މިހާރު ކުރިޔަށްދާ ޔޫރަޕުގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިން އާއި ސްވިޑެން ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ސްޕެއިންގެ ސެވިލްގެ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ. މިއީ ޔޫރޯގެ ތާރީހުގައި ފުރަތަމަ މެޗުން ލަނޑެއް ނުޖެހި ސްޕެއިނުން ފަރު ޖައްސާލަން ޖެހުނު ފުރަތަމަ ފަހަރެއެވެ.
މި މެޗުގައި އެއްކޮށް ކަހަލަ ގޮތަކަށް ގިނައިރު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ސްޕެއިނުންނެވެ. ސްވިޑެން ޓީމުގެ ފަރާތުން ފެނިގެން ދިޔައީ މާ ބޮޑަށް އެޓޭކް ކުރުމުގެ ބަދަލުގައި ޑިފެންސް ކުރި މަންޒަރެވެ. ނަމަވެސް އެޓީމަށް ލިބުނު މަދު ފުރުޞަތެއްގައި ސްޕެއިންގެ ގޯލަށް ނުރައްކާކުރިއެވެ.
މި މެޗުގައި ސްޕެއިން ޓީމުން 932 ޕާސް ޖަހާފައިވާއިރު ސްވިޑެން ޓީމުން ޖަހާފައިވަނީ 176 ޕާހެއެވެ. އަދި 16 ހަމަލާއެއް ސްޕެއިނުން ފޮނުވާލިއިރު ސްވިޑެން އިން ފޮނުވާލީ އެންމެ 4 ހަމަލާއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ސްޕެއިންނަށް ލިބިފައި ވެއެވެ، އޭގެ ތެރޭގައި މޮރާޓާއަށް ލިބި ބޭރަށް ޖެހި ހުސް ފުރުސަތު ހިމެނެއެވެ. އެ ހާފުގައި ސްވިޑެންގެ ކީޕަރު ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.
ފުރަތަމަ ހާފުގައި ސްވިޑެން އަށް އުފެއްދުނީ ދެ ހަމަލާއެކެވެ. އޭގެ ތެރެއިން އެއް ހަމަލާގައި ސްޕެއިން ސަލާމަތްވީ ސްވިޑެންއަށް ނަސީބު އެހީ ނުވުމުންނެވެ. ސްވިޑެންގެ އިސާކް ފޮނުވާލި ބޯޅަ ސްޕެއިން ކުޅުނެތެރިއަކުން ބައިކޮޅަށް ވަންނަން ގޮސް ދަނޑީގައި ޖެހިފައި ބޯޅަށް ވެއްޓުނީ ކީޕަރުގެ އަތަށެވެ.
މި ނަތީޖާއާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ހިމެނޭ ގްރޫޕް އީގެ އެއްވަނައިގައި 3 ޕޮއިންޓާއެކު މިވަގުތު އޮތީ ޕޮލެންޑް ބަލިކުރި ސްލޮވާކިއާއެވެ. ދެވަނަ އާއި ތިންވަނައިގައި އޮތް ސްވިޑެން އާއި ސްޕެއިންއަށް ލިބެނީ 1 ޕޮއިންޓެކެއެވެ. ފުލުގައި އޮތީ ޕޮލެންޑްއެވެ.
ކޮމެންޓު ފޮނުވާ