ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި 66 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީ ލިޔުން އަރުވައިފިއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމީ ޖަލްސާގައި މި ޝަރަފު އެރުވުނު ބޭފުޅުންގެ ތެރޭގައި ސިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާ އަދި ވިޔަފާރީގެ ދާއިރާގެ އިތުރުން ޤައުމަށް ބޭނުންތެރި އެތައް ދާއިރާއަކުން ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މި ފަހަރުގެ އިނާމު އެރުވި ބޭފުޅުންގެ ތެރޭގައި، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނަށް ޚާއްޞަކޮށްގެން ރައީސް ނިންމެވި ނިންމެވުމުގެ ދަށުން ޝަރުތު ފުރިހަމަވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންގެ ރެކޯޑުތައް ރައީސް އޮފީހުން ހޯއްދެވުމަށްފަހު ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، ކޮމިޓީން އެ މަޢުލޫމާތު ދިރާސާކޮށް ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު ޝަރުތު ފުރިހަމަވި ބޭފުޅުން ކަނޑައެޅުއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ޢާންމުކޮށް ހުޅުވައިލައްވައި، މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވިއިރު 130 ފޯމު ހުށަހަޅާފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެއްވަނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި، ނުވަތަ ސަރުކާރުގެ މެޖޯރިޓީ ޙިއްޞާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން، ނުވަތަ އެހެން ފަރާތަކުން، ނުވަތަ އެ މީހަކު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.
ކޮމެންޓު ފޮނުވާ