ކައިރި ނުވެވޭވަރަށް ދުރުވީތަ؟

ކައިރި ނުވެވޭވަރަށް ދުރުވީތަ؟

Author
ހުސެއިން
12 ޖޫން 2021 08:18
0

ސިޔާސީ ކަންކަމަކީ އަބަދުވެސް ކޯޅުން ބޮޑު، އަދި އެހާމެ ދެއްކުންތެރި، "ކުޅިވަރެއް"ވެސް މެއެވެ. އަދި އަމުދުން ދިވެހިރާއްޖެފަދަ ޑިމޮކްރަސީގެ ޅަފަތުގައި އޮންނަ ގައުމުތަކުގައި، ސިޔާސީ އޮއިވަރަކީ އެތައް ގޮތަކަށް ބަދަލުވެ، އެފުއްމުފުށަށްޖެހި، އަނެއްކާ އޭގެ އަސްލަށްވެސް އެތައްފަހަރަކު ރުޖޫޢަ ވެގެން ގޮސްފައި ހުރި ކަންކަމެވެ.

މީގެ ދިރިހުރި އެތައް މިސާލެއް ރާއްޖޭގެ ފަހުގެ ތާރީޚުން، ފެންނާން އެހެރީއެވެ.

އެއް އިރެއްގެ ސިޔާސީ ހަތުރުން، މިއަދުގެ ސިޔާސީ މިތުރުންނަށް ވެގެން އެހެރަގެން ކުރިޔަށް ދަނީއެވެ. ހަމަ މި ބީދައިން، އެއް އިރެއްގެ މިތުރުން މިއަދު ހަތުރުންނަށްވެ، އެއްބަޔަކު އަނެއްބައެއްގެ ކަރުގައި މިހިރަގެން ހިފަމުން ދަނީއެވެ.

ސިޔާސީ ކަންކަމަކީ، ގައުމުގެ ވެރިކަމާއި ޖާހަތާއި އަބަދުވެސް ގުޅިލާމެހިފައިވާ ކަންކަމަށްވާތީ، މިހަގީގަތް މިބީދައިން ފެންނަމުން ގޮސްފައިވަނީ ހަމައެކަނި ދިވެހިރާއްޖެއަކު އެކަންޏެއް ނޫނެވެ.

މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުންވެސް، ސީދާ މިއުސޫލުން ނޫންނަމަވެސް، ހަމަ ފެންނަމުންދާ މަންޒަރުތަކެވެ.

މިސާލެއްގެ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިމޮކްރަޓިކް ނިޒާމުއޮތް އެމެރިކާއަށް ބަލާލަމާތޯއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތަކުގައި ކެނޑިޑޭޓުން އިޚްތިޔާރު ކުރުމުގައި، ޕާޓީ ޕްލެޓްފޯމު ދޫކޮށް، ކެނޑިޑޭޓުންނަށް ތާއީދު ކުރުމަކީ ފެންނަ މަންޒަރެކެވެ. މީގެ އެންމެ ގިނަ މަންޒަރުތައް ފެނިގެން ދިޔަ އެއް އިންތިޚާބަކީ އެގައުމުގައި އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިޚާބެވެ.

ޓްރަމްޕްގެ ސިޔާސަތު ކަމު ނުގޮސްގެން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އެތަކެއް މެމްބަރުންނެއް ފާއިތުވި އިންތިޚާބު ބޯމަތި ވެފައިވަނިކޮށް ޓްރަމްޕާ ދެކޮޅަށް އޭނާ އިމްޕީޗު ކުރުމަށް (މަގާމުން ވަކިކުރުމަށް) އޭނާއާއި ދެކޮޅަށް ވޯޓު ދީފައި ވެއެވެ. މީގެތެރޭގައި އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ އެންމެ ސީނިއަރ އެއް މެމްބަރު، އަދި ކުރީގެ ރިޔާސީ ކެނޑިޑޭޓެއްކަމުގައި މިޓް ރޫނީވެސް ހިމެނިވަޑައި ގަންނަވައެވެ.

ވެރިކަމުގައި ހުންނަވަނިކޮށް، ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިން ވަނީ ދެ ފަހަރަށް ޓްރަމްޕް އިމްޕީޗް ކޮށްފަ

ހަމައެފަދައިން، އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރެއް ކަމުގައިވާ، ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކޯލިން ޕަވަލްވެސް ވަނީ ފާއިތުވެދިޔަ އިންތިޚާބުގައި އެޕާޓީގެ ކެނޑިޑޭޓް ޓްރަމްޕަށް ތާއީދު ކުރެއްވުމުގެ ބަދަލުގައި ޑިމޮކްރަޓިކް ޕާޓީގެ  ކެނޑިޑޭޓް، އަދި މިހާރުގެ ރައީސް ޖޯބައިޑްންއަށް ފާޅުގައި ތާޢީދު ކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ، ގައުމުގެ މައްޗަށް ޕާޓީ އިސްކޮށްގެން އޭނާ ސިޔާސީ ޕާޓިއަކަށް ތާޢީދު ނުކުރައްވާނެ ކަމުގައެވެ.

އެހެންނަމަވެސް، ސިޔާސީ ކަންކަމުގެ ތެރޭގައި އޮންނަ މި ސަގާފަތް ދިވެހިރާއްޖޭގައި ފެންނަމުން މިދަނީ މި އުސޫލަކުން ކަމުގައި ދެންނެވެން އެބައޮތްތޯއެވެ؟ އުފެދޭ ސިޔާސީ ހިންހަމަ ނުޖެހުންތައް އާއިލީ ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެ، އަބުރު ކަތިލާ، އެކަކު އަނެއްކެއްގެ ކަރުގައި ހިފާ، އަދި އެވަރުން ނުފުދި މުޅި ހަޔާތް ދުއްވާލާ ހިސާބަށް ދަނީ ރާއްޖެ ފަދަ ޑިމޮކްރަސީގެ ޅަފަތުގައި އޮތް، ނުވަތަ ދުނިޔޭގެ ފަގީރު ގައުމުތަކުގައި ކަން ފާހަގަ ކޮށްލެވެއެވެ.

 

އިއްޔެ ޕީޕީއެމް، މިއަދު އެމްޑިޕީ

ނުހަނު އުއްމީދާއެއެކު، ބޮޑު ކޯލިޝަނެއްގައި ވެރިކަމަށް އައި ޕީޕީއެމްގެ ވެރިކަމަށް ވެގެން ދިޔަގޮތް އަދި ހަދާން ނެތޭހާ ދުވަހެއް ނުވެއެވެ.

ހަމަޖެހިލައިގެން، ވެރިކަން ކޮށްލެވޭހާވަރުވީ ދޮޅު އަހަރެއްހާ ދުވަހުއެވެ. އެތެރޭގައި ޝަކުވާތައް ބޮޑުވެ، ދެބަ އޮޑުވުމާއި، އެކަކަށްވުރެ އަނެކަކު ކުރިއަރައި ދިއުމުގެ ރޫހު ގަދަވެ، ނުފޫޒާއި ބާރުތައް ކޮންމެ މީހަކުވެސް އެމީހެއްގެ މުށުތެރެއަށް ލުމަށް ދަހިވެތިވެ، އެންމެ ފަހުން، ވެރިކަމުގެ މުގުލުގައި ތިއްބެވި ދެބޭންވެސް ތޮޅި، ވެރިކަން ފަސާދަވެދިޔައީ އެންމެންގެ ލޯ ކުރިމަތީގައެވެ.

އެންމެ ފަހުން، ރައީސް ޔާމީން އެމަނިކްފާނުގެ އެއްބަފާ، އުމުރުން 80 އަހަރުން މަތީގެ ބޭބޭފުޅު ޖަލަށްވެސް ލެއްވީއެވެ. އަދި ތިމާއަށް ބޮޑުބޭބެ ކިޔާ ކުދިންނާއި، އެނޫނަސް އާއިލީ މީހުންގެ އިތުރުން އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުންތަކެއް ކަހަލަ ގޮތަކަށްވެސް ޖަލަށް ލެއްވީއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، މަޖިލިސް މެމްބަރުންނާއި، އަމިއްލަފުޅު ނާއިބު ރައިސާއި، ޕޮލިސް ކޮމިޝަނަރުންނާއި މިހެންގޮސް ދައުލަތުގެ އިސް އެތަކެއް މަގާމްތަކެއްގައި ތިއްބެވި އެތަކެއް ބޭފުޅުންނެކެވެ.

ޕީޕީއެމްގެ ވެރިކަން "ހަލާކުވެ" ދިއުމަށް މެދުވެރިވީ އެތަކެއް ސަބަބުތަކެއް ހުރިހަކަމުގައިވި ނަމަވެސް، މި ހުރިހާ މައްސަލަތަކެއްގެ އަސްލު ގުޅިފައިއޮތީ ހަމަ އެންމެ ސަބަބަކާއެވެ. ޕީޕީއެމްގެ އެތެރޭގައި އުފެދިގެން ދިޔައީ ހަމައެކަނި ވެރިކަމުގެ ޝައުގުގައި އުފެދިގެން ދިޔަ ތަޅާފޮޅުމެކެވެ.

ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވީ ރައީސް މައުމޫންގެ އެހިތެރިކަމާއެކު، އެހެންނަމަވެސް ވެރިކަން ނިމިގެން ދިޔައީ ދެބޭފުޅުންވެސް ހަތުރުވެރި ވެގެން

އެއްބަޔަކު ބައިއަތު ހިފީ ރައީސް ޔާމިންއާއެވެ. އަނެއް ބަޔަކު ބައިއަތު ހިފީ ރައީސް މައުމޫނާއެވެ. ޕާޓީ ތެރޭގައި ދެ ފެކްޝަނެއް އުފެދި، މި ދެފެކްޝަންގެ ދެމެދުގައި ޚިޔާލުތަފާތުވުން ބޮޑުވެ، އެއްބަޔަކު އަނެއް ބައެއްގެ މެދުގައި ހަތުރުވެރިކަން އިންތިހާއަށް ދިޔައީއެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ، އެންމެ ފަހުން، ޕީޕީއެމްގެ ހަގީގީ ބާނީ އެޕާޓީން ބޭރުކުރެވިގެން ދިއުމެވެ. އަދި އޭގެ މުގާބިލުގައި ރައީސް މައުމޫން އޭރުގެ ސަރުކާރާ އިދިކޮޅު ފަރަތްތަކާ ބައިއަތު ހިފާ ރައީސް ޔާމިންގެ ވެރިކަން ބަދަލު ކުރުމަށް ފާޅުގައި މަސައްކަތް ކުރައްވަން ފެއްޓެވީއެވެ.

މިއަދުގެ ނަތީޖާއަކީ، ވެރިކަން ބަދަލުވެ، އޭރު ރާއްޖޭގެ އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމެ، ބައިބައިވެ، ރައީސް މައުމޫން އާޕާޓީއެއް އުފައްދަވާ، ޕީޕީއެމް ރައީސް ޔާމީނަށް ލިބިގެން ދިޔައީއެވެ.

އެހެންނަމަވެސް، ސިޔާސީ ގޮތުން އުފެދުނު މި ބޮޑު ހަމަނުޖެހުންތައް ބަދަލުވެގެން ދިޔައީ، ނިމުމެއް ނުވާ ދާއިމީ ހަސަދައާއި ފިތުނައަކަށެވެ. ދުރު ވެވުނީ ކައިރި ނުވެވޭހާ މިންވަރަށެވެ.

އިސްވެ ދެންނެވުނު ބޮޑު ފިތުނައިގެ ފައިދާ ނަގާ، ވެރިކަން 2018ވަނަ އަހަރު ލިބިގެން މިދިޔައީ، އެންމެ ބޮޑު ޕާޓީގެ ގޮތުގައި އެމްޑީޕީ ހިމެނޭ ކޯލިޝަނަކަށެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑަިގެންނެވިތާ 2 އަހަރު ފާއިތުވެ ދައުރު ދެބައިވެއްޖެއެވެ. މިއަދުގެ ހާލަތަކީ، ސަރުކާރުގަ އޮތް އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ކާކުކަންވެސް އޮޅޭ ހިސާބަށް ކަންތައް މިއޮތީ ގޮސްފައެވެ.

އަދި، މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން، މަޖިލިސް ރައީސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަނެކަމަށް ފާޅުގައި ވިދާޅުވަމުން ގެންދަވާއިރު، ރައީސް ސޯލިހު ވިދާޅުވަމުން ގެންދަވަނީ، ރައްޔިތުންގެ އާންމު ވޯޓަކުންމެނުވީ އެކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމުގެ މައްސަލަ އެކަންޏެއް ނޫނެވެ. އަދި ރައީސް ސޯލިހުއާއި މަޖިލިސްރައީސް ނަޝީދުއާދެމެދު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތާއީދު ބެހިގެން ދިޔައީކީވެސް އެކަންޏެއް ނޫނެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބެން އޮތީ އެޕާޓީގެ ގައުމީ މަޖިލިހުގެ މެޖޯރިޓީ ލިބިގެން ކަމަށްވާތީ، ކުރިޔަށް އޮތް ގައުމީ މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ހޯދުމަށްވެސް ދެފެކްޝަން އޮތީ އިންތިހާއަށް ވާދަވެރިވަފައެވެ.

މިވާދަވެރިކަމުގެ ތެރެއިން، ހާލަތު ބަދަލުވަމުން އައިސް، މިއަދު ވެރިކަންކުރާ އެމްޑިޕީގެ އެތެރޭގައި ރޯވެފައިވާ ހުޅުގަޑުގެ އަސްލަކަށް ވެގެން މިދިޔައީ 6 މޭގެ ޓެރަރިސްޓު ހަމަލާއެވެ. މިހަމަލާގެ އަޑީގައި ތިބި ބަޔަކު ސަރުކާރުން ހޯދާ ނުދޭނެކަމަށްބުން ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަޑު އުފުލަމުންދާއިރު، އެންމެ ފަހުން މި އިލްޒާމު ރައީސް ސޯލިހުގެ އިސްތަށިފުޅުގައިވެސް އެޅުވީއެވެ.

މި ތަހުގީގަށް ސިދާ ރައީސް ނުފޫޒު ފޯރުއްވަވާ ކަމުގެ ތުހުމަތެވެ.

އަދި މިތުހުމަތުތައް ބޮޑުވެ، އެންމެފަހުން، މުޅި ސަރުކާރު ބަރުބާދު ކުރަން އުޅޭކަމުގެ އިލްޒާމް، ރައީސް ސޯލިހުގެ ޅިޔަނު، މަޖިލިސް މެމްބަރު މުހައްމަދު ރަޝީޑު (ބިގޭ)ގެ ބޮލުގައި އަޅުވާ، އާއިލީ މީހުން އެކަކު އަނެކެއްގެ އަބުރު ކަތިލާ ހިސާބަށް ހާލަތު ގޯސްވެއްޖެއެވެ. އާއިލީ ބޮޑު ފިތުނައެއްގެ އަސަރު އެތައްގޮތަކުން މި ހަނުޖެހުންތަކުގެ ތެރެއިން ދަނީ ފެންނަމުންނެވެ.

ނަޝީދު ވިދާޅުވެފައިވަނީ، މިހާރު މިއޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުމުގެ މަސައްކަތް ކުރައްވާނެ ކަމަށް

އޭރުވެސް މިއަދުވެސް ފެންނަމުން މިދަނީ އެއް ހަގީގަތެކެވެ. އެއް އުރައެއްގައި ދެކަނޑިއަކަށް އޮންނާން ޖެހުނީމައި ނުއުފެނި ނުދާނޭ އެތަކެއް މަންޒަރު ތަކެކެވެ. އޭރު ރައީސް ޔާމީނާއި ރައީސް މައުމޫނެވެ. މިއަދު ރައީސް ސޯލިހާއި ރައީސް ނަޝީދެވެ.

 

މިތުރުން ހަތުރުންނަށް ވާފަދައިން، ހަތުރުން މިތުރުންނަށްވެސް ވެދޭ

ސިޔާސީ ކޯޅުންތައް އިންތިހާއަށް ހޫނެވެ، އަދި އެކަކު އަނެކަކު ދީނުން ބޭރުކޮށް، ހަޔާތަށް ގޮވާ، ކަރުގައި ހިފާ ހިސާބަށް ދިއުމަށްފަހުވެސް، މަސްލަހަތު އެއްގޮތް ވީމާ، ނުވަތަ ތިމާގެ ބޭނުންތަކާއި އެދުންތަކުގެ ކުރިމަތީގައި، މިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަތުރުން މިތުރުންނަށް ވެގެން ގޮސްފައިވަނީ މަދެއްކޮށެއް ނޫނެވެ. ނުވަތަ އަމިއްލަ އެދުންތަކުގެ ކުރިމަތީގައި ހުރިހާ އެއްޗެއް ގުރުބާންކޮށްފައި ވަނީވެސް މަދެއްކޮށެއް ނޫނެވެ.

ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ، މިއަދު ޕީޕީއެމްގެ އެޑްވައިޒަރެވެ. އަދި ރައީސް ޔާމިންގެ ގާނޫނީ ވަކީލްވެސްމެއެވެ. އެހެންނަމަވެސް، ރައީސް ޔާމިންގެ ވެރިކަމުގައި، ޑރ. ޖަމީލް ވިދާޅުވި ގޮތުންނަމަ، ޔާމިންގެ އަމަލްތައް އޭރުހުރީ ފިރުއައުންގެ އަމަލްތަކޭ އެއްފަދައިންނެވެ. އަދި، ރައީސް ޔާމިން މުތުލަގަށް ވައްކަން ކޮށްގެން ހޯދިހާ ފައިސާތައް ދައުލަތަށް ދެއްވަން ޖެހޭނެކަމަށް ވިދާޅުވެ، ޔާމިން އަޒުލުކުރުމަށްވެސް އެންމެ ހަރުއަޑުން ގޮވާލެއްވީވެސް ޑރ. ޖަމީލްއެވެ.

އެހެންނަމަވެސް، މިއަދު ވިދާޅުވަނީ، ރައީސް ޔާމިން ދުވަހަކުވެސް ވައްކަމެއް ނުކުރައްވާ ކަމަށެވެ. އަދި ވިސްނުމާއި ފިކުރު އެކޮޅު ކޮޅުން ޖައްސަވާ، މިއަދު ވިދާޅުވަނީ ރާއްޖޭގެ ވެރިކަމަކަށްވެސް މިހާރުން މިހާރަށް ރައީސް ޔާމިން ގެންނަވަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި، ބައާވާތް ކުރިކަމުގެ ތުހުމަތު އެޕާޓީންނާއި މަޖިލިސް ރައީސް ނަޝީދު ކުރައްވާ އެތައްބަޔަކު ތިއްބެވީ މިސަރުކާރުގެ ތެރޭގައެވެ. އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވޭ އެއްބޭފުޅަކީ، މިސަރުކާރުގެ ހޯމް މިނިސްޓަރު ޝޭޚު އިމްރާނެވެ.

މަޖިލިސްރައީސް ނަޝީދު އަދިވެސް ވަކާލާތު ކުރައްވަމުން ގެންދަވަނީ، ބަޢާވާތް ކުރި މީހުންނަށް އަދަބު ދިނުމަށެވެ. އިންނެވީ މަޖިލިހުގެ ރިޔާސަތުގައެވެ. އަދި އަމިއްލަފުޅު ޕާޓީއަށް މަޖިލިހުގެ ސުޕަރ މެޖޯރިޓީ އެބައޮތެވެ. އެހެންނަމަވެސް، ސުޕަރ މެޖޯރިޓީން ދާދިފަހުން ނިންމީ ޝޭޚު އިމްރާނަށް މަޖިލިހުގެ އިތުބާރު އޮތްކަމަށެވެ.

ހަމަ މިބީދައިން، ޝޭޚު އިމްރާނަކީ، ނަޝީދުގެ ބޮލުގައި ލާދީނީކަމުގެ އެތަކެއް ތުހުމަތުތަކެއް އަޅުވާ، އޭނާ އަކީ ދީނުގެ އަދުއްވެކަމުގައި ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. އެހެންނަމަވެސް، މިއަދުގެ ހާލަތު ފަތާތު ވެއްޖެއެވެ. އެތައްބަޔަކު، އެތަކެއް ތުހުމަތުތަކެއް ނަޝީދުގެ އިސްތަށިފުޅުގައި އެޅުވިޔަސް، ޝޭޚް އިމްރާން ހުންނެވީ ހަނުއެވެ. ނަޝީދުގެ ގޯހެއް، މިއަދަކު ފެންނާކަށް ނެތެވެ.

ނަޝިދުއާއި ޝޭޚް އިމްރާއަކީ ކުރިން ސިޔާސީ ހަތުރުން، އަދި މިހާރުގެ ސިޔާސީ މިތުރުން

މީގެ އެތަކެއް ދިރިހުރި މިސާލުތަކެއް އެހެރީ އަދުގެ ސިޔާސީ މަސްރަހުންވެސް ފެންނާށެވެ.

އެހެންކަމުން، އެމްޑީޕީގެ ދެބަޔަކަށް ބެހި، ދެ ފެކްޝަނެއްގެ ގޮތުގައި މިއަދު މަސައްކަތް ކުރަމުން ދިޔަނަމަވެސް، ކައިރި ނުވެވޭވަރަށް ދުރު ވިޔަސް، ކައިރިވާންވީމާ މިރާއްޖޭގައި ސިޔާސީ ވެރިން ކައިރިވާތަން މާޒީން ވަނީ ފެނިފައެވެ.

ތެދުފުޅެކެވެ. ރައީސް މައުމޫނާ ރައީސް ޔާމިން ކައިރި ނުވެވޭވަރަށް ވަނީ ދުރުވެފައެވެ. އެހެންނަމަވެސް، އެދެބޭފުޅުންވެސް ކައިރިވާންވީމާ ދުރުގައި ނުތިބެ ކައިރިވާނެ ކަމަށް އަދިވެސް ގަބޫލުކުރަން  މަޖުބޫރެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހު ދަނީ އިންތިހާއަށް ދުރުވަމުން ކަމުގައި މިއަދު ގަބޫލު ކުރަންޖެހެއެވެ. ދެބޭފުޅުނަށް ތާއީދު ކުރާ ފަރާތްތައްވެސް މިވަނީ ޕާޓީތެރޭގައި ދެބަޔަކަށް ބެހިގެން ގޮސްފައެވެ. ކައިރި ނުވެވޭވަރަށް ދަނީ ދުރުވަމުންނެވެ. ވަމުންދާ ގޮތް ބަލަން އެތައްބަޔަކި މިތިބީ ޝައުގުވެރިކަމާއެކުއެވެ. ކަރި ނުވެވޭވަރަށް ދުރުވީތޯ މިއީވެސް އެތައްބަޔަކުން މިއަދު ކުރަމުންދާ ސުވާލެކެވެ.!

ކޮމެންޓު ފޮނުވާ

ކޮމެންޓު

1 1234322
އިބުރާހީމަކީ ވަރައް ހިވަޅު މީހެއް، އެންމެ ކައިރި މީހާކަމައް ހެދިގެން ހަކުޅި ކުރިޔައް ކުޅޭމީހާގައިގަ ދަތްއެޅީ ޔޭ، މޑޕ މީހަކު ހަސީލަތް ރަނގަޅެއްނުވާނެ، ތީ ހުސްއެކައްޗެއް، އެެއްގަލުން ފެހިކާ ރޮޑުންތަކެެއް،