއީ ވަކި ސިޔާސީ ޕާޓީއަކަށް ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވުމަކުން އެކަނި ލިބޭ ހައްގެއް ނޫންކަމަށެވެ. އިސްލާމްދީނާއި ދެކޮޅަށް ކުރެވޭ ކަންކަމާއި ބުނެވޭ ބަސްތަކާއި ދެކޮޅަށް އަޑު އުފުލައި ދީނުގެ ދިފާއުގައި ނިކުތުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއްކަމަށް ނިހާން ވިދާޅުވި އެވެ.
"އިސްލާމް ދީނުގެ ދިފާޢުގައި ބަަސްބުނުމުގެ ހައްޤު އޮންނަށްޖެހޭނީ ވަކި ސިޔާސީ ޕާޓީ އެއްގައި ހިމެނޭ ވަކި ބަޔަކަށް ނޫނެވެ. މުސްލިމު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މި ހައްޤު ފުރިހަމަ އަށް ލިބިގެންވެއެވެ. ދީނާއި ޤައުމު އަންނާނީ ކުރިއަށެވެ. ޕާޓީއާއި ކޯލިޝަން އަންނަނީ އޭގެ ފަހަތަށެވެ" ނިހާން ވިދާޅުވި އެވެ.
ނިހާން މިފަދައިން ވިދާޅުވެފައިވާއިރު އިންޑިޔާއަށް ނިސްބަތްވާ ޑޮކްޓަރު ﷲ އަށް ފުރައްސާރަކޮށް މަގުމަތީގައި މަސްތުގެ ހާލުގައި އުޅުނު މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. ބިދޭސީއަކު މާތްﷲ އަށް ފުރައްސާރަ ކުރިއިރު އެމަންޒަރު ބަލަން ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅައި ތިބުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އޭނާ ފަހުން ހައްޔަރުކޮށް ކޯޓުން އޭނާ ދޫކޮށްލުމުން އަނެއްކާވެސް ވަނީ އިތުރު ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ރޭގެވަގުތެއްގައިކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ ކޯޓުން ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ކޯޓުން އޭނާ ދޫކޮށްލިނަމަވެސް މިމައްސަލަ ފުލުހުން ތަޙުގީގުކުރަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
ނިހާން ވިދާޅުވީ މިފަދަ ދީނާއި ޚިލާފް ކަންކަމަކީ އެއްވެސް ހާލެއްގައި ބަލައި ގަނެވޭ ކަންތަކެއް ނޫންކަމަށެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން އުޅޭ ޤައުމަކަށްވާއިރު މިފަދަ ދީނާއި ދުރު ކަންތައްތަކަކީ ވަކި ބަޔަކަށް ރުހޭ ކަމަކަށްވިޔަސް މިއީ ދިވެހި ރައްޔިތުން ބަލަިއ ގަންނަ ކަމެއްނޫންކަމަށް ނިހާން ވިދާޅުވިއެވެ.
"އިސްލާމްދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމުގައި އަތުން އެކަން ހުއްޓުވޭފަދަ މީހަކު ނަމަ އެކަމެއް އަތުން ހުއްޓުވާނީއެވެ. ދުލުން ހުއްޓުވޭމީހާ ދުލުން ހުއްޓުވާނީއެވެ. އެވަރުވެސް ނުވެވޭ މީހާ އިޝާރާތަކުން ނަމަވެސް އެކަން ކުށްވެރު ކޮށް، ހިތުންވެސް އެކަން ކުށްވެރި ކުރަންވާނެއެވެ" ނިހާން ވިދާޅުވި އެވެ.
އިސްލާމްދީނަށް ފުރައްސާރަ ކުރާ ގިނަ މައްސަލަތައް ފުލުހުން އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤު ނުކުރެވޭ ކަމަށްބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، ދީނާއި ދެކޮޅަށް ޖަމްއިއްޔާ ޖަމާއާއަތް ހަދައިގެން ނެރުނު ބޮޑެތި ރިޕޯޓްތަކުގެ މައްސަލަތައްވެސް ބެލިފައި ނުވާކަން އިދިކޮޅު ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
ކޮމެންޓު ފޮނުވާ