މަސްތުވާތަކެއްޗާއެކު 9 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު 9 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
13 ޖޫން 2021 01:57
0

ހަ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފުލުހުން 9 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި، ތ. ކިނބިދޫ ޕޮލިސް ސްޓޭޝަން، ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަން، ފުވައްމުލަކު ޕޮލިސް ސްޓޭޝަން އަދި އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހަކާއި، 32އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކާއި، 36 އަހަރުގެ މީހަކާއި، 38 އަހަރުުގެ މީހަކާއި، 46 އަހަރުގެ މީހެއްގެ އިތުރުން 49 އަހަރުގެ މީހަކާއި 59 އަހަރުގެ މީހެއްކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.

މި މީހުންގެ ތެެރެއިން 29 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ކިނބިދޫ ގެއެއްގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރުގެ ދަށުން އެގެ ބަލައިފާސްކުރުމަށްފަހު މި މަހުގެ 10 ވަނަ ދުވަހުކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަނުގައި އެ ކޮޓަރި ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ.

ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު 32 އަހަރުގެ މީހަކު މި މަހުގެ 10 ވަނަ ދުވަހު ހައްޔަރު ކޮށްފައިވެއެވެ. އޭނާ ހުއްޓުވައި އޭނާ ހުރި ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 14 ރަބަރު ޕެކެޓު ފެނިފައިވާކަަމށްވެސް ފުލުހުން ބުންޏެވެ.

ގއ. ވިލިނގިލި ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު 31 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކާއި 38 މީހެއްގެ އިތުރުން 46 އަހަރު އަދި 49 އަހަރުގެ މީހަކު މި މަހުގެ 9 ވަނަ ދުވަހުގެ 09:32 ހާއިރު ހައްޔަރު ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 51 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަޅުކޮޅެއް ފެނިފައިވެއެވެ.

މި މައްސަލާ ގުޅިގެން ހައްޔަރުކުރި 5 މީހުންގެ  ބަންދާމެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެއެވެ. މިގޮތުން 49 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ބާކީތިބި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރު ކޮށްފައިވެއެވެ.

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުންވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެގޮތުން އެ އޮޕަރޭޝަނުގައި، އެ ރަށު ވަލުތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އޭގެ ބަރުދަނުގައި 1.170 ކިލޯ ގްރާމް ހުއްޓެވެ.

އޭގެ އިތުރުން ކ. ގާފަރު ކައިރީގައި ހިއްކާފައި އޮތް ވެލިގަނޑެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އޮއްވައި އާންމުންގެ ބަޔަކަށް ފެނުމުން އެތަކެތި ފުލުހުންނާ ހަވާލުކޮށްފައިވެއެވެ. އޭގެ ބަރުދަނުގައި 1 ކިލޯ ގްރާމް ހުރިކަމަށާއި، ނަމަވެސް މި ދެ މައްސަލައާ ގުޅިގެން ވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

އައްޑޫސިޓީ ހިތަދޫ ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިތަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް އަދި ސްޕެސިއަލް އޮޕަރޭޝަންގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހިތަދޫ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. މި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 14 ރަބަރު ޕެކެޓަކާއި ދަގަނޑު ކަނޑިއަކާއި ޑިޖިޓަލް ކައްޓާއެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އައްޑޫސިޓީ ފޭދޫގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގަން ޕޮލިސް ސްޓޭޝަނާއި ސްޕެސިއަލް އޮޕަރޭޝަންގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި 59 އަހަރުގެ މީހަކު މި މަހުގެ 9 ވަނަ ދުވަހު ހައްޔަރު ކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި އޭނާއަށް ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލި ވަގުތު ފުލުހުން އެސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަތައް ފުލުހުންދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.