ދެބާރުގެ ވެރިންނަށް ރަސްމީ ގެއެއް ދައުލަތުން ހަމަޖެއްސުމުގެ ބިލު ކޮމިޓީން ފާސްކޮށްފި

ދެބާރުގެ ވެރިންނަށް ރަސްމީ ގެއެއް ދައުލަތުން ހަމަޖެއްސުމުގެ ބިލު ކޮމިޓީން ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
14 ޖޫން 2021 11:54
0

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރު ކޮށްދިނުމަށް ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ސަރުކާރުން ހުށައެޅިގޮތަށްސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީން ރޭ އެ ބިލު ފާސްކުރެއްވީ ބިލުގައި ހިމެނޭ ބައެއް އިބާރާތްތަކަށް ބަދަލު ގެނައުމަށްފަހުއެވެ. އެގޮތުން މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެއެއް ހަމަޖައްސައި ދިނުމަށް ބިލުގައި ހިމަނާފައި އޮތް އޮތުމުގެ ބަދަލުގައި، އެބޭފުޅުންނަށް ދިރިއުޅުއްވާނެ ތަނެއް ހަމަަޖައްސައި ދޭން ޖެހޭކަމަށް ބިލުގެ ޢިބާރާތް ބަދަލުކޮށްފައިވެއެވެ. ކޮމިޓީން އެގޮތަށް ޢިބާރަތް ބަދަލުކޮށްފައިވަނީ، މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރަށް ގެއެއް ހަމަޖައްސައި ދޭން ޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފިނަމަ އެތަންތަނަކީ ވަކިން ހުންނަން ޖެހޭ އިމާރާތެއްގެ ގޮތުގައި ސިފަ ކުރުމުގެ ފުރުސަތު އޮންނާނެތީއެވެ.

މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ދިއރިއުޅުއްވަން ރަސްމީ ގެކޮޅެއް ކަނޑައެޅުވުމަށް ސަރުކާރުން ވަކިވަކިން ހުށައެޅުއްވި ދެބިލުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެއަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށެވެ. އަދި އެދެބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވާ ތަނަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައިވާންވާނެކަމަށްވެސް ވަނީ ބުނެފައެވެ.

މިދެގެކޮޅުގެވެސް ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންކަމަށް ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންކަމަށާއި، އުއްތަމަ ފަނޑިޔާރުގެ ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސްޕްރީމް ކޯޓުންކަމަށްވެސަ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންގުވުމަށް އުއްތަމަ ފަނޑިޔާރު އެކުލަވާލެއްވި މިބިލަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމެވި ނިންވުމެކެވެ.

ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ އެމަނިކުފާނުގެ ދިރިއުޅުއްވާ ގެކޮޅު ކެނެރީގެ ހުންނަ ގޯޅިއަށް ރަސްމީ ކާރުކޮޅު ނުވެއްދޭތީ އެކަމުގެ ކަނބޮޑުވުން ސަލާމަތީ ބާރުތަކުން ފާހަގަ ކޮށްފައިވަނިކޮށެވެ. އަދި އެ ގޯޅީގައި ޕާކުނުކުރޭވެ އިންތިޒާމު ހަމަޖައްސާދޭން އެދިފައިވަނިކޮށް ކަމަށްވެސް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ. މި ހަމަލާއަށް ފަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ހަނި ގޯޅީގައި ޕާކުނުކުރެވޭ ގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.